ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ 22 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ޤައުމީ ޔުނިވަރސިޓީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކި ފެކަލްޓީތަކުން 311 ދަރިވަރުން ދސްވެނިވިއެވެ. މިއަދު ހެނދުނު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ޑޮކްޓަރީ ކޯހުން އެއް ވަނަ ހަތަރު ދަރިވަރަކު ހޯދާފައިވެ އެވެ. އެއީ؛
– އާމިނަތު ވާފިރާ
– އަސްރާ އިސްމާއިލް
– މައާނީ ފަތުހުﷲ އިސްމާއިލް
– ޔަސްރާ އިސްމާއިލް
މިއަދުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިއަށާއި ޤައުމަށް ތާރީޚީ ދުވަހެއް ކަމަށާއި ފުރަތަމަ ފަހަރަށް މެޑިކަލް ދަރިވަރުން ރާއްޖޭގައި ދަސްވެނިވާ ދުވަސް ކަމަށެވެ.
" މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިއަށާއި ޤައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް. ދިގުމުއްދަތެއްގެ ހުވަފެނެއް ހަޤީގަތަކަށް ވެގެން ދިޔަ ދުވަސް. މިއަދު މެޑިކަލް ސްކޫލުން ދަސްވެނިވާ ދަރިވަރުންނަކީ ޤައުމުގެ ސިއްޚީ ދާއިރާގެ އުއްމީދާ މުސްތަގުބަލް ތަމްސީލުކުރާނެ ބައެއް. މިއީ ގޮންޖެހުންތަކާއި އިލްހާމް ލިބޭނެ ދަތުރެއްގެ ފެށުން"
ދަސްވެނިވި ޑޮކްޓަރުންނަށް ޑރ. ޝެހެނާޒު ވިދާޅުވީ، އެ ދަސްވެނީން ކުރި ހުވައަކީ އިލްމް ހޯދުމަށާއި އަޚްލާގު ދެމެހެއްޓުމަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށް ކުރާ އިޤުރާރެއް ކަމަށެވެ. އެހެން ކަމުން ގޮންޖެހުންތަކާ އެކުވެސް އިޚްތިރާމާއި އޯގާތެރިކަމާއެކު ޚިދުމަތުގައި ތިބެން ޖެހޭ ބައެއްކަން އަބަދުމެ ހަނދާން ކުރަން ވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ ކުރިހާ ދަރިވަރުން އެމްބީބީއެސް ކޯހުގެ ފަހު އިމްތިހާނުން ވާސްވިއެވެ. އެ ބެޗްގްއި 22 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވިއެވެ. މިއީ ރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ. އެ ދަރިވަރުންގެ ފަހު އިމްތިޙާނުގެ ނަތީޖާ ލިބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ކޯހުގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ އިމްތިޙާނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނައީ ކެބަންސާން ޔުނިވާސިޓީންނެވެ. ކޯހުގައި ކިޔަވައިދިނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
ހިލޭ ޑިގްރީގެ ދަށުން ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވެއެވެ. މިހާރުވެސް 220 ދަރުވަރުން ދަނީ ޑޮކްޓަރީކަން ކިޔަވަމުންނެވެ.
ހިޔާލު