ނިޢުމާ މުހައްމަދު (ނިއުމާ މިސް)
ސްކޫލް ބަންދުވެ، ޗުއްޓީ ފެށުމާއެކު އެންމެންގެ ހިތްތަކަށް އުފާވެރި އިހްސާސެއް ލިބެއެވެ. މިއީ ކިޔެވުމުގެ ބުރަ މަސައްކަތުން ވަގުތީގޮތުން މިނިވަންވެ، އަމިއްލަ ޝައުޤުވެރިކަން ހުރި ކަންކަމުގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ނަމަވެސް، މި ވަގުތުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޗުއްޓީގެ ދުވަސްވަރުގައި އަޅުކަންތައް އިތުރުކޮށް، ދީނީ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ހާއްސަ ސަމާލުކަމެއްދޭން ޖެހެއެވެ. މި ދުވަސްވަރުގައި، فرض ނަމާދުތައް ޖަމާއަތުގައި އަދާކުރުމަށް ކުދިންނަށް ނަސޭހަތްތެރިވެ ބާރުއެޅިދާނެއެވެ. މިއީ الله سبحانه وتعالى އާއި އާ އޮންނަ ގުޅުން ބަދަހިކޮށް، ރޫހާނީ ގޮތުން ކުދިންލައްވާ ކުރިއެރުން ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، ޤުރުއާން ކިޔެވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. މިފަދަ ކަންތައްތައް ކުދިން ލައްވައި ކުރުވުމުން ދީނުގެ މަތިވެރި އުސޫލުތަކާއި، ސުލޫކީ މިންގަނޑުތައް ދަސްވެ، ކުދިންގެ اخلاق ރަނގަޅުވެގެންދާނެއެވެ.
ޗުއްޓީގައި ދެން ކުދިން ލައްވައި ކުރެވިދާނެ އަނެއް ކަމަކީ ކުދިން ކިޔަވަމުންދާ މާއްދާތަކާ ގުޅުން ހުރި ފޮތްތަކާއި އަމިއްލަ ޝައުޤުވެރިކަން ހުރި ދާއިރާތަކުގެ ފޮތްތައް ކިޔުއްވުމެވެ. ފޮތްކިޔުމަކީ އިލްމާއި މައުލޫމާތު އިތުރުވެ، ވިސްނުން ތަރައްޤީކުރުމަށް ވަރަށް ބޭނުންތެރި އާދައެކެވެ. އަދި ގިނަ ގިނައިން ފޮތް ކިޔުމުން ބަހުގެ ހުނަރު ތަރައްގީވެ، ބަސްކޮށާރު މުއްސަނދިވެގެންދެއެވެ. މިއީ ލިޔުމުގެ ހުނަރު ކުރިއެރުވުމަށާއި، ވާހަކަދެއްކުމުގެ ހުނަރު ތަރައްގީކުރުމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.
ޗުއްޓީގައި ކުދިން ލައްވާ ތަފާތު ކުޅިވަރުތައް ކުޅުވަން ވެސް ބާރުއެޅިދާނެއެވެ. މިއީ ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ބޭނުންތެރި އަމަލެކެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވުމަކީ އިޖްތިމާއީ ގުޅުންތައް ބަދަހިވާނޭ ކަމެކެވެ. މިފަދަ ކުޅިވަރުތަކުން ނަފްސާނީ ގޮތުންވެސް ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންދެއެވެ މިގޮތުން ޗުއްޓީގައި ފުޓްބޯޅަ، ވޮލީ، ނުވަތަ ފެތުން ފަދަ ކުޅިވަރުތަކުގައި ބައިވެރިވެވިދާނެއެވެ.

ހަމަ މިއާއެކު، ޗުއްޓީގައި އަމިއްލަ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން ކުރެހުން، ލިޔުން، މާޖެހުން، ފެހުން، ކެއްކުން ނުވަތަ މިއުޒިކް ފަދަ ދާއިރާތަކުން އަމިއްލަ ހުނަރު ތަރައްގީކުރުމަށް މަސައްކަތްކުރެވިދާނެއެވެ. މިފަދަ ކަންކަން ކުރުވުމުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގަދަވެ، ވިސްނުން ތަރައްގީވެ އުފެއްދުންތެރިކަން ކުރިއަރާނެއެވެ.
ހާލަތު ތަންދޭނަމަ، ކުދިން ގޮވައިގެން ޗުއްޓީގައި ރަށުން ބޭރަށް ދަތުރުކުރުމަކީވެސް ވަރަށް ގިނަ ފިލާވަޅުތަކާއި ފައިދާތައް ލިބޭނެ ކަމެކެވެ. މިގޮތުން އާ ތަންތަން ފެނި، އާ މީހުންނާ ބައްދަލުވެ، ތަފާތު ސަގާފަތްތައް ދަސްކޮށް، ދުނިޔޭގައި އެހެން މީހުން އުޅޭގޮތްތަކުގެ ތަޖުރިބާތައް ލިބިގެންދާނެއެވެ. މިފަދަ ދަތުރުތަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގަދަވެ، މުވާސަލާތީ ހުނަރުތައް ތަރައްޤީވެއެވެ.
އަދި ހަމައެހެންމެ، ޗުއްޓީގައި އާއިލާއާއެކު ވަގުތު ހޭދަކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ މީހުންނާއެކު ވަގުތު ހޭދަކޮށް، އެކުގައި ކެއުން ތައްޔާރުކުރުމާއި، ފިލްމު ބެލުމާއި، ޕިކްނިކްދިއުން ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އާއިލީ ގުޅުން ބަދަހިވެ، އުފާވެރި ހަނދާންތައް އުފެދިގެންދާނެއެވެ. ހާއްސަކޮށް މިއީ ކާފައާއި މާމައާއެކު ވަގުތު ހޭދަކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މި މީހުންގެ އަގުހުރި ތަޖުރިބާތަކާއި، ހިކުމަތްތެރި ވާހަކަތައް އަޑުއެހުމަކީ ކުދިންނަށް ލިބޭ އަގުހުރި ފިލާވަޅުތަކެކެވެ. އިސްރަށްވެހިންގެ ވާހަކަތަކުން އިހުގެ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އާދަކާދަތަކާއި، އޭރުގައި ދިވެހިންނަށް ދިމާވި ގޮންޖެހުންތަކާއި ކާމިޔާބީތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ކާފައާއި މާމަގެ ހަނދާންތަކާއި ތަޖުރިބާގެ ވާހަކަތައް އަޑުއެހުމުގެ އިތުރުން، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް، އެމީހުންނަށް ގޭތެރޭގައި އެހީތެރިވުމާއި، ބަލިވުމުން، ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވުން ފަދަ ކަންކަމުގައި ކުދިންނަށް އެހީތެރިވެވިދާނެއެވެ. އަދި ކާފައާއި މާމަ ދުރުގައި ދިރިއުޅޭނަމަ ފޯނުކޮށް ހާލު އަހުވާލު އަހާލުމާއި، އެ މީހުން އުޅޭގެއަށް ޒިޔާރަތް ކުރުން ވެސް ޗުއްޓީގައި ކުރެވިދާނެއެވެ.
ޗުއްޓީގައި ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ވެސް ބައިވެރިވެވި ދާނެއެވެ. މިސާލަކަށް، ރަށު ކައުންސިލާއި ޖަމިއްޔާތަކުން ރާވައިގެން އިންތިޒާމުކުރާ ރަށް ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވެވިދާނެއެވެ. މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން އިޖްތިމާއީ ޒިންމާ އުފުލުމުގެ މުހިންމުކަން ދަސްވެ، މުޖުތަމައުގެ އަގުތައް އެގި، ރަށް ތަރައްގީ ކުރުމުގައި ބައިވެރިވުމުގެ މުހިންމު އިހްސާސްތައް ކުރެވިގެންދާނެއެވެ.
ހިޔާލު