އަޔާން ކުރިއަށް ދަނީ ބޭބެ ލޫޠުގެ ފަރާތުން ހިތްވަރު ލިބިގެން

"ކުރާ ކޮންމެ ކަމަކަށް ސައްތައިން ސައްތަ ފޯކަސް ކުރުން" މިއީ އިމާދުއްދީން ސްކޫލުގެ ފިރިހެން ކެޕްޓަން އަޙްމަދު އަޔާން މުޙައްމަދު ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައިވާ އޭނާގެ ބޮޑު ބޭބެ ލޫޠު ދިން ނަޞޭހަތުގެ ބަސްކޮޅެކެވެ. ކިޔެވުމުގައި އިތުރު ހަރަކާތްތަކުގައި ވެސް ލޫޠަކީ ކިޔަވާ ކޮންމެ ދަރިވަރަކަށް ޖަވާހިރެކެވެ. ލޫޠަކީ 2021 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރެވެ. ފާއިތުވި އަހަރު ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ. އޯލެވެލްއާއި އޭލެވެލްއިން ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. އޭލެވެލްގައި ހިސްޓްރީން ދުނިޔެއިން އެއްވަނަ ހޯދިއެވެ.

" ކޮންމެ ދުވަހަކުހެން އެ ބަސްކޮޅު ހަނދާނުގައި ހުރޭ، އެއީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް" އަޔާން ބުންޏެވެ.

އަޔާން ބުނީ ކިޔެވުމުގައި އަބަދުވެސް ބޭބެގެ ފަރާތުން ހިތްވަރު ލިބޭ ކަމަށާއި އަންނަ އަހަރު އޯލެވެލްގައި އިށީންނާނީ ބޭބެ ހޯދި ފަދަ ކާމިޔާބެއް ހޯދުމުގެ އަޒުމާ އެކު ކަމަށެވެ.

ސްކޫލް ކެޕްޓަނަކަށް ވުމުގެ ހުވަފެން އަޔާން ކުރަން ފެށީ ގުރޭޑް 7 ގައި ކިޔަވަމުން ދިޔައިރުއެވެ. އެ ހުވަފެނުގައި ކުލަޖައްސަން މަގުފަހިވީ އަލިމަސް ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަން ލިބުނު ހިސާބުންނެވެ.

" ޑެޕިއުޓީ ކެޕްޓަންކަން ލިބުނީމާ އެ އެޅުނީ ދެން އޮތް ހަރުފަތަށް ފައި އަޅަން ލިބުނު ހިތްވަރަކަށް. އެ ހިސާބުން ވަރަށް މަސައްކަތް ކުރިން ކެޕްޓަންގެ މަޤާމަށް" އިންތިޙާބުގައި އަޔާން ވާދަކުރަން ޖެހުނީ އެންމެ ދަރިވަރަކާއެވެ.

އަޔާން ބުނީ، ކެޕްޓަންގެ ޒިންމާގެ އިތުރުން ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ، ހުރިހާ މަސައްކަތެއް ބަހާލަނީ ވަކި ތަވާލަކަށް ފައްތައިގެންނެވެ. އޭރުން އެއްވެސް ކަމަކަށް ބުރުލެއް ނާރައި އެ އިރަކު ކުރަން ޖެހޭ ކަމަކަށް ފޯކަސް ކުރެވެއެވެ. ނަތީޖާ ނެރެން ފަސޭހަވެއެވެ.

އަޔާންގެ އުއްމީދަކީ އޯލެވެލްގެ އެއްވަނައެވެ. އެ އަމާޒަށް ވާޞިލް ވުމަށް ދުރާލާ ދަނީ ތައްޔާރުވަމުންނެވެ.

" ދިހަ އަހަރުގެ ކިޔެވުން ނިންމާލާއިރު އޯލެވެލްއިން އެއްވަނަ ހޯދުމަކީ އެއީ އަޒުމެއް. އެ މަގަށް މަސައްކަތް ބައްޓަންކޮށް، މަސައްކަތް ކުރަނީ ވެސް"

އަޔާން ދެކޭ ގޮތުގައި އެއީ ނުވާނެ ކަމެއް ނޫނެވެ. އެ ހިތްވަރު އެ ކެރުންތެރިކަން އޭނާގެ އެބަހުއްޓެވެ. އެއް ވާނެއްގައި މަސައްކަތް ވެސް އެބަކުރެވެއެވެ. ވީއިރު އިމާދުއްދީން ފަޚުރުވެރިވާ ފަދަ ދަރިވަރަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

އަޔާންއަށް ކިޔަވަން ފަސޭހައީ ލިޔެގެންނެވެ. ހުރިހާ ފިލާވަޅެއް ވެސް ދަސްކުރަނީ ލިޔެގެންނެވެ.

" ފިލާވަޅު ބަލައިގެން ލިޔަމުން ދާއިރު ފިލާވަޅުގައި ބުނާ އެއެއްޗެއް ބޮލަށް ނަގައިގަނެވެނީ. ނޯޓްސް ގޮތަށް މުހިންމު ވާ ކޮންމެ އެއްޗެއް ލިޔަނީ. ލިޔާއިރު ލިޔާ ގޮތުން ވެސް ސުވާލުތަކުގެ ޖަވާބު ހަނދާނަށް ގެންނަން ފަސޭހަ ވެސް ވޭ" އަޔާން ބުންޏެވެ.

ފޮތް ކިޔުމަކީ އަޔާންގެ ކުރީގެ ހޮބީއެކެވެ. އޭރު އާންމުކޮށް ކިޔަނީ ސައިކޮލޮޖީއާ ގުޅުން ހުރި ފޮތްތަކެވެ. މަންމަ ގަނެދިން ގިޓާއާ އެކު މިހާރުގެ ހޮބީއަކީ ގިޓާ ކުޅުމެވެ. ލިބޭ ކޮންމެ ހުސްވަގުތަކު އޭނާގެ އެންމެ ގާތް އެކުވެރިޔަކީ އެ ގިޓައެވެ. ގިޓާކުޅުމުގައި އާއިލާގެ އެންމެންގެ ހިއްސާވެސް ބޮޑެވެ.

" ގިޓާ ކުޅުނަސް ފޮތް ކިޔުން އެކީ ދޫކޮށްލީއެއް ނޫން. ކުރިއާ އަޅާބަލާއިރު މިހާރު މަދުވީ"

ކުޑައިރު ޕައިލެޓަކަށް ވާން އަޔާން ބޭނުން ވިޔަސް މިހާރު އެ ޚިޔާލެއް އޭނާ ނުގެންގުޅެއެވެ. އެކަމަކު އަދިވެސް ކުރިއަށް ދާނެ ދާއިރާއެއް ނުނިންމައެވެ. އެކަމާ ވިސްނަން ބޭނުން ވަނީ ވެސް އޯލެލެވް އަށް ފަހުއެވެ.

އަޔާން ބުނި ގޮތުގައި، ސްކޫލުގެ މާހައުލުގެ ތެރޭގައި ދަރިވަރުން ކުރަނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި އެ ތަޖުރިބާގެ ބޭނުން ހިފޭނީ އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެންނެވެ. އެއީ އެހެން މަރުހަލާއަކަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށާއި އެހެން ކުދިންނަށް އޭނާ ދޭ ނަސޭހަތަކީ ވެސް ހަމައެކަނި ކިޔެވުމުގެ ބަދަލުގައި ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމެވެ.

އަޔާން ބުނި ގޮތުގައި، އިމާދުއްދީނުގައި އޮތީ ވަރަށް ހިތްގައިމު މާހައުލެއް ކަމަށާއި ޓީޗަރުންނާއި ކުދިންގެ ފަރާތުން ހިތްވަރު ލިބޭ ވަރަށް އެކުވެރި މާހައުލެކެވެ. އެއީ ޓީޗަރުންނާއި ދަރިވަރުން ގުޅިގެން ކާމިޔާބީއާ ހަމައަށް ދަތުރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ މާހައުލެކެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *