" ކަމެއް ކުރުމުގައި އޮންނާނީ ދެ ގޮތެއް. އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާލުކުރީމާ އެ ކަމެއް ކުރުން. އަނެއް ގޮތަކީ ކުދިންގެ ހައްޤުގައި ޝައުޤުވެރިކަމާއެކީގައި އެކަމެއް ކުރުން. ހުރިހާ ކަމެއް އަޅުގަނޑުމެން ބައްޓަން ކުރަނީ ދަރިވަރުންނަށް ފަހިވާގޮތަށް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަނީ ވަރަށް ޝަޢުޤުވެރިކަމާ އެކު، ކުރާ ހިތުން. އިރާދަކުރެއްވިޔާ އޭގެ މޭވާސް ވެސް ވަރަށް ފޮނި" އިމާދުއްދީނުގައި އަލަށް ޤާއިމް ކުރި ތެރަޕީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވިއެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިމާދުއްދީނުގެ ދަރިވަރުންގެ ތަރައްޤީއަށާއި ކުރިއެރުމަށް އެތައް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ދަރިވަރުންނަށް ކިޔަވަން ހިތްފަސޭހަ މާހައުލަކަށް އެ ސްކޫލް ބަދަލުކޮށް، ކިޔަވަން ބޭނުންވާ ވަޞީލަތްތައް ވަނީ ޤާއިމް ކޮށްފައެވެ. ރާއްޖޭގައި ސެޓްފިކެޓް 3 ގެ ފެންވަރަށް ވޯކޭޝަނަލް ކޯސްތައް ހިންގަން ފެށި ސްކޫލަކީ އިމާދުއްދީނެވެ. ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކު ވަޞީލަތްތައް ހަމަ ތަނެއްގެ ގޮތުގައި އިމާދުއްދީން ތަރައްޤީ ކުރީ ކޮމިއުނިޓީ ސްކޫލެއްގެ ސިފަ ޖައްސައިގެންނެވެ. މި ހުރިހާ ކަމެއް ތަރުތީބު ކުރުމުގެ އެންމެ އިސް މޭސްތިރިއަކީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހެވެ.
ދަރިވަރު ނޫހުން ކުރިއަށް ގެންދާ "މަދަރުސީ ވެށި" މިފަހަރު ޚާއްޞަ ކުރަނީ އިމާދުއްދީނަށެވެ. ތިރީގައި މިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ދެއްވި ބަސްދީގަތުމުގެ މުހިންމު ބައިތަކެވެ.
އެންމެ އިސްކަމެއް، ރިސޯސްފުލް ތަނަކަށް ހަދަން
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ ސްކޫލުގެ ކަންތައްތައް ހުރި ނެތްގޮތް ބައްލަވައި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ނޯޓް ކުރެއްވިއެވެ. ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށްޓަކައި ސްކޫލެއްގެ ހިއުމަން ރިސޯސަސްއާއި އިންފްރާސްޓްރަކްޗަރ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. 21 ވަނަ ޤަރުނުގެ ތަޢުލީމް ފޯރުކޮށް ދޭއިރު، އެތަނަކީ "ރިސޯސްފުލް" ތަންތަނަށް ވާންޖެހޭނެ ކަމަށް މަމްދޫޙް ދެކެވަޑައިގެންނެވިއެވެ.
" އަޅުގަނޑުމެން ބެލީ އިމާދުއްދީނުގައި ހުރި ރިސޯސްތައް އިތުރަށް ތަރައްޤީ ކުރާނީ ކިހިނެއްތޯ؟ ސަރުކާރަކުން، އެޑިޔުކޭޝަން މިނިސްޓްރީއަށް ހުރިހާ ކަމެއް ނުކޮށްދެވޭނެ. އަޅުގަނޑުމެން ބެލީ ކޮމިއުނިޓީ ބޭސްޓް މަސައްކަތްތައް ކުރިއަށް ގެންދަން. އެހެން ސްކޫލްތަކުގައި މަސައްކަތް ކުރިއިރު އެފަދަ ކާމިޔާބު މަސައްކަތްތައް ވެސް ހުންނާނީ ކޮށްފައި" މަމްދޫޙް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ޕީޓީއޭއާއި ބެލެނިވެރިންނާ ވާހަކަ ދައްކަވާފައި މަމްދޫޙް ނިންމެވީ ފަހަރަކު ބައެއް ނިންމަމުން ގޮސް ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރަން ހުރި ކަންތައްތައް ތަރުތީބު ކުރާނެ ގޮތްތަކެކެވެ. އެންމެ ފުރަތަމަ ބެއްލެވީ ލައިބްރަރީ ތަރައްޤީ ކުރެވޭނެ ޕޭލޭންތަކެވެ. ކުދިންނަށް އެންމެ މުހިންމު ތަނަކީ ލައިބްރަރީ ކަމަށްވާއިރު ބެލެނިވެރިންނާ ގުޅިގެން ފުރަތަމަ އަހަރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ވެސް ލައިބްރަރީ ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓެވެ.
" ތަނަކަށް ކުދިން ކިޔަވަން އަންނައިރު އެ ތަނަކީ ވަރަށް ހިތްގައިމު ހިތްފަސޭހަ ލަރނިންގ އެންވަޔަރަމަންޓަކަށް ވާން ޖެހޭ. ބެލެނިވެރިންނާ ގުޅިގެން އިމާދުއްދީން ބަދަލުކުރީ ފެހި ސްކޫލަކަށް. އިމާދުއްދީނަކީ ފެހިކަމާއެކީގައި ކިޔަވަން ފައްސި ސްކޫލެއް" މަމްދޫޙް ވިދާޅުވިއެވެ.
ބެލެނިވެރިންނާ މެދު ފަޚުރުވެރިވޭ
ބަސްދީގަތުން ކުރިއަށް ގެންދެވިއިރު، ޕްރިންސިޕަލް މަމްދޫޙް ތަކުރާރުކޮށް ފާހަގަކުރެއްވީ އެ ސްކޫލަށް އައި ތަރައްޤީއާއި ކުރިއެރުމުގައި ބެލެނިވެރިންގެ ހިއްސާގެ ވާހަކައެވެ.
" އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަ ކޮށްލަން، އިމާދުއްދީނުގެ ކޮންމެ ބެލެނިވެރިޔަކީ ކޮންމެ ޕޭރަންޓަކީ އިމާދުއްދީން ސްކޫލުން އެދިއްޖެ ކޮންމެ ހާލަތެއްގައި އެ ބޭފުޅުންގެ ދަރިންނަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރާނެ ބައެއްކަން. ފެނިގެން ދިޔައީ ކުރު މުއްދަތެއްގައި އެންމެ ހިތްފަސޭހަ މާހައުލެއް އޮތް ސްކޫލަކަށް މި ސްކޫލް ވެގެން ދިޔަތަން" މަމްދޫޙް ވިދާޅުވިއެވެ.
ތިން އަހަރު ދުވަހުގެ ތެރޭގައި ފެންވަރު ރަނގަޅު ލައިބްރަރީއެއް އެ ސްކޫލުގައި ޤާއިމްކޮށްފިއެވެ. އޭވީ ރޫމާއި މީޓިންގ ރޫމާއި ކޮމްޕިއުޓަރު ލެބު ޤާއިމް ކޮށްފިއެވެ. ވޮކޭޝަނަލް ޓްރެއިނިންގ ދޭ ތަންތަނުގެ ގޮތުގައި ފެހުމާއި ކެއްކުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ކޯސްތައް ހިންގޭނެ ފެންވަރަށް ލެބްތައް (ވަތިތައް) ޤާއިމްކޮށްފިއެވެ. ތެރަޕީ ރޫމާއި ވެލްނެސް ރޫމް ޤާއިމް ކޮށްފިއެވެ. ކުދިން ކުޅެން ޓާފުއަޅައި، ސްކޫލުގެ ހޯލުގެ ސްޓޭޖްގައި ލެޑްޕެނަލްވެސް ވަނީ ހަރުކޮށްފައެވެ. މިއީ ފައިސާގެ އަދަދުން ބަލާނަމަ ބޮޑު ޚަރަދެއް ކޮށްގެން ނިންމާފައި ހުރި މަސައްކަތްތަކެވެ.
" އެއް މިލިއަނެއް ދެ މިލިއަނެއްގެ ވާހަކައެއް ނޫން މި ދައްކަނީކީ. ހަ މިލިއަނެއްހާ ރުފިޔާގެ މަސައްކަތް ކުރެވިއްޖެ. މި ހުރިހާ ކަމެއް ވަރަށް ކާމިޔާބު ކަމާއެކު ތަރުތީބުވެގެން މި ދިޔައީ މިތާ ތިބި ބެލެނިވެރިންގެ ވަރަށް ބޮޑު ޤުރުބާނީއެއްގެ ސަބަބުން. އެކަން ކޮށްދިނުމުގެ ހެޔޮނިޔަތް، ޝައުޤުވެރިކަން އޮތަތީވެ. މިހާރު އޮތް ހަރުފަތުން މަތީ ހަރުފަތަކަށް ގެންގޮސް ދިނުމަށް ތައްޔާރަށް ތިބި ބައެއް ހަޤީގަތުގައި ވެސް ބެލެނިވެރިންނަކީ" ބެލެނިވެރިންގެ މަސައްކަތުގެ އަގުވަޒަން ކުރަމުން މަމްދޫޙް ވިދާޅުވިއެވެ.
މަމްދޫޙް ވިދާޅުވީ، މިހާ ގިނަ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ކުރުމުގައި ފާއިތުވި އަހަރު ތަކުގެ ޕީޓީއޭގައި މަސައްކަތް ކުރެއްވި ހުރިހާ މެމްބަރުންނާއި އަދި ވަކިން ޚާއްޞަކޮށް ނާއިބު ރައީސުންގެ ހިއްސާ ބޮޑު ކަމަށެވެ.
ތަޢުލީމީ ނަތީޖާ އަހަރުން އަހަރަށް މައްޗަށް
ސްކޫލެއްގެ އެންމެ މުހިންމު ކާމިޔާބަކީ ތައުލީމީ ގޮތުން ދަރިވަރުން ހޯދަމުންދާ ކާމިޔާބީއެވެ. އެއް އަހަރުން އަނެއް އަހަރަށް ހޯދަމުންދާ ރަނގަޅު ނަތީޖާއެވެ.
މަމްދޫޙް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު އެ ސްކޫލުގެ ފާސްވާ އިންސައްތަ ދަނީ މައްޗަށެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ.
" އަޅުގަނޑު އައިއިރު އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނެމުން އައީ ނުވަ ކުދިން 11 ކުދިން. އެ އަދަދު ބަދަލުކޮށްފިން މިއަދާ ހަމައަށް 26އަށް. 11އިން 21ން 25އަށް. މިދިޔަ އަހަރު 26 ކުދިން ޤައުމީ ގަދަ ދިހަ އެއްގައި ހިމެނުނު" މަމްދޫޙް ވިދާޅުވިއެވެ.
މަމްދޫޙް ވިދާޅުވި ގޮތުގައި، ލިޓެރެސީ އާއި ނިއުމެރެސީއަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ވަރަށް މުހިންމު ބައެއް ކަމަށާއި ރިވިއު މީޓިންގ ތަކުގެ ތެރެއިން އެ ސްކޫލުގެ ޓާގެޓަކީ، 98 އިންސައްތަ ދަރިވަރުންނަކީ އިމާދުއްދީނުގެ ގުރޭޑް ލެވެލްގައި ލިޔަންކިޔަން ދަންނަ ކުދިންނަށް ހެދުމެވެ. އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ކުދިން ކިޔަވާތީ އެ ކުދިންގެ ކަންތައްތައް ހުރި ގޮތުން ޓީޗަރުންނަށް 100 އިންސައްތަ އެޗީވް ނުކުރެވިދާނެ ކަމަށާއި ކޮންމެ ޓާމެއް ނިމެންވާ އިރަށް އެއްވެސް މައްސަލައެއް ނެތް ކުއްޖަކަށް ވާނަމަ 100 އިންސައްތަ ކޮންމެ ޓީޗަރަކު ވެސް އެޗީވް ކޮށްދިނުމަކީ ޓީޗަރުންގެ ޓާގެޓެކެވެ. އެ ޓާގެޓަށް ވާޞިލްވުމަށް ޓީޗަރުން އެ މަސައްކަތް ކުރައްވަނީ ކުރާހިތުން އަމާނާތްތެރިކަމާ އެކުގައި ކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ތްރީއެލް މޮޑެލްގެ ނަތީޖާ ދަނީ ފެންނަމުން
އެން ސްކޫލްތަކާ ޚިލާފަށް އިމާދުއްދީން ސްކޫލުން ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އެ ސްކޫލަށް ޚާއްޞަ މޮޑެލެއް ގެންގުޅެއެވެ. ދިރިއުޅުމަށް ތައްޔާރުވެފައިވާ ވަށައި ޖެހޭ ތައުލީމެއް ފޯރުކޮށް ދިނުމަށް ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި "ތްރީ އެލް މޮޑެލް" ގެ ނަތީޖާ ފެންނަމުންދާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އިމާދުއްދީނުގެ ތްރީއެލް މޮޑެލަކީ ތައުލީމީ ވުޒާރާގެ ހުރިހާ ޤަވާއިދަކާއި އުޞޫލުތަކުގެ އިތުރުން ޤައުމީ މަންހަޖަށް ބިނާކޮށް ހަދާފައިވާ މޮޑެލެކެވެ.
" ތްރީ އެލް މޮޑެލް" ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ:
ލަރނިންގ ފޯރ ނޮލޮޖް:
ލަރނިންގ ފޯރ ލައިފް:
ލަރނިންގ ފޯރ ސަވައިވް:
ވޮކޭޝަނަލް ޓްރެއިނިންގ
މަމްދޫޙް ވިދާޅުވީ، މިއަދު އިމާދުއްދީނަކީ ރިސޯސްފުލް ސްކޫލެއް ކަމަށާއި މިއަދު އިމާދުއްދީނަކީ ކާމިޔާބު ކަމާއެކީގައި ވޮކޭޝަނަލް ސީ 3 ކޯސްތައް ހިންގާ އެންމެ ކާމިޔާބު އެއް ސްކޫލު ކަމަށެވެ.
" ސްކޫލެއްގައި ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތައް ފެށީ އަޅުގަނޑުމެން. އެކަން ތަރުތީބުކޮށް ފުރަތަމަ ބެޗް ގުރެޖުއޭޓްކޮށް ނިންމައިފިން"
މަމްދޫޙް ވިދާޅުވީ، ދާއިމީގޮތެއްގައި ކޯސްތައް ހިންގޭނެ އިންތިޒާމް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އިންކުލޫސިވް އެޑިޔުކޭޝަންއާ ގުޅިގެން ހަމަޖައްސައިދީފައިވާ ކަމަށާއި އަޅުގަނޑުގެ އުއްމީދަކީ އެ ސްކޫލުން ނުކުންނަ ކޮންމެ ކުއްޖަކީ މާދަމާ މުޖްތަމައަށް ނުކުންނައިރުގައި ކޮންމެ ވެސް ޕްރޮގްރާމެއްގެ ތެރެއަށް ވަދެވޭ ކުއްޖަކަށް ވުން ކަމަށެވެ.
ހިޔާލު