މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 11ގައި ކިޔަވަމުންދާ ސެން ދަރިވަރު އަބްދުﷲ ނަސީމް އަބްދުލް މަތީން އަމިއްލަ ގޮތުން ބައިވެރިވެ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 18 އަހަރުން ދަށުގެ ބައިން ތިންވަނަ ހޯދައިފިއެވެ.
ނަސީމަކީ ފައިންމޮޓޯ ސްކިލްސް ބޭނުން ކުރުމުގައި އުނދަގޫ ތަކެއް ހުރި ނަމަވެސް ރީއްޗަށް ލިޔަން މަސައްކަތް ކުރާ ހުނަރުވެރި ދަރިވަރެކެވެ.
ދިވެހި ބަހުގެ އެކަޑެމީގެ ފަރާތުން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކުގައި މ. އޭއީސީން ބައިވެރި ނުވާތީ، ޅެންހެދުމާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ނަސީމް ބައިވެރިވީ އަމިއްލަ ގޮތުންނެވެ. އެ މުބާރާތަށް ތައްޔާރުވީ ވެސް އަމިލައަށް، އިންޓަރނެޓުންނާއި ފޮތްތަކުން މައުލޫމާތު ހޯދައިގެންނެވެ.
ނަސީމް ބުނީ، އަބްދުﷲ ސޯދިޤް (ސޯދުބެ) އަކީ އޭނާގެ ތިއްތިބެ ކަމަށާއި ތިއްތިބެ ފަދައިން ޅެން ހަދަން އޭނާ ވެސް ބޭނުންވާ ކަމަށެވެ. ފުރަތަމަ ހެދި ޅެން ލިޔުނީ ގުރޭޑް 7ގައި ކިޔަވަމުން ދިޔައިރު މުދައްރިސުންގެ ދުވަހަށް ތައްޔާރު ކުރި ކާޑެއްގައި ކަމަށާއި އެ ޅެމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކިޔައިދީ ކުރިއަށް ދިއުމަށް ހިތްވަރު ދެއްވީ ޓީޗަރުން ކަމަށް ނަސީމް ބުންޏެވެ.
ޤައުމީ މުބާރާތުގައި ބައިވެރިވެ މަޒުމޫނު ލިޔަމުން ދިޔައިރު އަތުގައި ރިއްސާވަރުން ގަޑިއަށް ނިންމާ ލެވުނީ ވެސް ވަރަށް މަސައްކަތުން ކަމަށް ނަސީމް ބުންޏެވެ. އޯލެވެލްގައި ދިވެހިން ސީއެއް ވެސް ލިބުނީ ގަޑިޖެހުނުއިރު ޓެސްޓް ޕޭފަރު ނިންމާނުލެވުމުންނެވެ. ދިވެހިން އޭނާއަށް ލިބުނީ ސީއެކެވެ.
ނަސީމް ބުނީ، މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނައެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި މުބާރާތުގައި ބައިވެރިވީ މަޒުމޫނު ލިޔުމުގެ ޝައުޤުވެރިކަން ހުންނާތީއެވެ.
" ޝައުޤު ހުރީމާ ދެ މުބާރާތުގައި ވެސް ބައިވެރިވީ. ކޮންމެހެން ވަނައެއް ހޯދާކަށް ނޫން. ލިބޭނެ ކަމަށް އުއްމީދެއް ވެސް ނުކުރަން" ނަސީމް ބުންޏެވެ.
ނަސީމް ބުނީ، މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމުގެ ހިތްވަރު ދެއްވީ މަންމައާއި ބައްޕަ ކަމަށެވެ.
" މަންމަ އަބަދުވެސް އުއްމީދު ކުރި ވަނައެއް ލިބޭނެ ކަމަށް"
ނަސީމް ބުނީ، މުބާރާތުން ވަނައެއް ލިބުމުން އޭނާއަށް އުފަލެއް އިހުސާސެއް ނުކުރެވޭ ކަމަށާއި އެއީ އެ މުބާރާތުގައި ބައިވެރިވާން އެންމެ ބޮޑު ހިތްވަރެއް ދިން އެކަކީ ބައްޕަ ކަމަށާއި މުބާރާތުން ވަނަ ހޯދައިގެން އައި މަންޒަރު ބައްޕައަށް ނުފެންނާނެތީއެވެ.
ނަސީމްގެ ބައްޕަ ނިޔާވީ އެ މުބާރާތުގައި ބައިވެރިވި ފަހުންނެވެ. ސްޓްރޯކެއް ޖެހިގެން ނަސީމްގެ ބައްޕަ މ. މުލީ ރީނަޖަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި ދުވަސްވަރަކީ އޭނާ ޓެސްޓްގެ ދުވަސްވަރެވެ. ޓެސްޓަށް ފިލާވަޅު ދަސްކުރީ ވެސް ހޮސްޕިޓަލުގައި އިނދެގެންނެވެ.
" ވަރަށް އުނދަގޫ ދުވަސްކޮޅެއް އެއީ. އެކްސްޓްރާތަކަށް ވެސް ޤަވާއިދުން ނުދެވޭ. ޓެސްޓަށް ފިލާވަޅު ދަސްކުރީ ވެސް ހޮސްޕިޓަލުގައި އިނދެ" ނަސީމް ބުންޏެވެ.
އޯލެވެލްގައި އިނގިރޭސި މާއްދާއިން އޭއެއް، އިސްލާމާއި އިކޮނޮމިކްސްއާއި ބިޒްނަސްއިން ބީއެއް ލިބުނެވެ. ބައޮލޮޖީއާއި އެކައުންޓިންގއާއި ދިވެހިން ސީއެއް ލިބުނެވެ.
ނަސީމް ބުނީ، ޤުރުއާނުގެ އިލްމު އުނގެނެން ބޭނުންވާ ކަމަށާއި ޤިރާއަތު ދަސްކުރަންވާ ކަމަށެވެ.
ނަސީމް ވަނީ ގުރޭޑް 11ގެ ދަރިވަރުންނަށް ހުޅުވާލި ސްޓޫޑެންޓް ޓީޗަރސް ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ހޯދަމުންދާ ނަސީމް ކުރިއަށް ދާނެ ދެތިން ދާއިރާ މިހާރު ވެސް ވަނީ ކަނޑައަޅާފައެވެ. ސެން ޓީޗަރެއްގެ ގޮތުގައި އެހެން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާތީއެވެ. އޭލެވެލްގައި ބިޒްނަސް ސްޓްރީމަށް ކިޔަވަމުން ދިޔަ ނަމަވެސް އިޚްތީޔާރީ މާއްދާއެއްގެ ގޮތުގައި ބައޮލޮޖީ ކިޔަވަމުން ދަނީ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ހުރީތީއެވެ. ޗާޓަރ އެކައުންޓެންޓަކަށް ވުމުގެ ވިސްނުން ވެސް އޭނާ ގެންގުޅެއެވެ.
މ. އެއީސީން ބުނީ، އުނގެނުމުގައި އުނދަގޫ ތަކެއް ހުއްޓަސް ނަސީމަކީ އަޚްލާގު ރަނގަޅު ކިޔަވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ދަރިވަރެކެވެ. ލިޔުމާއި ޤުރުއާން ކިޔެވުމާއި އަދަބީ ކަންތައްތަކުގައި އޭނާގެ ހުނަރު ދައްކަމުން އަންނަ ކަމަށެވެ.
ނަސީމް ބުނީ، އަންނަ އަހަރު ވެސް މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވާނެ ކަމަށާއި އެކަމަށް ތައްޔާރުވެސް ވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރު، 18 އަހަރުން މަތީގެ އުމުރުފުރައިގައި ބައިވެރިވާނަން"
ހިޔާލު