ދަތުރުގެ އަމާޒަކީ މަންޒިލް: ހިތްވަރާއި ޒިންމާދާރުކަމާ އެކު މަސައްކަތްކުރުމުގެ ހުނަރު ދަސްކޮށްދިނުން

ޑރ. އާސިޔަތު މުޙައްމަދު ދީދީ

މިހާރުގެ ޖީލުތަކަށް ކުރިމަތިވެފައިވަނީ ފުރުސަތުތަކުން މުއްސަނދި، އެހެންނަމަވެސް ގޮންޖެހުންތަކުން ފުރިގެންވާ ދުނިޔަވީ ދިރިއުޅުމެއްކަން ޔަޤީނެވެ. އެހެންކަމުން، މިޒަމާނުގެ ޖީލުތަކަށް އުނގަންނައިދޭން އެންމެ މުހިންމު ހުނަރަކީ ހިތްވަރާއެކު ކަންކަމާ ކުރިމަތިލުމާއި ޒިންމާދާރުވުމެވެ. މިއަދުގެ މުޖުތަމަޢުން މި ސިފަތަކުގެ ނަމޫނާ ފަސޭހައިން ނުފެންނާތީ، ގިނަ ދަރިވަރުން މި މުހިންމު ސިފަތައް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޒިންމާ އުފުލުމުގައި ފަސްޖެހުމާއި އަމިއްލަ ޤާބިލުކަމާމެދު އިތުބާރު ގެއްލި ފަހަތަށް ޖެހުން ވަނީ އާންމުވެފައެވެ

މި ކަންކަން އިޞްލާޙުކޮށް، ކެތްތެރިކަމާއި ޖަވާބުދާރީވުން އިތުރުކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ވަރަށް މުހިންމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ، އެ ފިޔަވަޅުތައް އެޅުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލުން

ދިރިއުޅުމުގައި ކޮންމެ އިންސާނަކާވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއަދު ދަރިވަރުންނަށް ދަސްކޮށްދޭން ޖެހެނީ، އަމާޒަށް ވާޞިލުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ކޮންމެ ގޮންޖެހުމަކީ ކާމިޔާބީއާ ދިމާލަށް ކުރިއަށް އެޅޭ އިތުރު ފިޔަވަޅެއްކަމުގެ ޔަޤީންކަމެވެ. ލިބޭނެ ނަތީޖާ ޔަޤީން ނުވިކަމުގައި ވިޔަސް، އަމިއްލަ ޤާބިލިއްޔަތު ތަންދޭ އެންމެ ފުރިހަމައަށް މަސައްކަތްކުރުމުގައި ދެމިހުރެވޭ ކޮންމެ ދުވަހަކީ އަމާޒާ އިތުރަށް ކައިރިވެވޭ ދުވަހެއްކަމުގެ ޔަޤީންކަމާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ދަރިވަރުންނަށް ދަސްކޮށްދޭން ޖެހެއެވެ. މައިންބަފައިންނާއި މުދައްރިސުން ހިމެނޭގޮތަށް، މުޖުތަމަޢުގެ ތެރެއިން އެފަދައިން މަސައްކަތްކޮށްގެން ކާމިޔާބީ ހޯދާފައިވާ މީހުންގެ ވާހަކަ ދަރިވަރުންނަށް އިއްވުމަކީ، އެ ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، ކުރެވޭ މަސައްކަތް ކާމިޔާބުކުރުމަށް ލިބޭނެ ހިތްވަރެއްކަން ޔަޤީނެވެ.

ޒިންމާދާރުކަން: އަމިއްލަ ނަފުސުގެ މިނިވަންކަމުގެ އަސާސް

މިއަދުގެ މުޖުތަމަޢުގައި އެންމެ މުހިންމު، އެހެންނަމަވެސް އެންމެ ފާޅުނުވާ އެއް ސިފައަކީ އަމިއްލަ ޢަމަލުތަކާއި ނިންމުންތަކުގެ ޒިންމާ އުފުލުމެވެ. މި ސިފަ ކުރިއަށް އޮތް ޖީލުތަކަށް ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
ދަރިވަރުން އެމީހުންގެ ތަޢުލީމީ، އަޚްލާޤީ އަދި ޚިޔާރުކުރުންތަކުގެ ޒިންމާ ނެގުމަށް ދަސްކުރުމަކީ، މުސްތަޤުބަލުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ފުރިހަމަ ޒިންމާ އުފުލުމަށް ތައްޔާރުވުމެވެ. އަމިއްލަ ލަނޑުދަނޑިތައް ކަނޑައެޅުމާއި، މަސައްކަތްތައް ގަޑިއަށް ނިންމުމާއި، ގޭތެރޭގެ ކަންކަމުގައި އެހީތެރިވުން ފަދަ ކުދިކުދި އާދަތަކުން މި މުހިންމު ސިފަ ހަރުލެއްވިދާނެއެވެ. މިއީ ޙަޤީޤަތުގައިވެސް ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ކުރެވިދާނެ އިންތިހާއަށް މުހިންމު މަސައްކަތެކެވެ.

އެހެން މީހުން ކުށްވެރިކޮށް އުޒުރު ދެއްކުން

މިއަދުގެ މުޖުތަމަޢުގައި އެންމެ ނޭދެވޭ އާދަތަކުގެ ތެރެއިން އެއް އާދައަކީ، އަމިއްލަ މަޤްޞަދުތައް ހާސިލުނުވާ ހިނދު، އެކަމުގެ ޒިންމާ އެހެން ފަރާތްތަކުގެ މައްޗަށް އެޅުވުމެވެ. މި އާދައިގެ ބަދަލުގައި ދަރިވަރުންނަށް އުނގަންނައިދޭންވީ، އަމިއްލަ ޢަމަލުތަކުގެ ޒިންމާ ނެގުމާއެކު، އަމާޒު ހާސިލުނުވާ ހާލަތްތަކުގައި ބަދަލުކުރަންޖެހޭ ކަންކަން ދެނެގަނެ، އަލުން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. މިފަދައިން ޢަމަލުކުރުމުން، ދަރިވަރުންނަށް ދަސްވެގެންދާނީ އަމިއްލަ ނަފުސަށް ބާރުވެރިވުމާއި، އެމީހުންގެ ނުފޫޒު ފޯރުވޭ ދާއިރާތަކުގައި އިޞްލާޙީ ބަދަލުތައް ގެނައުމުގެ މުހިންމުކަމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަމިއްލަ ޒިންމާގެ ދަށުން ކުރެވޭ ކަންކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނެކަމުގެ ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ. މި ޔަޤީންކަން ދެމިއޮތުމުގެ ސަބަބުން، ކަންކަން ކުރުމުގައި ފަރުވާކުޑަކުރުމުގެ ފުރުޞަތު މަދުވެ، ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް ބާރުއެޅިގެންދާނެއެވެ. މިއީ ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އެހީތެރިވެދޭ މާޙައުލެއް ބިނާކުރުން

ސްކޫލުތަކާއި މުޖުތަމަޢުތަކުން ގުޅިގެން މަސައްކަތްކުރަންޖެހެނީ ދަރިވަރުންނަށް އައު ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއެކު، ކަމެއް ގޯސްވެދާނެކަމުގެ ބިރުވެރިކަމެއް ނެތް މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. ދަރިވަރުންނަށް ފަހިކޮށްދޭންޖެހެނީ ލީޑަރޝިޕް، ޓީމްވޯކް އަދި މައްސަލަ ޙައްލުކުރުމުގެ ހުނަރުތައް ދަސްކޮށް، އަމަލީ މައިދާނުގައި މިފަދަ ކަންކަން ކުރެމުގެ މުހިއްމުކަން އެނގޭނެ މާހައުލެކެވެ. އަދި ހަމައެހެންމެ، ޔަޤީން ކުރަންޖެހެނީ ދަތި ޙާލަތްތަކާ ކުރިމަތިލާންޖެހޭ ހިނދު ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމެވެ. މިފަދަ މާޙައުލެއްގެ ތެރެއިން އުފެދިގެންދާނީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކެރޭ، ހިތްވަރުގަދަ ދަރިވަރުންތަކެއްކަން ޔަޤީނެވެ.

ގޮންޖެހުންތަކާއެކުވެސް ކާމިޔާބީގެ އިހުސާސް

ހިތްވަރާއި ޒިންމާދާރުކަން އަށަގެންނެވުމަކީ ދަރިވަރުންގެ ކިބައިން އާދަޔާ ޚިލާފު ބަދަލުތަކެއް ފެނިގެންދާ ކަމެކެވެ. މި ސިފަތައް އަށަގަތުމުން، ދަރިވަރުން ވެގެންދަނީ ހަމައެކަނި ދަތިތަކާ ކުރިމަތިލާންކެރޭ ބަޔަކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ފެނިގެންދާނީ މައްސަލަތައް ޙައްލުކުރާ ޤާބިލު ލީޑަރުންގެ ގޮތުގައެވެ. ދަރިވަރުންނަށް އޮޅުން ފިލުވައިދޭންޖެހެނީ އެކުދިންގެ ދުނިޔަވީ ދަތުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ ދަތުރެއްކަމެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހެނީ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި މުޅި މުޖުތަމަޢު ގުޅިގެންނެވެ. ދަރިވަރުންނަކީ ގޮންޖެހުންތަކަކީ ފުރުޞަތުތަކެއްގެ ގޮތުގައި ދެކޭ، އަމިއްލަ ޒިންމާ އުފުލައިގެން ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަސައްކަތްކުރާ، އަދި ހިތްވަރާއެކު ކުރިއަށް ދިއުމުގައި ނަމޫނާއަކަށް ވާންޖެހޭ ބައެކެވެ. ދަރިވަރުންގެ ހިތްތަކުގައި އަށަގަންނަންވާނީ ދަތުރު ކިތަންމެ އުނދަގޫވިޔަސް، ކުރިޔަށް އެޅޭ ކުޑަކުޑަ ފިޔަވަޅަކީވެސް އެއީ މަންޒިލާ ދިމާއަށް އެޅޭ ކުރިއެރުމެއްކަމުގެ ޔަޤީންކަމެވެ. ދުޢާއަކީ މިފަދަ ދަރިންތަކެއް ބިނާކުރުމަށް މަސައްކުރުމުގެ ވިސްނުމާއި ކެރުންތެރިކަން އަޅުގަނޑުމެން އެނެމެނަށްވެސް މިންވަރު ކުރެއްވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *