ވެއިޓަރެއް ކޭޝިޔަރެއް ނެތި ހުރަވީ ސްކޫލުގެ ކެންޓީން ހިންގާ ގޮތް ކިހާ ސަޅި

  •  ހުރިހާ ބާވަތެއް ތައްޔާރު ކޮށްގެން ގެންނަނީ ވެސް މުވައްޒަފުންނެވެ. ޚިދުމަތް ހޯދައި، ހިސާބު ނިންމަނީ ވެސް މުވައްޒަފުން އަމިއްލައަށެވެ.

ފޮޓޯއިން ފެންނަނީ ހުރަވީ ސްކޫލުގެ ކެންޓީން "ގަހުވަ މައިޒާން" އެވެ. ޖާގަ ބޮޑު ހިތްގައިމު މާހައުލެއްގެ ގޮތުގައި އެ ތަން ފައްކާ ކުރީ އެ ސްކޫލުގެ ބެލެނިވެރިންނެވެ. ނިމިދިޔަ ޓީޗަރުންގެ ދުވަހަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ. ކެންޓީން ހިންގަނީ ވެސް މިހާތަނަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ހިންގާ ވައްޓަފާޅިއަކަށް ނޫނެވެ. 250 އަށް ވުރެގިނަ މުވައްޒަފުން ދެ ދަންފަޅިއަށް މަސައްކަތް ކުރަމުންދާ ސްކޫލުގެ ކެންޓީނުން ޚިދުމަތް ދޭނެ ވެއިޓަރެއް ކޭޝިޔަރެއް ނުހުރެއެވެ. މި ކެންޓީނުން ޚިދުމަތް ދެނީ ވެސް ޚިދުމަތް ހޯދަނީ ވެސް އަމިއްލައަށެވެ.

ކެންޓީނުން ލިބެން ހުންނަ ހުރިހާ ވައްތަރެއްގެ ކެއުމުގެ ބާވަތްތަކަކީ އެ ސްކޫލުގެ މުވައްޒަފުން، ގޭގައި ތައްޔާރުކޮށްގެން ގެންނަ ތަކެއްޗެވެ. ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައި އޮންނަ އެ ފުރުޞަތުގެ ބޭނުން އެ ސްކޫލުގެ 40 މުވައްޒަފުން ހިފައެވެ. އޭގެ ތެރެއިން 20 މުވައްޒަފަކު ކޮންމެ ދުވަހަކުހެން ބަރާބަރަށް ތަކެތި ތައްޔާރުކޮށްގެން ކެންޓީނަށް ގެންދެއެވެ.

ސްޓާފުން އަމިއްލައަށް ތައްޔާރު ކުރާ ކާނާގެ ބާވަތްތައް ގެންގޮސް ބަހައްޓަނީ އެކަމަށް ޚާއްޞަ ކޮށްފައިވާ މޭޒެއްގެ މަތީގައެވެ. ކޮފީއާއި ސައި ހެދޭނެ އިންތިޒާމް ކެންޓީނުގައި ހުންނަނީ ހަމަޖައްސާފައެވެ. ފްރެޝް ޖޫހާއި ބަންދުކޮށްފައި ހުންނަ އެކި ވައްތަރުގެ ބުއިންތައް ހުންނަނީ ކެންޓީނުގައި ހުންނަ އައިސްއަލަމާރީގައެވެ. ހުރިހާ އެއްޗެއްގެ އަގު ވަކިން ފެންނަން ހުރެއެވެ. ކެންޓީނުން ޚިދުމަތް ހޯދާ ކޮންމެ މީހަކު ކުރަން ޖެހޭ ކަމަކީ އެމީހަކު ނެގި ކާއެއްޗަކާއި ބޯއެއްޗަކަށް އަރާވަރު އަމިއްލައަށް ހިސާބު ކުރުމަށްފަހު، ކަނޑައަޅާފައި އޮންނަ އެކައުންޓަށް ފައިސާ ފޮނުވުމެއެވެ. އަމިއްލައަށް ޚިދުމަތް ހޯދަން ޖެހޭތީ މި ކެންޓީނުން ޚިދުމަތް ހޯދާ ކޮންމެ މުވައްޒަފަކަށް އިހުސާސް ކުރެވެނީ އަމިއްލަ ބަދިގޭގައި އުޅެވޭހެންނެވެ.

ދެން އޮތީ ކެންޓީނަށް ގެންނަ އެކިވައްތަރުގެ ކާއެއްޗެތީގެ ހިސާބުކިތާބުގެ މުއާމަލާތްތައް ހިނގާގޮތެވެ. ކޮންމެ މުވައްޒަފަކު ވެސް ގެންނަ ތަކެތީގެ އަދަދާއި ވިކުނު އެއްޗެއްގެ ތަފްސީލާއި އެއަށް ދޭންޖެހޭވަރު ހިސާބު ކުރުމަށްފަހު ފޮނުވަނީ ކަނޑައަޅާފައި އޮންނަ ވައިބަރ ނަމްބަރަކަށެވެ. ކޮންމެ ދުވަހެއްގެ ހިސާބު ނިންމުމަށްފަހު އެ މުވައްޒަފަކު ގެންނަ އެއްޗަކަށް ދޭން ޖެހޭ ފައިސާގެ އެ މިންވަރަށް އެމީހެއްގެ އެކައުންޓަށް ފޮނުވުމުން އެ ދުވަހެއްގެ ހިސާބު ނިމެއެވެ. ކެންޓީނު ހިންގަން ބޭނުންވާ ފައިސާގެ ގޮތުގައި ކޮންމެ ދުވަހަކު ލިބޭ އާމްދަނީން ކޮންމެ ސަތޭކަ ރުފިޔާއަކުން ފަސް ރުފިޔާ ނަގައެވެ.

މި ވައްޓަފާޅިއަށް މި ކެންޓީން ހިންގާތާ މިހާރު މަހެއް ވަނީއެވެ. އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ.

ކެންޓީނުގެ ކަންތައްތައް ބަލަހައްޓަން ހަވާލު ވަނީ ދައުރުވާހެން ކޮންމެ މަހަކު ލިޑިންގ ޓީޗަރަކާއެވެ. މި މަހު އެ މަސައްކަތާ ހަވާލުވެ ހުންނެވީ ލީޑިންގ ޓީޗަރު އަޒުމާއެވެ.

ދަރިވަރު ނޫހަށް އަޒުމާ ވިދާޅުވި ގޮތުގައި ކެންޓީނުގެ ކަންތައް އެހާ ބަރާބަރަށް ކަނޑައަޅާފައި އޮންނަ އުޞޫލާ އެއްގޮތަށް ކުރިއަށް ދަނީ ތެދުވެރި މުވައްޒަފުންތަކެއް އެ ސްކޫލުގައި މަސައްކަތް ކުރާތީއެވެ. އެހެން ނޫންނަމަ ކެންޓީނަކުން ފައިދާއެއް ނުވީހެވެ.އަދި އެ މަސައްކަތް އެ ގޮތަށް ކުރިއަށް ނުދާނެއެވެ.

" މިހާތަނަށް އައިއިރު ހިސާބު ދިމާނުވެގެން އުޅޭކަށް ނުޖެހޭ. ހުރިހާ މުވައްޒަފުންވެސް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަނީ. އެއީ ގިނަ ބަޔަކު މަސައްކަތް ކުރާ ތަނެއްގައި ވަރަށް ނުވާ ކަމެއް" އަޒުމާ ވިދާޅުވިއެވެ.

އަޒުމާ ވިދާޅުވީ، ކެންޓީނުގެ ޚަރަދަށް ނަގާ ފައިސާއިން ކޮފީއާއި ފްރެޝްޖޫހާއި ލުއިބުއިންތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފެށިފަހުން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށެވެ.

" މިހާރު މިއީ މާ ބޮޑު ޚަރަދަކާ ނުލައި، ފައިދާގައި ހިންގޭ ތަނެއް"

އޭނާ ވިދާޅުވީ، ކެންޓީނާއެކު މުވައްޒަފުން ސަޔަށް ކުރާ ޚަރަދު މާ ބޮޑުތަނުން ކުޑަކުރެވިއްޖެ ކަމަށެވެ.

" ހެނދުނުގެ ނާސްތާގެ އިތުރުން މެންދުރުގެ ކެއުމަށް ކުރިއާލާ އެކިވައްތަރުގެ ބަތާއި ޕާސްތާއާއި ސްޕެގެޓީ ފަދަ ބާވަތްތަކަށް އޯޑަރު ވެސް ކޮށްލެވޭ"

ގޭގައި ތަކެތި ތައްޔާރުކޮށްގެން ގެންދާ ސެކަންޑްރީ ޓީޗަރަކު ފާހަގަކުރި ގޮތުގައި ކޮންމެ ދުވަހަކު ވެސް ޝަވަރުމާއާއި ރޯލްސް އޭނާ ގެންދާ ކަމަށާއި ބައެއް ދުވަސްދުވަހު އެނޫން ބާވަތްތައް ވެސް ގެންދާ ކަމަށެވެ. އެ ތަކެތީގެ ރަހަ އެހެން މުވައްޒަފުންނަށް ކަމުދިޔުމަކީ އެއީ ދާއިމީ ގޮތެއްގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *