އިމާދުއްދީނުން ބިނާ ކުރީ ހުރިހާ ކުދިންނަށް ފަހި "ވަށައި ޖެހޭ ޝާމިލު ވެއްޓެއް"

އިމާދުއްދީން ސްކޫލަކީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ ހަބް ސްކޫލުގެ ގޮތުގައި، މާލޭގެ ސަރަހައްދުގައި ކަނޑައަޅާފައިވާ ސްކޫލެވެ. އެ ސްކޫލުގެ ޖުވެލް ސެންޓަރަކީ ކޮންޕްލެކްސް ލަރނިންގ ނުވަތަ އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދޭން މާލޭގައި ހުރި ސެންޓަރު ވެސް މެއެވެ. އެ ސެންޓަރުގައި ގާތްގަޑަކަށް 150 ދަރިވަރުން ކިޔަވަމުން ގެންދެއެއެވެ. އެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް 30 ޓީޗަރުން މި ވަގުތު ވެސް މަސައްކަތް ކުރަމުން ގެންދެއެވެ.

ޖުވެލް ސެންޓަރުގެ ދަރިވަރުންގެ އިތުރުން މެއިންސްޓްރީމް ގައިވެސް އުނގެނުމުގެ ތަފާތު ވައްތަރުގެ ދަތިކަން ހުންނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލުގެ އެންމެ ތިރީގައި ހުންނަ ކުލާސްތައް ޚާއްޞަކޮށްފައި ވަނީ ޖުވެލް ސެންޓަރުގެ ދަރިވަރުންނަށެވެ. ޖުވެލް ސެންޓަރުގެ ކުދިންގެ ތެރޭގައި ތިބި ތަޢުލީމީ ގޮތުން ކުރިއަށް ދެވޭނެ ކަމަށް ފާހަގަ ކުރެވޭ ކުދިންނަށް އެކަޑަމިކަށް ބޮޑަށް ފޯކަސް ކޮށްގެން ވަކި ކުލާސްތަކެއްގައި ކިޔެވުން ކުރިއަށް ގެންދެއެވެ.

އިމާދުއްދީން ސްކޫލުގެ އިންކުލޫސިވް އެޑިޔުކޭޝަން އެނަލިސްޓް ސީނިޔާ މުސްތަފާ ވިދާޅުވީ، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ތަމްރީނުވެފައި ތިބި ޓީޗަރުން ތަފާތު ސަބަބުތަކާ ހުރެ ހޯދަން ބައެއް ފަހަރު ވަރަށް އުނދަގޫ ކަމަށާއި ޓީޗަރުންގެ ދަތިކަން އެ ސްކޫލަށް އެބައޮތް ކަމަށެވެ. ޓީޗަރުން ހޯދުމުގައި ކުރިމަތިވާ ދަތިކަން ހައްލު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީނިޔާ ވިދާޅުވިއެވެ.

ޖުވެލް ސެންޓަރުގައި ރަޖިސްޓަރީ ކުރަނީ ސައިކޮލޮޖިކަލް އެސެސްމަންޓަކާއެކީ ވަންނަ ދަރިވަރުންނެވެ. ސައިކޮލޮޖިކަލް އެސެސްމެންޓް ހެދިފައި ނެތް ކަމުގައި ވިޔަސް ކިޔެވުމުގައި ތަފާތު ދަތި އުނދަގޫތައް ހުންނަ ދަރިވަރުން އިމާދުއްދީނުގެ މެއިން ސްޓްރީމް ކުލާސްތަކުގައި ކިޔަވަމުން ގެންދެއެވެ.

ސީނިޔާ ވިދާޅުވީ، ތަފާތު ގޮތްގޮތުން ލަރނިންގ ޑިފިކަލްޓީސް ހުންނަ ދަރިވަރުންގެ އެ ދަތިތައް ފާހަގަކޮށް މެއިން ސްޓްރީމް ޓީޗަރުން ރިފަރ ކުރުމުން އެފަދަ ދަރިވަރުންނަށް ޖުވެލް ސެންޓަރުގެ ޓީޗަރުންގެ އެހީތެރިކަން ދެމުން ގެންދާ ކަމަށެވެ.

