މަލާކު: ޝޫޓިންގައި، ހުވަފެނަކުން ހަޤީޤަތަކަށް

ބައިވެރިވި ދެ އަހަރު ވެސް އޭނާ ހޯދީ ރަން މެޑަލް

މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނުން އާންމުކޮށް ހުޅުވާލި ފުރުޞަތެއްގައި ހިރިޔާ ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ މަރިޔަމް މަލާކު މުހައްމަދު ބައިވެރިވީ ކުޑައިރުއްސުރެ ބަޑިޖަހަން ޝައުޤު ހުންނާތީއެވެ. 700 އެއްހާ ބައިވެރިންނާއެކު ތަމްރީނު ހަދަން އޭނާ ފެށީ މުބާރާތަކުން ވަނައެއް ހޯދުމުގެ ބޭނުމަށްވުރެ ބޮޑަށް އަމިއްލަ ހިތްހަމަޖެހުމަކަށެވެ.

" ގޭމްތަކުގައި ބަޑިޖަހާތީ، ކުޑައިރުއްސުރެ ބޭނުންވެފައި ހުންނަނީ ބަޑިޖަހަން. ވަރަށް ކުރާހިތްވާ ކަމަކަށް އަބަދުވެސް އެކަން ވެފައި އޮތީ" މަލާކު ބުންޏެވެ.

ޝޫޓިން އެސޯސިއޭޝަނުން މިދިޔަ އަހަރު ޓްރެއިނިންގ ޕްރޮގްރާމަކަށް ހުޅުވާލީ އެ ޝައުޤުވެރިކަމުގައި މަލާކު ހުއްޓައެވެ. އެއީ އޭނާ ދެކެމުން އައި ހުވަފެނުގައި ކުލަޖައްސަން ފަހިވި ފުރުސަތެކެވެ. އެ ފުރުޞަތުގެ ބޭނުން ހިފައި އަމާޒަށް ބަޑިޖަހަން އޭނާ ނުކުތީއެވެ.

ތަމްރީނުތައް ކުރިއަށް ގެންދިޔައީ ހަފްތާއަކު ދެ ދުވަހު ގަޑިއެއްހާ އިރަށެވެ. އެ ތަމްރީނު ޕްރޮގްރާމު ނިންމައި ބައިވެރިން ފުރާނާލިއިރު އޭގެ ތެރެއިން ކޮލިފައިވި 200 އެއްހާ ކުދިންގެ ތެރޭގައި މަލާކު ހިމެނުނެވެ. އެއީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ބޮޑު އުފަލެކެވެ.

" ކޮލިފައިވީމާ ވަރަށް އުފާވި. ބުނަން ވެސް ނޭނގޭ އުފަލެއް ލިބުނީ" މުބާރާތުގައި ބައިވެރިވާން ފުރުޞަތު ލިބެން ފެށީ އެ ހިސާބުންނެވެ.

މަލާކުގެ ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރު ބޭއްވި ނެޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕެވެ. ބޮޑު ޔަޤީންކަމަކާއެކު ބައިވެރިވި އެ މުބާރާތުން ދިހަ މީޓަރު އެއަރ ޕިސްޓޮލް ޔޫތް ވިމެން ގެޓަގަރީން އެއްވަނަ މަލާކަށް ލިބުނެވެ.

" ކޮންފިޑެންސާއެކު މުބާރާތުގައި ބައިވެރިވީ. ފުރަތަމަ މުބާރާތުން ރަންމެޑަލް ލިބުމަކީ އެއީ ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރު" މަލާކު ބުންޏެވެ.

މި އަހަރު ބޭއްވި މުބާރާތުން ވެސް އެ ކެޓަގަރީން އެއްވަނަ މަލާކު ހޯދިއެވެ. އޭގެ އިތުރުން އެ ކެޓަގަރީގެ ޓީމް އިވެންޓުން ވެސް މަލާކަށް ރަންމެޑަލް ލިބުނެވެ.

" ޖެހިޖެހިގެން ދެ މުބާރާތުން އެއްވަނަ ލިބުމަކީ އެއީ އުއްމީދުގައި ކުލަ ޖެހުން، ދެކުނު ފުވަފެން ހަޤީޤަތަކަށް ވުން" މަލާކު ބުންޏެވެ.

މަލާކު ބުނީ، ޝޫޓިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށާއި ބޭނުންވަނީ ޤައުމީ ޓީމު ތަމްސީލު ކުރުމުގެ ފުރުޞަތެއް ކަމަށެވެ. އެ ފުރުޞަތު ހޯދަން އިތުރު މަސައްކަތާއި ތަމްރީނު އޭނާ ބޭނުންވެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދި ކާމިޔާބަށް ބަލާއިރު އެއީ އޭނާއަށް ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

" ޤައުމީ ޓީމުން ފުރުޞަތު ހޯދާ ރަންމެޑަލް ހޯދުން އެއީ މިހާރުގެ ޓާގެޓް" މަލާކު ޖަވާބު ކުރެއެވެ.

ސައިންސް ސްޓްރީމަށް ކިޔަވަމުން އަންނަ މަލާކު ކުރިއަށް ދާން ބޭނުންވަނީ މެޑިސިންގެ ދާއިރާއިންނެވެ. ޝޫޓިން އެއީ ކުޅިވަރެއްގެ ގޮތުގައި އޭނާ ހިތުން ޖާގަ ހޯދި ހަމައެކަނި ކުޅިވަރެވެ. ޑޮކްޓަރެއްގެ ގޮތުގައި ފެނުނަސް އެކަމުން އޭނާ ދުރެއް ދިއުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *