ދެ ސެޓުން އިހަވަންދޫ ސްކޫލުން ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ސެޓް ސީއެޗްއެސްއީ ހުޅުމާލެއިން ހޯދުމުން، އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ފައިނަލުގެ ފޯރިގަދަ ވެގެންދިޔައެވެ. ނަތީޖާ ނެރެން އުޅުނު ފަސްވަނަ ސެޓް ވެސް ދިޔައީ އެހާމެ ވާންކޮށް ވާދަވެރިކޮށެވެ. ފަހު ސެޓްގައި 17-17 އިން އެއްވަރު ވެފައި ވަނިކޮށް، މުހިންމު ދެ ޕޮއިންޓް ހޯދައި ޗެމްޕިއަންކަން އިހަވަންދޫ ސްކޫލުން ގެންދިޔައީ އެ ޓީމުގެ އެންމެ މުހިންމު ދެ ތަނބުގެ ގޮތުގައި ބެލެވުނު ދެ ބެއިން ހޯދައި ދިން ޕޮއިންޓުންނެވެ.
17 ނަމްބަރު ޖޯޒީގައި ކުޅުނު ބިލާލް އަސްއަދަކީ ޓީމުގެ ކެޕްޓަނެވެ. 7 ނަމްބަރު ޖޯޒީގައި ކުޅުނު އޭނާގެ ކޮއްކޮ މާލިކް އަސްއަދަކީ އެ ޓީމުގެ އެންމެ އިތުބާރު ކުރެވޭ ސްޕައިކަރެވެ.
ފުރަތަމަ ދެ ސެޓް ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު ލިބުމުން ތިންވަނަ ސެޓް ހޯދާ، ޗެމްޕިއަންކަން ހޯދޭނެ ކަމަށް ބިލާލަށް އުއްމީދު ކުރެވުނެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ފަހަތުން އަރައި ދެ ސެޓް ސީއެޗްއެސްއީ ހުޅުމާލެއިން ހޯދައިގެން އެއްވަރު ކުރީއެވެ.
" ފަހަތުން އަރައި އެއްވަރު ކުރުމުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް އައި" އިހަވަންދޫ ސްކޫލުގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުންދާ ބިލާލް ބުންޏެވެ.

ބިލާލް ބުނީ، ފަހު ސެޓް ވާންކޮށް ދިޔަ ނަމަވެސް ތައްޓަށް ކުރަމުން ދިޔަ އުއްމީދު ގެންލުވާނުލާ ކަމަށާއި ތަށި ނެގޭނެ ކަމުގެ ހިތްވަރު ކޯޗު ދެމުން ދިޔަ ކަމަށެވެ.
ރަށާއި އަތޮޅު ފެންވަރުގައި ވޮލީ ކުޅުނު ނަމަވެސް އިންޓަރ ސްކޫލްގެ ވޮލީ ކޯޓަށް އެ ދެ ކުޅުންތެރިން ވެސް އަލެވެ. އަދި އެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މި މުބާރާތް ފެށެން ދެ ހަފަތާއަށް ވެފައި ވަނިކޮށް ކޯޓަށް އަރަން ފެށި ކުޅުންތެރިންނެވެ.
ބިލާލް ބުނީ، ފަހު ސެޓް ކާމިޔާބުކޮށް، ޗެމްޕިއަންކަން ލިބުމަކީ އޭނާއާއި ކޮއްކޮއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެއީ ސްކޫލަށް ހޯދައިދެވުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.
"ތަށި ލިބުނު ވަގުތަކީ އެއީ ވަރަށް ތާރީޚީ ވަގުތުކޮޅެއް. ވަރަށް ބޮޑު އުފަލެއް ލިބުނު ވަގުތު ކޮޅެއް" ބިލާލް ބުންޏެވެ.
ބިލާލާއި މާލިކަށް ވޮލީގެ ތެރެއަށް ވަދެވުނީ އާއިލާގެ ތެރެއިންނެވެ. ގޭގައި ވޮލީ ކޯޓެއް އަޅައިގެން އެ އާއިލާގެ ގިނަ މެމްބަރުން ހޮބީއެއްގެ ގޮތުން ކުޅެނީ ވޮލީއެވެ. އެ ދެބެއިންނަށް ވެސް އިސްތިސްނާއެއް ނެތި ވަދެވުނީ އެ ކޯޓަށެވެ. އޭރު ބިލާލުގެ އުމުރުން 14 އަހަރެވެ. މާލިކްގެ އުމުރުން 12 ވަރަކަށް އަހަރެވެ. އިންޓަރ ސްކޫލް ކޯޓާ ހަމައަށް އެ ދެ ބެއިންނަށް އާދެވުނީ އެ ކޯޓުގެ ތެރެއިން ބައްޕައާއި ބޭބެމެންނާއި ދައްތަމެން ދިން އިރުޝާދުގެ ތެރެއިންނެވެ. މި ދެބެއިންނާއެކު އިހަވަންދޫ ޓީމުގެ ސެޓަރު ޖޯޒީ ނަމްބަރު 12 މުޙައްމަދު ޔޫހު އަކީ އެ އާއިލާއަށް ނިސްބަތްވާ އެ ކޯޓުން ވޮލީއަށް ނުކުތް ކުޅުންތެރިއެކެވެ.
ބިލާލު ބުނީ، ޕްރެކްޓިސް ކުރަމުން ދިޔައިރު ކޯޗު ދޭ ޔަޤީންކަމަކީ އެ ޓީމުގެ ފެންވަރަށާއި ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ތައްޓާހަމައަށް ދެވޭނެ ކަމަށެވެ. އެއީ މުބާރާތަށް މާލެއައި އިރުވެސް ބިލާލަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ބިލާލު ބުނީ، ޓީމުގެ ތެރޭގައި އެކުވެރިކަމާއި އެއް ރޫހެއްގައި މަސައްކަތް ކުރުމަށް ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާ ބޮޑުކަމަށާއި އެކަމުގައި އޭނާގެ ކޮއްކޮ މާލިކުގެ އެހީތެރިކަން އަބަދުވެސް އޮންނަ ކަމަށެވެ.
ގުރޭޑް 9 ގައި މިހާރު ކިޔަވަމުންދާ މާލިކާއި ބިލާލު ވެސް ކިޔަވަނީ ބިޒްނަސްއެވެ. ދެ ގުރޭޑެއްގައި ކިޔަވަމުން ދިޔަ ނަމަވެސް ދެ ބެއިންގެ އެކުވެރިކަމާއި އެ އޮތް ގާތް ގުޅުން ފެނިގެން ދަނީ ހަމައެކަނި ކޯޓުގެ ތެރެއިން އެކަންޏެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ވެސް އެ ދެބެއިންގެ ފަރާތުން ފެންނަ ކަމެކެވެ.
" ބައްޕައާއި މަންމަ އަބަދު ވެސް ދެ މީހުންގެ މެދުގައި އޮންނަ ގުޅުން އެ ގޮތުގައި ބާއްވަން ހިތްވަރު ދީ ނަސޭހަތް ދޭނެ. އެއީ އާއިލާގެ ތެރޭގައި ވެސް އޮތް މުހިންމު ސިފައެއް" ބިލާލު ބުންޏެވެ.
ޓީމެއްގެ ގޮތުގައި އިހަވަންދޫއިން ފެނިގެން ދިޔަ ހިތްވަރުގައި އެ ދެބެއިންގެ ހިއްސާ ބޮޑެވެ. 19 އަހަރުން ދަށުގެ ފިރިހެން ފައިނަލް ބެލި ކޮންމެ މީހަކަށް ވެސް ފެންނާނީ ކޯޓް ތެރެއިން އިހަވަންދޫ ޓީމު ދެއްކި ހިތްވަރެވެ. އޭގެ ތެރެއިން ވެސް އެ ދެބެއިން ޚާއްޞައެވެ.
ހިޔާލު