ފުރަތަމަ ލިޔުނު ފޮތް ޗާޕް ކޮށް ބާޒާރަށް ނުނެރެވުމުން ލިބުނު މާޔޫސްކަމުން އަރައިގަތީ، ދެވަނަ ފޮތެއް ލިޔެ، އަމިއްލަ އަށް ކުރި މަސައްކަތުން އެމެޒަންގައި ފޮތް ޕަބްލިޝް ކޮށްގެން
ދަރުމަވަންތަ ސްކޫލުގެ ގުރޭޑް 6 ގައި މިހާރު ކިޔަވަމުން އަންނަ އާއިޝަތު މައާލް ފިރުޝާދު 11، ހޮބީއަކީ ކިޔުމާއި ލިޔުމެވެ. ފޮތް ކިޔުމުގެ ތެރެއަށް ވަދެވުނީ ތިން ވަނަ ގުރޭޑްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ އިރު، ފާތުން މިސް ދެއްވި ނަސޭހަތަކާ ގުޅިގެންނެވެ. އޭރު މައާލްގެ އުމުރުކީ 9 އަހަރެވެ.
އޭގެ ފަހުން މައާލް ދިޔައީ ފޮތުގެ ތެރެއަށް ވަދެވި ފޮތް ކިޔުމަށް ޝައުޤު އުފައްދަމުންނެވެ. ނަތީޖާއަކަށްވީ ލިބޭ ކޮންމެ ހުސްވަގުތެއްގެ އެންމެ ގާތް އެކުވެރިއަކަށް ފޮތްކިޔުން ހެދުމެވެ.
ހއ. ކެލާއަށް އުފަން މައާލް ވާހަކަ ލިޔުމުގެ ޝައުޤުވެރިކަން އުފެދުނީ މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލް ގްރޭޑް 5 ގައި ކިޔަވަމުން ދިޔައިރު ކުލާސް ކުއްޖަކު ދިން ހިޔާލަކަށެވެ. އެ ޚިޔާލަށް ބިނާކޮށް މައާލް ލިޔުނީ "ދަ ސީކުރެޓްސް އޮފް ކެސްފިއާ" އެވެ. ސީރިޒެއްގެ ގޮތަށް ލިޔުނު އެ ފޮތުގެ ފުރަތަމަ ބައިގައި 92 ސަފްޙާ ހިމެނެއެވެ. މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި ލިޔެ ނިންމި އޭނާގެ ފުރަތަމަ ފޮތް، ޗާޕްކޮށްގެން ނެރެން މައާލް ބޭނުންވިއެވެ. ކަންދިމާކުރި ގޮތުން ބޭނުންވި ގޮތަށް އެ ފޮތް ނެރެން އާއިލާއަށް ދަތިތަކެއް ކުރިމަތިވިއެވެ. އަލަށް ކުރަން ޖެހުނު ކަމަކަށް ވާތީ ކުރިން އުއްމީދު ކޮށްފައި ނުވާ އެތައް ކަމަކާ ކުރިމަތިލާން ޖެހިގެންނެވެ.
ފޮތް ނުނެރެވި ލަސްވުމުން ފުން އަސަރުތަކެއް މައާލްއަށް ކުރުވިއެވެ.
" މައާލް ބޭނުންވީ ފޮތް ނެރެން. ނުނެރެވެންވީ އެއްވެސް ސަބަބެއް މައާލްއަކަށް ނުވިސްނުނު" މައާލްގެ މަންމަ ފާތިމަތު މުފުތިހާ ބުންޏެވެ.
ފުރަތަމަ ފޮތް ނުނެރެވުމުން، އެކަމުން އަރައިގަތުމަށް ކުރިއަށް ދާނެ ގޮތެއް ހޯދީ ވެސް އޭނާ އަމިއްލައަށެވެ. އިންޓަރނެޓުން ރިސަރޗްކޮށްގެން ފޮތް ނެރެވޭނެ ގޮތްތައް ބަލަން ފެށިއެވެ. އެއާއެކު އޭނާގެ ދެވަނަ ފޮތް " އިފް ޔޫ ބިލީވް، ޔޫ އެޗީވް" ލިޔުނެވެ.
މިއީ މައާލްގެ އަމިއްލަ ތަޖުރިބާ އަށް ބިނާ ކޮށް ލިޔުނު ވަހަކައެކެވެ. މި ފޮތުގައި ގެނެސް ދެނީ ސައިންޓިސްޓަކަށް ވުމަށް ކުއްޖަކު ކުރި ހިތްވަރާއި ދިމާވި ދަތިތަކާއި އެކަން ކުރަން ކުރި މަސައްކަތެވެ.
މި ވާހަކަ އަމާޒުކޮށްފައި ވަނީ 4 އަހަރާއި 8 އަހަރުގެ ދެމެދު އުމުރުފުރާއަށެވެ. މިފޮތުގައި އާ ބަސްތަކާއި އެބަސްތަކުގެ މާނައިގެ އިތުރުން ކުދިން ޝައުގުވެރިވާ ކަހަލަ ސުވާލުތަކެއް ވެސް މައާލް ވަނީ ހިމަނާފައެވެ.
ފޮތް ނިންމާފައި ޗާޕްކޮށްގެން ނެރުމުގެ ބަދަލުގައި މައާލް ބޭނުންވީ އޮންލައިންކޮށް ނެރޭށެވެ. އޭނާގެ ރިސަރޗުން އެނގުނު ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެމެޒަންއެވެ. އެމެޒަންގައި ފޮތް ޕަބްލިޝްކުރުމާ ހަމައަށް ކުރިހާ ކަމެއް ކުރިއަށް ގެންދިޔާއި އޭނާ އަމިއްލައަށެވެ. އާއިލާއަށް އެކަން އެނގުނީ ވެސް ޕަބްލިޝް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމި ހިސާބުންނެވެ.
" އަޅުގަނޑުމެންނަށް ސަޕްރައިޒެއް ލިބުނީ. އެމެޒަންގައި އެ ޕަބްލިޝްކުރާނެ ތާރީޚު ވެސް އެނގުނު ހިސާބުން" މުފުތިހާ ބުންޏެވެ.
މައާލް ލިޔުނު ދެވަނަ ފޮތް "އިފް ޔޫ ބިލީވް، ޔޫ އެޗީވް" ނޮވެމްބަރ 10 ވަނަ ދުވަހު ލިބޭގޮތަށް، ކިންޑްލް ވާޝަން ޕްރީ އޯޑަރ އަށް ކުރެވޭ ގޮތަށް ނޮވެމްބަރ 1 ވަނަ ދުވަހު ވަނީ އެމެޒަންގައި ޕަބްލިޝް ކޮށްފައެވެ.
މި ފޮތް ޑިޒައިން ކޮށް ފަރުމާ ކޮށް ދިނީ މައާލް ގެ ދައްތަ އާމިނަތު ޝިރާ ޖިނާހްއެވެ.
މައާލް ދޭން ބޭނުންވި މެސެޖަކީ ކުރިއަށް ދިއުމަށް ހުރަހެއް ނެތް ކަމެވެ. ކުރިއަށް ދިއުމަށް އަޒުމެއް ކަނޑައަޅައި އެ ދިމާލަށް ދިއުމަށް މަސައްކަތް ކުރުމެވެ. އޭރުން އެމީހަކަށް ކާމިޔާބު ލިބޭނެ ކަމެވެ.
ސްކޫލް ނިންމާފައި މައާލް ކުރިޔަށް ދާނެ ދާއިރާއެއް އަދި ކަނޑައެޅިފައި ނުވި ނަމަވެސް މައާލްގެ އަޒުމަކީ ލިބޭ ހުސްވަގުތުގައި ފޮތް ލިޔެ ޕަބްލިޝް ކުރުމުގައި ދެމި ހުރުމެވެ.
މުފުތިހާ ބުނީ، މައާލްގެ ފުރަތަމަ ފޮތް ފާސްކުރުމަށްފަހު، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޗާޕްކޮށްގެން ނެރުމުގެ މަސައްކަތް އެ އާއިލާއިން މިހާރު ކުރަމުންދާ ކަމަށާއި ފުރަތަމަ ފޮތް ރާއްޖޭގައި ނެރުމަކީ އެއީ މައާލް ވެސް ބޭނުންވާ ގޮތް ކަމަށެވެ.
ފޮތް ލިޔުމުގެ އިތުރުން މައާލް އަކީ ސްކޫލުގައި ބޭއްވޭ އެކި އެކި އިތުރު ހަރާކާތްތަކުގައި ބައިވެރިވެ ފާހަގަ ކުރެވޭ ކާމިޔާބީ ތައް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާން މުބާރާތްތަކާއި އަދަބީ މުބާރާތް ތަކުގައި ބައިވެރިވެ ތަފާތު ގިނަ ކާމިޔާބީތައް ދަނީ ހޯދަމުންނެވެ.
މައާލްގެ " އިފް ޔޫ ބިލީވް، ޔޫ އެޗީވް" ފޮތް ތިރީގައި މިވާ ލިންކުން ގަނެވޭނެއެވެ.
ފޮތުގެ ލިންކް :https://a.co/d/8VSuIsb
ހިޔާލު