ސްކޫލުގައި ހުރި ރުކުން އަމިއްލައަށް ރާ ބާލައި އެއިން ހަކުރުހަދައި، އެ ހަކުރުން ތައްޔާރު ކުރީ 73 ބާވަތެއްގެ ތަފާތު އަމިއްލަ އުފެއްދުންތަކެއް
އައްޑޫ ސިޓީ ހިރާ ސްކޫލުން ބޭއްވި "ފަނިއާރަން" ފޮނިފަނި ސުފުރާ މަތިން ދައްކާލީ ދިވެހިންގެ މައިގަނޑު ކެއުމުގައި މީގެ އެތަކެއް އަހަރެއް ކުރިން ބޭނުން ކުރަމުން ދިޔަ، ދިޔާ ހަކުރުން ތައްޔާރު ކުރެވިދާނެ 73 ބާވަތެއްގެ އަމިއްލަ އުފެއްދުންތަކެވެ. "ފަނިއާރަން" އަކީ ހަކުރުން ތަތްކޮށްގެން އެކިބާވަތް ތަކުން ހަދާ ކާއްއެއްޗަކަށް ކިޔާނަމެކެވެ. ކާބަފައިންގެ މުއްސަނދި ޘަޤާފަތުގެ ތެރެއިން، އެ ސްކޫލުގެ ދަރިވަރުން ދިވެހި ހަކުރު ބޭނުންކޮށްގެން އުފެއްދި ކާބޯތަކެތީގެ އަމިއްލަ އުފެއްދުންތަކަށް އެތައް ބައެއްގެ ތައުރީފު އޮހުނެވެ. ދަރިވަރުން ކޮށްފައިވާ ބުރަ މަސައްކަތަށާއި އެ ސުފުރާގައި ބައިވެރިކުރުވި ތަކެތީގެ ތެރެއިން 15 ބާވަތަކަށް ޖަޖުންގެ "އައުޓްސްޓޭންޑިންގ" މާކްސް ވެސް ލިބުނެވެ.
އެ ސުފުރާގައި ބައިވެރިވާން އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލިއެވެ. ފުރުޞަތުގެ ބޭނުން ހިފައި ބައިވެރިވީ 73 ދަރިވަރުންނެވެ. ސުފުރާގައި ބައިވެރިކުރީ ކޮންމެ ކުއްޖަކަށް އުފެއްދުމެވެ. މިއީ، ދިވެހި ހަކުރުގެ އުފެއްދުންތަކެއް އެއްތަނަކުން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ދަރިވަރުންގެ މަސައްކަތް ދައްކުވައިދޭ ވީޑުއޯއެއް ހިރާ ސްކޫލުގެ ފޭސްބުކް ޕޭޖަށް ވަނީ ލާފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި "ފަނިއާރަން" އިން ގެނެސްދީފައި ވަނީ އެކި ބާވަތް ބާވަތުގެ ކާއެއްޗެތި، ދިވެހި ހަކުރުން ތަތްކޮށް އެ ދިރުވުމުގެ މަސައްކަތެވެ. އިހުޒަމާނުގެ ހެޔޮ އާދަކާދަތަކާ އެއްގޮތަށް ރުކުން ރާބާލައި އެ ރަލުން ހަކުރު ހަދައި، ގިނަ ކާއެއްޗިއްސަށް ބޭނުން ކޮށްފައި ވަނީ އެ ސްކޫލުން ތައްޔާރުކޮށްފައިވާ ޚާލިސް ހަކުރެވެ. އެއްވެސް ގަޑުބަޑުވުމެއް ނެތް ހަކުރެވެ. ތައްޔާރު ކާބޯތަކެއްޗަށް ދީފައިވާ ނަންތަކަކީ ވެސް ދަރިވަރުންގެ އަމިއްލައަށް ތައްޔާރު ކުރި ކާއެއްޗަކާ ގުޅޭ ގޮތަށް ދީފައިވާ އަމިއްލަ ނަންތަކެވެ.
ދަރިވަރުންގެ އުފެއްދުންތަކުގެ ތެރޭގައި ޗޮކްލެޓާއި ސަރުބަތާއި ޕޭސްޓްރީއާއި ކޭކާއި ކުނބުހާއި މުޑުވައްކާއްޓާއި ދިވެހި ހަކުރާ އެއްކޮށްގެން ހަދާފައިވާ ބުއިންތައް ހިމެނެއެވެ.
