މި ޒަމާނުގައި އިނގިރޭސި ބަސް އެނގުމަކީ މުހިއްމު ކަމެއް ހެއްޔެވެ؟

އައިޝަތު އައިނީ ސައީދު / އުކުޅަހުސްކޫލް / 10އޭ

ދެކޭގޮތް ހާމަކުރާ ލިޔުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ދެއްކުމަށްޓަކައި 6500 އަށް ވުރެ ގިނަ ބަސް ބޭނުންކުރަމުން ދާއިރު، އިނގިރޭސި ބަސް ދަސްކުރުމަށް ޓަކައި ވަރަށް ގިނަ ބަޔަކު މިއަދު މަސައްކަތް ކުރެއެވެ. ދުނިޔޭގެ އާބާދީގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބަހަކަށް އިނގިރޭސިބަސް ވީ ހިނދު، އިނގިރޭސި ބަސް އެނގިގެން މެނުވީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުރިހަމަ ކުރެވޭކަށް ނެތެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ގިނަ އަދަދެއްގެ ކަންތައްތައް އިނގިރޭސި ބަހުގެ މައްޗަށް މިވަނީ ބަރޯސާ ވެފައެެވެ. އެހެންކަމުން އިނގިރޭސި ބަސް އެނގުމުން ވަޒީފާގެ ފުރުޞަތު ތަނަވަސްވެ، ދުނިޔޭގަ ހިނގަމުންދާ ކަންކަމާމެދު ހޭލުންތެރިވެވި، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބި އަދި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ފަސޭހަތަކެއް ލިބިގެންދާތީވެ މިޒަމާނުގައި އިގިރޭސިބަހަށް ފަރިތަވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ.

އިނިގިރޭސި ބަހަށް އަހުލުވެރިވާން ޖެހޭކަމަށް އަޅުގަނޑު ދެކޭ މައިގަނޑު އެއްސަބަބަކީ ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ދާތީއެވެ. މި ގޮތުން އަމިއްލަ ޤައުމުގެ އިތުރުން ބޭރު ގާއުމުތަކުގެ ވަޒީފާތައްވެސް ފަހިވެގެންދާނެއެވެ. އެހެނީ އިނގިރޭސި ބަހަކީ ބައިނަލް އަޤުވާމީ ބަހަކަށްވެފައި ގިނަ ވަޒީފާތަކަށް އިންޓަވިއުތައް ވެސް ކުރެވެނީ އިނގިރޭސިބަހުންކަމަށް ވަާތީއެވެ. ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް އެނގޭނަމަ ކުރިމަތިލާ ވަޒީފާއަށް ހޮވުމުގެ ފުރުސަތު ތަނަވަސް ވެގެން ދެއެވެ. އަދި ހަމަ އެހެންމެ ލިބޭ ފަޒީފާގެ ފުރުޞަތު ތަކާއެކު މިއީ ލިބޭ ޢާމްދަނީ ބޮޑުތަނުން އިތުރުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރާ މުއައްޒަފުންނާއި ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް ފަސޭހަވެގެން ދެއެވެ. ވަޒީފާގެ  ފުރުޞަތުތައް ހަނިވެފައިވާ ޒަމާނެއްގައި މިފަދަ ކަންތައްތައް ފަހިވެގެންދާތީ އިނގިރޭސިބަސް އެނގުން މުހިއްމު ކަމެއް ގޮތުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

ދިވެހިބަހާއި އެއްވަރަށް އިނގިރޭސިބަހަށް ފަރިތަނަމަ ދުނިޔޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ލިބި، އެކަންކަމަށް ލޯހުޅުވި، ހޭލުންތެރިވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ ބަވަނަ ވެފައިވާ ދުނިޔޭގައި ފަންނިއްޔާތުގެ ތަފާތު އުފެއްދުންތައް އީޖާދުކޮށް އެފަދަ އުފެއްދުންތަކުގެ އެހީގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ މަގު ތަނަވަސް ކޮށްދީފައި ވާތީއެވެ. މިއަދު ފަންނިއްޔާތުގެ އެކިއުފެއްދުންތަކުން މައުލޫމާތު ލިބެން ހުންނަ މައިގަނޑު ބަހަކީ އިނގިރޭސިބަސް ކަމަށް ވީމައެވެ. އަދި މިފަދަ ވަސީލަތްތަކާއި އާލާތްތަކުން މައުލޫމާތު ހޯދާނަމަ އިނގިރޭސި ބަސް އެގެންޖެހޭ ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އިނިގރޭސިބަސް ނޭންގޭނަމަ މިފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި މައުލޫމާތު ހޯދުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. ދުނިޔެ އާއި މެދު ހޭލުންތެރިވެ ދުނިޔޭގެ އާޖުފާޖު އެނގުމަށްޓަކައި މިޒަމާނުގައި އިނގިރޭސިބަސް އެނގުމަކީ ލާޒިމް ކަމެއްކަމުގައި އަޅުގަނޑަށް ވިސްނެއެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ދުނިޔޭގެ ގިނަ ބައްރުތަކެއް ގުޅުވާލެވިފައިވާ މިޒަމާނުގައި އިނގިރޭސިބަހަށް ފަރިތަނަމަ ދަތުރުފަތުރު ކުރުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. މިއަދު ގިނަ އެއާޕޯޓްތަކުގައި ބޭނުންކުރާ މައިގަނޑު ބަހަކީ އިނގިރޭސިބަހެއެވެ. އަދި  ދަތުރުވެރިންނަށް ހާއްސަކޮށްގެން ދޭންބޭނުންވާ ގިނަ މެސެޖުތައް ފޯރުކޮށްދެނީ އިނގިރޭސިބަހުންނެވެ. އެހެންކަމުން އެތަންތަނުން ހިދުމަތް ހޯދާއިރު، އެތާގެ މުއައްޒަފުންނާ މުއާމަލާތު ކުރުމަށާއި، ފޯރުކޮށްދޭ މެސެޖުތައް ދޭހަވެ، މޭރުން ވުމަށްޓަކައި އިނގިރޭސިބަސް އެގުން މުހިއްމު ކަމުގައި ވިސްނެއެވެ.  މިގޮތުން އިނގިރޭސި ބަހަށް ފަރިތަނަމަ އެއަޕޯޓު އަދި ބަހުގައި ވިޔަސް ދާންބޭނުންވާ މަގު ހޯދުމަށް ފަސޭހަވެއެވެ. ގޫގަލް މެޕް އެހީގައި ދާންބޭނުންވާ ތަންތަނުގެ މައުލޫމާތު ހޯދާލެވެއެވެ. އެހެންކަމުން މިޒަމާނުގައި އެއް ގައުމުން އަނެއް ޤައުމަށް ދަތުރުކުރާއިރު އިނގިރޭސިބަސް އެނގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ.

ވިޔަފާރި އާއި އިޤްތިޞާދު ހަރުދަނާ ކުރުމުގައިވެސް އިނގިރޭސި ބަސް މުހިއްމު ދައުރެއް އަދާކުރާކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ މިއަދުގެ ގިނަ ޒުވާން ވިޔަފާރިވެރިން އެމީހުން ވިޔާފާރީގެ ނަފާ އިތުރުކުރުމުގައި އިނގިރޭސި ބަހުގެ ބޭނުން ހިފަމުން ދާތީއެވެ. މިގޮތުން ކުރަމުން އަންނަ ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓް ހޯދުމަށްޓަކައި އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން އިގިރޭސިބަހުން އިސްތިހާރު ކުރާތީއެވެ. ހަމަ އެހެންމެ މިއަދު ރަށްރަށުގައި ހުޅުވިފައިވާ ގެސްޓް ހައުސްތަކާއި އަދި ފަތުރުވެރިކަމާއި ގުޅުންހުރި ގިނަ ވިޔަފާރިތަކުގެ ނަފާ އިތުރުކުރުމަށް އިނގިރޭސިބަހުން އަންނަނީ އިސްތިހާރު ކުރަމުންނެވެ. މިގޮތަށް އިނގިރޭސިބަހުން އިސްތިހާރު ކުރުމުން ގިނަބަޔަކަށް އެ ތަނެއްގެ މައުލޫމާތު ލިބި އަންނަ ފަތުރުވެރިންގެ އަދަދު ވިޔަނުކުރެވޭހާ ގިނަވެގެން ދެއެވެ. ލިބޭ އާއްމުދާނީ ދެގުނަވެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔަފާރީގެ މުއާމަލާތުތައް ކުރުމަށްވެސް މިޒަމާނުގައި ބޭނުންކުރާ މައިގަނޑު ބަހަކީ އިގިރޭސިބަސް ކަމުގައި ވީތީއެވެ. އެހެންކަމުން މި ޒަމާނުގައި ވިޔަފާރިތައް ކުރިއަރުވާ ތަރައްޤީކުރުމަށް އިނގިރޭސިބަސް އެންގުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

އިނިގިރޭސިބަހަކީ އަހަރެމެން ކޮންމެހެންވެސް ދަސްކުރަން ޖެހިފައިވާ ބަހެކެވެ. 21 ވަނަ ޤަރުނުގައި އަޅުގަނޑުމެންނަށް އިނގިރޭސިބަހާއި ބީރައްޓެހި ވެގެން ތިބެވޭކަށް ނެތެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިނގިރޭސިބަހުގެ ބޭނުން ބޮޑުވަމުން ދާކަމުގައި އަޅުގަނޑު ދެކެވެ. ރަނގަޅު ފެންވަރުގެ ވަޒީފާ އެއް ހޯދުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށްށެވެ. އަދި ހަމަ އެހެންމެ ދަތުރުފަތުރުގެ ލުއިފަސޭހަތައް ހޯދުމަށާއި ދުނިޔެއާއި މެދު ހޭލުންތެރި ވުމަށްވެސް މިޒަމާނުގައި އިނގިރޭސިބަސް އެގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ. ވީމާ އިނގިރޭސިބަސް ދަސްކުރުމަށް ގަދަހިތްވަރާއެކު މަސައްކަތް ކުރާ ކުދިބަޔަކަށް ވާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *