ފަތިސް ނަމާދުން ނިމިގެން ފަތިހު 5:30 ވުމުގެ ކުރިން އިމާދުއްދީނު ސްކޫލުގެ ހަތަރުފާރުން އެތެރެއަށް ހައްވާ އާދަމް (ހައްވާއްތަ) އަޅާ ފިޔަވަޅު ރަމްޒު ކޮށްދެނީ ގަޑިއަށް ފަރުވާތެރިވުމަށް ދޭ ބޮޑު ސަމާލުކަމެވެ. ސްކޫލަށް ކުދިން އަންނަންވާއިރަށް ގޯތިތެރެ ކުނިކަހައި ސާފުކުރުމުގެ ބޮޑު ޒިންމާ އަދާ ކުރަން ހަވާލުވެ ތިބި މަސައްކަތު 11 ދައްތައިންގެ ތެރެއިން އެއީ އެކެކެވެ. އެ ޓީމުގެ މުހިންމު އެއް މެންބަރު ވެސް މެއެވެ.
އެ މަސައްކަތް އެ ގޮތުގައި، ފޫހި ކަމެއް ނެތި ހައްވާއްތަ ކުރަމުން އަންނަތާ މިހާރު ވިއްސަކަށް އަހަރު ވަނީއެވެ. ހަމައެކަނި ބަދަލުވީ މަސައްކަތް ކުރާ ތަނާއި މާހައުލެވެ. ކުރަން ޖެހޭ މަސައްކަތަކަށް ބަދަލެއް ނާދެއެވެ.
ވަޒީފާއަކަށް ހައްވާއްތަ، އެންމެ ފުރަތަމަ ނުކުތީ ށ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އޭރު އެއީ އެ މަރުކަޒުގެ ހެޑްމާސޓަރުގެ "ކައްކާ"އެވެ. ކެއްކުމުގެ ހުރިހާ ޒިންމާއެއް ކޮނޑުގައި އަޅައިގެން އިޚްލާސްތެރިކަމާއެކު ދެ އަހަރާއި އެގާރަ މަސް ވަންދެން އެ މަސައްކަތުގައި ދެމިހުއްޓެވެ. އޭގެ ފަހުން، ދަރިންނަށް ކިޔަވައި ދޭން މާލެއަށް ބަދަލުވާން ޖެހުމުން ވަޒީފާ ދޫކޮށްލީއެވެ.
ދަރިންނަށް ކިޔަވައިދޭން މާލޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ރަށަށް ބަދަލުވެ ދެވަނަ ފަހަރަށް ވެސް ށ. އަތޮޅު އޭއީސީއިން ވަޒީފާ ހަމަޖެހި މަސައްކަތަށް ހައްވާއްތަ ނުކުތެވެ. މި ފަހަރު މަސައްކަތު މީހެއްގެ ގޮތުގައެވެ. ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ، ސްކޫލުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި ކުލާސްތަކާއި އެހެނިގެން ތަންތަން ސާފުކުރުމެވެ. މި މަސައްކަތުގައި ހަތް އަހަރު ހޭދަކުރިއެވެ. އޭގެ ފަހުން ދިރިއުޅުމަށް ގެންނަން ޖެހުނު ބޮޑު ބަދަލާއެކު ރަށް ދޫކޮށް ދެވަނަ ފަހަރަށް މާލެއަށް ހިޖުރަކުރީއެވެ.
މާލޭގައި ދިރިއުޅެން ފެށުމާއެކު ދިރިއުޅުމުގެ ޚަރަދު ހަމަޖައްސަން ވަޒީފާއެއް މުހިންމުވިއެވެ. ވަޒީފާއެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ކަލާފާނު ސްކޫލުން މަސައްކަތު މީހެއްގެ ވަޒީފާ ހައްވާއްތަ އަށް ހަމަޖެހުނެވެ. ހައްވާއްތަގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނަން ފެށީ އެ ހިސާބުންނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ދެމަފިރިން އުޅެމުން ދިޔައީ ހިތްހަމަޖެހިލައިގެންނެވެ.
ކަލާފާނު ސްކޫލުގައި ހަތް އަހަރު މަސައްކަތް ކުރުމަށްފަހު، ހައްވާއްތަ އިމާދުއްދީން ސްކޫލަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ.
ގުލްކޯމާ ބަލީގައި، ފިރިމީހާގެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރެވޭ ހާލަތަށް ދިޔައީމާ ގެއާ ދުރުތަނަކަށް ވަޒީފާއަށް ދިއުންވީ ހައްވާތައަށް ވަރަށް ބޮޑު ތަކުލީފަކަށެވެ. އެހެންވެ އިމާދުއްދީން ސްކޫލް ގެއާ ކައިރީގައި ހުންނާތީ އެ ތަނަށް ބަދަލުވީއެވެ.
" މިހާރު އެއްލޮލަށް އެއްގޮތަކަށް ވެސް ނުފެނޭ. އަނެއް ލޮލަށް ކޮންމެ ވެސް ވަރަކަށް ފެނޭ" ފިރިމީހާގެ ހާލަތު ހައްވާއްތަ 59، ކިޔައިދިނެވެ.
ހައްވައްތަގެ ފަސް ކުދިން އެބަތިއްބެވެ. ތިން ކުދިން ތިބީ ވަޒީފާގައެވެ. އެ ހުރިހާ ކުދިންނާއެކު އޮތީ ރަނގަޅު ގުޅުމެކެވެ. އެ ހުރިހާ ކުދިންގެ އަޅާލުމާއި އޯގާތެރިކަން ލިބެއެވެ. ލިބޭއެއްޗަކުން ފުއްދައިގެން ހިތްހަމަޖެހިލައިގެން އުޅެވެނީ އެހެންވެއެވެ.
ހައްވާތަ ބުނީ، ހެނދުނުގެ ދަންފަޅީގައި މިހާރު މަސައްކަތް ކުރާތީ އާންމު ގޮތެއްގައި 11:30 ހާއިރު ނިމެއެވެ. އެހެން ނަމަވެސް ކުރާން ޖެހޭ މަސައްކަތެއް އޮވެއްޖެނަމަ ދަނީ އެ މަސައްކަތެއް ކޮށް ނިމާފައެވެ.
ހައްވާއްތަ ބުނީ، ފާއިތުވި 20 އަހަރު ސްކޫލުގެ މާހައުލުގެ ތެރޭގައި އުޅެން ޖެހުމުން އެ މާހައުލަށް ވަނީ ހޭނިފައެވެ. މަސައްކަތް ކުރި ކޮންމެ ތަނަކުން ވެސް ފެނުނީ އެކުވެރިކަމެވެ. މަސައްކަތް ބުރަޔަސް ބުރަ ކަމުގެ އިހުސާސް ނުވަނީ އެހެންވެއެވެ.
" އެންމެ އުފާވަނީ ސްޓާފުންނާއި ކުދިންގެ ފަރާތުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރާތީ. ކުރާ މަސައްކަތް ބަލައިގަންނާތީ."
ހިޔާލު