" ހުރިހާ އެއްޗިއްސަކީ ރިސަރޗްކޮށް، ރާއްޖެއާއި ދުނިޔޭގެ އެކިތަންތަނުގައި ހަދާ އެފަދަ ކާބޯތަކެތި ބަލައި އެއިން މައުލޫމާތު އެއްކޮށްގެން އުފައްދާފައިވާ ދަރިވަރުންގެ އަމިއްލަ އުފެއްދުންތަކެއް" ހިރާ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ސިތާރާ ވިދާޅުވީ، ކާބޯތަކެތި އުފެއްދުމަށް އަޖުމަ ބެލުމަށް ކުރި މަސައްކަތުގައި ދިޔާ ހަކުރު ބޭނުންވާ ވަރަށް ނުލިބިދާނެތީ، ބޭނުން ކުރީ ހަކުރުގެ ބަދަލުގައި މާމުއި ކަމަށެވެ.
" ސްކޫލުގައި ހުރި ރުކުން ލިބުނު ރަލުން ހަކުރު ހަދައި ފަހުން އެ ބޭނުން ކޮށްގެން ފައިނަލް ކާއެއްޗެތި ތައްޔާރު ކޮށްފައި ވަނީ"
އޭނާ ވިދާޅުވީ އެ ސްކޫލުގައި ބާއްވަމުން އަންނަ ސުފުރާ މީގެ ކުރިން ތައްޔާރު ކުރަނީ ވަގުތުން ނަމަވެސް ހަކުރު ބޭނުން ކުރަން ޖެހުމާއި ތައްޔާރު ކުރާ ކާއެއްޗެތި ހަދަން ގިނަ ވަގުތު ބޭނުންވާނެތީ ހުރިހާ ކާއެއްޗެއް ވެސް ތައްޔާރު ކުރީ އެކުއްޖެއްގެ ގޭގައި ކަމަށެވެ.
ސިތާރާ ފާހަގަ ކުރެއްވި ގޮތުގައި، "ފަނިއާރަން" ސުފުރާގެ ރަހަ ބެލި ބެލެނިވެރިންނާއި އާންމުންނަށް ހުރިހާ ކާއެއްޗެއްގެ ރަހަ ރަނގަޅުވި ކަމަށާއި ދާއިމީ ގޮތެއްގައި އެފަދަ ތަކެތި ލިބެން އެމީހުން ބޭނުންވާ ކަމަށެވެ.
" ޚާލިސް ދިވެހި ހަކުރަކީ ވެސް އާންމުކޮށް ލިބެން ހުންނަ އެއްޗަކަށް ނުވާތީ ގިނަ މީހުން ބޭނުންވަނީ ދަރިވަރުންގެ އުފެއްދުންތައް އާންމުކޮށް ލިބެން ހުންނަން" ސިތާރާ ވިދާޅުވިއެވެ.
"ފަނިއާރަން" ގައި ދަރިވަރުން ބައިވެރި ކުރި ހުރިހާ ކާއެއްޗެއްގެ ރަހަފަތް ނެރެން ހިރާ ސްކޫލުން އަންނަނީ ތައްޔާރު ވަމުންނެވެ. އޭރުން އެ ތަކެތި އަމިއްލައަށް ތައްޔާރު ކުރުމުގެ ފުރުޞަތު އެންމެންނަށް ލިބިގެންދާނެއެވެ.
ސިތާރާ ވިދާޅުވީ، ރަހަފަތް ނެރޭނީ އަދި އެއްފަހަރު އެ ހުރިހާ ކާބޯތަކެއްޗެއް ތައްޔާރުކޮށް، ކޮންމެ އުފެއްދުމެއްގެ ރަހަފަތާ އެއްގޮތަށް އެ ތައްޔާރުކޮށްފައިވޭތޯ ޗެކްކޮށް ބެލުމަށްފަހު ކަމަށެވެ.
ސިތާރާ ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ އުފެއްދުންތައް އުފެއްދުމަށް މަގުފަހި ކުރުވުމަށާއި ރާވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވަން، އިތުރު ރުއްތަކެއް އިންދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. މިހާރު ހުރި ރުކުގެ ބަދަލުގައި އިތުރު ހަ ރުއް އިންދައިގެން އެ މަސައްކަތް ފުޅާ ކުރައްވާނެ ކަމަށް ސިތާރާ ވިދާޅުވިއެވެ.
ހިޔާލު