" އަޅުގަނޑުމެންނަކީ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދައި ކުދިން ކެޓަގަރީ ކުރެވޭނެ މީހުންނެއް ނޫން. ކެޓަގަރައިޒް ކޮށްފައި ތިބޭ ކުދިންނަށް އޭގެ ދަށުން އެ ރެކަމެންޑޭޝަންތަކާ އެކު، އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދެމުން ދާނީ. އެފަދަ ކުދިންގެ ބެލެނިވެރިންނާ ވާހަކަދައްކައިގެން ހޭލުންތެރިކަން އިތުރުކޮށްގެން ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށް އަޅުގަނޑުމެން ބާރުވެސް އަޅަން" ސީނިޔާ ވިދާޅުވިއެވެ.

ދިރިއުޅުމަށް ތައްޔާރު ކުރުން

ދިރިއުޅުމަށް ތައްޔާރު ކުރުމަށް މަސައްކަތްތެރިކަން ދަސްކުރުމަށް ފަންނުވެށި ވަނީ ޤާއިމް ކުރެވިފައެވެ. ފަންނު ވެށީގެ ދަށުން ކުރިއަށް ގެންދާ ވޮކޭޝަނަލް ކޯސްތަކުގެ ތެރޭގައި ހިމެނެނީ، އައިޓީއަށް ޚާއްޞަ ޓެކްވަތި، ފެހުމަށް ޚާއްޞަ ފަހާވަތި، ކެއްކުމަށް ޚާއްޞަ ކައްކާވައްޗެވެ. މިއީ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެ ސްކޫލުގައި ޤާއިމް ކޮށްފައިވާ ތަންތަނެވެ.

އުނގެނުމުގައި އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރުން އެ ސްކޫލުގެ އެހެން ހުރިހާ ކުދިންނަށް ވެސް ވޮކޭޝަނަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ފަހިވެފައެވެ.

ޖުވެލް ސެންޓަރުގައި އުޅޭ ދަރިވަރުންގެ ތެރެއިން އުމުރުން 15 އަހަރު ނުވާ ކުދިންނަށް ކުރިއަށް ގެންދަނީ ޕްރީވޮކޭޝަން ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން އެއްޗެތި ކޮށަން ދަސްކުރުމާ ގިރަން ދަސްކުރުމާއި ފަހަން ދަސްކޮށްދިނުމާއި އައިޓީ ފަދަ ދާއިރާތަކުން ތަފާތު މަސައްކަތްތައް ދަސްކޮށްދިނުން ހިމެނެއެވެ.

" އޭރުން ޤައުމީ ސަނަދު ހާޞިލް ކުރާ ހިސާބަށް އަންނައިރު ޖުވެލް ސެންޓަރުގެ ދަރިވަރުންނަށް ހުންނާނީ އެކުދިންގެ ހުނަރު ތަރައްޤީ ކުރެވިފައި. އޭރުން ސަނަދެއް ހޯދުމަށް ދެން ކުރަން ޖެހޭ މަސައްކަތް ފަސޭހަވެގެންދާނެ" ސީނިޔާ ވިދާޅުވިއެވެ.

އިމާދުއްދީނުން ވަނީ ސެޓްފިކެޓް 3 ގެ ތަފާތު ތިން ކޯހެއް ކާމިޔާބު ކަމާއެކު ހިންގައި ދަރިވަރުންތަކެއް ދަސްވެނި ވެސް ކޮށްފައެވެ. މިއީ ސްކޫލެއްގައި މިފަދަ ކޯހެއް ހިންގި ފުރަތަމަ ފަހަރެވެ. އެ ކޯހުގައި ޖުވެލް ސެންޓަރުގެ ދަރިވަރުންގެ އިތުރުން ގުރޭޑް 10ގެ ދަރިވަރުން ވެސް ބައިވެރިވިއެވެ.

އިމާދުއްދީނުން ތައްޔާރު ވަމުންދަނީ މި ތިން ކޯސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ ކޯހާއި ނެޝެނަލް ސެޓްފިކެޓް 3 އިން ފެޝަން ޑިޒައިނިންގ އެންޑް ޓެއިލަރިންގ އާއި ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީއާއި ނެޝަނަލް ސެޓްފިކެޓް އިން ޕްރޮގްރާމިންގއެވެ.

ސީނިޔާ ވިދާޅުވީ ކައްކާ ކޯހުގައި ބައިވެރިވި 60 އިންސައްތަ ދަރިވަރުން ފާސްވި ކަމަށާއި އެ ކުދިން އެ ސްކޫލުން ނުކުމެގެން ދިޔައީ އެމްއެންއެސްޑީއޭ އެ ސްޓޭންޑަޑަށް ފެތިގެން، ފާސްވެ ސަނަދު ހިފައިގެން ކަމަށެވެ.

ސީނިޔާ ވިދާޅުވީ، ޖުވެލް ސެންޓަރުގެ ދަރިވަރުންނަށް ހުނަރާއި ތަމްރީނު ދީފައި ދޫކޮށްލިޔަސް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައި ނުދެވިއްޖެނަމަ އެ ކުދިން ތިބެނީ ގިނަ ފަހަރަށް ގޭގައި ކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންގެ އެ ހުނަރު ދަށްވެ މަޑުމަޑުން ނެތިގެން ދާނެ ކަމަށެވެ.

ޕްރިންސިޕަލްގެ އިސްނެންގެވުމާއި އިރުޝާދުގެ މަތިން އެކަން ކުރާނީ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކީގައެވެ.

" މިސާލަކަށް ފަހަން ދަސްކޮށްފައިވާ ފަހާފޮއްޓެއް ހޯދަން ދަތިވާ ކުއްޖާ ވެސް މި ސްކޫލުން ނުކުމެގެން ދާނީ ފަހާފޮއްޓެއް ހިފައިގެން. އޭރުން މަންމަގެ އެހީތެރިކަމާއެކު އެ ކުއްޖާއަށް ފެހުމުގެ މަސައްކަތް ކުރެވޭ ނަމަ އާމްދަނީއެއް ލިބޭނެތާ. ނޫނީ ވަޒީފާ އެއް ހޯދުމުގެ ފުރުޞަތު ވެސް އޮންނާނެ. އެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން"

ސީނިޔާ ވިދާޅުވި ގޮތުގައި، މި ކޯސްތަކުގައި ކިޔަވައިދެއްވާނެ ފަންނުވެރި ޓީޗަރުން ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެކަމަކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކު ޓީޗަރުން ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

" އެންމެ ފުރަތަމަ ކޯސްތައް ނިންމާލީ ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވި ލެކްޗަރާރއިންނާއެކު. އެއީ ބުރަ މަސައްކަތެއް. ވަކި ސްޓޭންޑަޑަކަށް ފެތޭ ޝައުޤުވެރިކަން ހުންނަ ލެކްޗަރާއިން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެހެންވެ ދާއިމީ ޓީޗަރުން ހޯދަނީ" ސީނިޔާ ވިދާޅުވިއެވެ.

ސީނިޔާ ވިދާޅުވީ، ވޮކޭޝަނަލް ކޯސްތަކަށް ކިޔަވައިދޭނެ ޓީޗަރުން ލިބުމާއެކު އެ ސްކޫލުގެ ގުރޭޑް ދިހައެއްގައި ކިޔަވަމުންދާ، މަސައްކަތެއް ދަސްކުރަން ޝައުޤުވެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ. މިހާރުވެސް ގުރޭޑް 8އާއި 9ގެ ދަރިވަރުންނަށް ޕްރީ ވޮކޭޝަނަލް ކުރިޔަށް ގެންދާ ކަމަށެވެ. އެކުދިން ގުރޭޑް 10 ދާއިރު އެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދާނެ ކަމަށް ސީނިޔާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ޓާގެޓަކީ ޝައުޤުވެރިކަން ހުރި ކޮންމެ ދަރިވަރަކު އިމާދުއްދީނުން ނުކުމެގެން ދާނީ އިރާދަކުރެއްވިއްޔާ ހުނަރެއް ދަސްކޮށްގެން"

އަޅާލާ، ވަށައި ޖެހޭ ވެއްޓެއް

ތެރަޕީ ރޫމަކީ ހަމަ އެކަނި ޖުވެލްސެންޓަރުގެ ދަރިވަރުންނަށް ޓާގެޓް ކޮށްގެން ހުޅުވާފައި ހުރި ތަނެއް ނޫނެވެ. ތެރަޕީ ރޫމުގައި މޮޓޯސްކިލްސް، ފައިން މޮޓޯސްކިލްސް އަދި ވާހަކަ ދެއްކުމުގެ ހުނަރުތައް ތަރައްޤީ ކުރެވޭނެއެވެ. ތެރަޕީ ރޫމުގެ ތެރޭގައި ކައުންސިލިންގ ދިނުމުގެ ބައެއް ވަނީ ޚާއްޞަ ކޮށްފައެވެ.

ސީނިޔާ ވިދާޅުވީ ޖުވެލް ސެންޓަރުގެ ދަރިވަރުންނަށް ވަށައި ޖެހޭ ތައުލީމަކަށް ބޭނުންވާނެ ހުރިހާ ވަޞީލަތެއް އިމާދުއްދީނުގައި މިހާރު ޤާއިމް ކުރެވިފައިވާ ކަމަށެވެ. ސީނިޔާ ވިދާޅުވީ އެ ހުރިހާ ރިސޯސްތަކެއްގެ ބޭނުން ކުރަން ފެށީމާ ބޮޑު ތަފާތެއް ފެންނަމުންދާ ކަމަށެވެ.

" ހެނދުނު ސްކޫލަށް އަންނަ ޖުވެލް ސެންޓަރުގެ ދަރިވަރުން ކުލާހުގައި މަސައްކަތް ކޮށްފައި މެއިންސްޓްރީމް ކުލާހުގައި އެހެން ކުދިންނާއެކު ކިޔަވާފައި، ވަކިތަކުގައި މަސައްކަތް ދަސްކުރަން އުޅެފައި، ތެރަޕީ ލިބިގަތުމަށްފަހު އެކުދިން ވެސް  ގެއަށް ދާނީ ކުރޭޑް 6ގެ ކުއްޖާވެސް ގެއަށްދާ ގަޑީގައި 11:30 ގައި. އެ ދަރިވަރުވެސް ގެއަށް ދާނީ މި ތިން ކޮމްޕޯނަންޓަށް އެޓެންޑް ވެފައޭ. އޭރުން އަޅުގަނޑުމެން މި ކިޔާ ތްރީއެލް މޮޑެލްގެ ވަށައި ޖެހޭ ވެއްޓެއްގައި ކިޔެވި ކަމަށް ވާނީ" ސީނިޔާ ވިދާޅުވިއެވެ.

ސީނިޔާ ވިދާޅުވީ ކޮންޕްލެކްސް ލާރިނިންގ ޕްރޮފައިލްގެ ދަރިވަރުންނާ މެދު، ބެލެނިވެރިންނާއި މުޖްތަމަޢުގެ ހޭލުންތެރިކަން ވެސް އިތުރުކުރަން ޖެހޭ ކަމަށާއި މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިމާދުއްދީނަކީ މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ސްކޫލެކެވެ. ޖުވެލް ސެންޓަރުގެ ދަރިވަރުން މެއިންސްޓްރީމް ކުރަން ގެންދަނީ ދަރިވަރުންގެ މެދުގައި އެ ހޭލުންތެރިކަން އުފައްދާފައެވެ.

" އިމާދުއްދީން ސްކޫލުގެ ދަރިވަރުންނަށް އެނގޭނެ ކުއްޖަކު މެއިންސްޓްރީމް ކުރާއިރު އޭނަގެ ހުންނާނެކަން ތަފާތު އުނދަގޫތަކާއި ދަތިކަން. އެކަން ބަލައިގަންނާނެ މެއިންސްޓްރީމްގެ ކުދިން. މިކަން އެންމެ ރީތިކޮށް ފެނިގެން މިދަނީ މެއިންސްޓްރީމްގެ ދަރިވަރުންނާއި ޖުވެލްސެންޓަރުގެ ދަރިވަރުން އެއްކޮށް މި ކުރާ މަސައްކަތްތަކުގައި، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އެޗީވްމަންޓެއް. ހިތްހަމަޖެހުމެއް" ސީނިޔާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ، "ގިރަންވާ އެއްޗެއް ގިރައި ނިމުނީމާ، ފަހަންވާ އެއްޗެއް ފަހާ ނިމުނީމާ ޖުވެލްސެންޓަރުގެ ދަރިވަރަށް އަތްގާތްކޮށްދީ އެ ކުދިންނަށް ބުނެދީ، ހިތްވަރުދީ ،އެއްކޮށް މަސައްކަތް ކުރާތައް ފެނުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ހިތްހަމަޖެހުމެއް" ކުރާ މަސައްކަތުގެ ހިތްހަމަޖެހުން ސީނިޔާ ފާޅުކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ހެކި ފެންނަން އެބަހުރި. މި  ކުރާ މަސައްކަތުން އަޅުގަނޑުމެންގެ ދަރިވަރުންގެ ހިތްތަކުގައި ހަމްދަރުދީއާއި ލޯތްބާއި އޯގާތެރިކަން ޤާއިމް ކުރެވޭކަން. މާތްﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވުމާއެކު އެންމެ ފުރިހަމައަށް ނިއުމަތްތައް ލިބިފައި ނުވާ ކުދިން ބަލައިގަނެ، ލޯތްބާއެކު އެކުދިންނަށް ލޯބި ދީގެން ކުރިއަށް ދާތަން އެބަފެނޭ"

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *