އީމާން: ފިލާވަޅު ދަސްކުރަން ގެންގުޅެނީ ސުވާލާ ޖަވާބުގެ ފްލެޝް ކާޑް

ކިޔެވުމުގައި ފްލެޝް ކާޑުގެ ބޭނުން ކުރަން ހެއްޔެވެ؟ އޭގެ ބޭނުން ފިލާވަޅު ދަސްކުރުމުގައި ހިފޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ މި ސުވާލަށް ޖަބާބު ދެނީ އިމާދުއްދީން ސްކޫލުގެ އަންހެން ކެޕްޓަން އައިޝަތު އީމާން ހަމީދެވެ.

" ކިޔަވާއިރު ފަސޭހައީ ފޮތުން ކިޔައިގެން ދަސްކުރުމަށްވުރެ ސުވާލުތައް ހަދައިގެން ދަސްކުރަން. ދަސްކުރަން ޖެހޭ ކޮންމެ މާއްދާއެއްގެ ފިލާވަޅުތަކުން ސުވާލާއި ޖަވާބުގެ ފްލެޝްކާޑް ހަދައިގެން އެ ސުވާލުތަކަށް ޖަވާބު ދެމުން ދަސްކުރަނީ. އެއާއެކު ޕާސްޓް ޕޭޕަރުތައް ވެސް ހަދަން"

ފިލާވަޅު ދަސްކުރަން އެކުދިން ގެންގުޅެނީ ތަފާތު އުކުޅުތައް ގެންގުޅޭއިރު އީމާނަށް ފަސޭހައީ އޭނާ ތައްޔާރު ކުރާ ކާޑްތަކެވެ. ސުވާލާއި ޖަވާބުތައް އާންމުކޮށް ހަދަނީ އޭނާ އަމިއްލައަށެވެ. ބައެއް ފަހަރު ކިޔަވައިދޭ ޓީޗަރުން ވެސް ހަދައިދޭ ކަމަށް އީމާން ބުންޏެވެ.

އިމާން ބުނީ، އަންނަ އަހަރު އޮންނަ އޯލެވެލް އިމްތިޙާނަށް މިހާރު ވެސް ތައްޔާރު ވަމުން އަންނަ ކަމަށާއި އުމީދު ކުރަނީ އެއްވަނަ ހޯދަން ކަމަށެވެ.

ކެޕްޓަނަށް ވުމުގެ ދަތުރު އީމާން ފެށީ ގުރޭޑް 9ގައި ކިޔަވަން ފެށި ހިސާބުންނެވެ. ކެޕްޓަން ކަމުގެ މަސްއޫލިއްޔަތާ ހަވާލު ވުމުގެ ކުރިން ގުރޭޑް 8ން ފެށިގެން ޕްރިފެކްޓަކަށް ވުމާއި އިތާމުތް ހައުސްގެ ޑެޕިއުޓީ ކެޕްޓަނަށް ވުމަކީ އޭނާއަށް ލިބުނު އެކްސްޕީރިއަންސްއެކެވެ. ތަފާތު ތަޖުރިބާއެކެވެ.

އީމާން އާއެކު ކެޕްޓަން ކަމަށް ހަތަރު ދަރިވަރުން ކުރިމަތިލިއެވެ. އެންމެ ގާތްކޮށް އުޅޭ ދަރިވަރުންނާ ވާދަކޮށް ކެޕްޓަންކަން ހޯދީ ފޯރިގަދަ ކެމްޕޭނަކަށްފަހުއެވެ. އެއީ އީމާނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

" ކެޕްޓަނަކަށް ވުމަކީ ސްކޫލުގެ ހަޔާތުގައި އެންމެ އުފާވި އެއް ދުވަސް" އެފުލާއެކު ޒިންމާތަކެއް ވެސް އޮތް ކަމަށް އިމާން ޤަބޫލު ކުރެއެވެ.

" ކުދިންނާއެކު ގާތް ގުޅުމެއް ބާއްވަން އަބަދުވެސް މަސައްކަތް ކުރަން. މަޤާމެއް ލިބުނީމާ އެއީ އެ ކުދިންނާ ދުރުވާން ޖެހޭ ސަބަބެއް ނޫން"

ކުޑައިރު، އީމާންގެ ޝައުޤު ހުރީ ޖައްވީ ކަންކަމަށެވެ. ވާން ބޭނުންވީ ވެސް އެސްޓޮނޯޓަކަށެވެ. އެކަމަކު މިއަދު އެއީ ވާނެ ކަމެއް ނޫންކަން އީމާން ޤަބޫލު ކުރެއެވެ. އެހެންވެ މިހާރު ބޭނުންވަނީ ސައިންސްއާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާށެވެ.

އީމާން ދަނީ އަދަބީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ވާހަކަ ދެއްކުމާއި މަޒުމޫނު ލިޔުމަކީ އޭނާގެ ފަންނެކެވެ. އޭނާ އަކީ ޤައުމީ މުބާރާތްތަކުގައި ބައިވެރިވާ އިމާދުއްދީނުގެ ޓީމުގެ މެމްބަރެކެވެ.

އީމާން ބުނީ، އިމާދުއްދީނުން ފަހިކޮށްދީފައި ވަނީ ކިޔަވަން ހިތްގައިމު މާހައުލެއް ކަމަށާއި ޓީޗަރުންނާއި ދަރިވަރުންގެ ފަރާތުން ވެސް ފެންނަނީ އަޅާލުމާއި އެހީތެރިކަމެވެ. އޭގެ ސަބަބުން އުފެއްދުންތެރި ދަރިވަރުންތަކެއް ނެރުމަށް މަގިފަހިވެގެންދާ ކަމަށެވެ.

އެހެން ކުދިންނަށް އީމާން ދޭ ނަޞޭހަތަކީ، އެއްވެސް ކުއްޖެއް ދަށެއް ނުވާނެކަމަށް ބަލައިގެން މަސައްކަތް ކުރުމެވެ. ނަތީޖާ ހޯދަން ބޭނުވާ އަމާޒަކަށް ވާޞިލްވާން ކުރަން ޖެހޭ މަސައްކަތް ތަފާތު ވެދާނެއެވެ. އެކަމަށް ޖެހޭނީ ހިތްވަރުކުރާށެވެ.

އީމާން ބުނީ ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް ކަމަށެވެ. ކިޔަވާހިތްވާ ދުވަސްތަކާއި ކިޔަވާހިތް ނުވާ ދުވަސްތައް އަންނާނެ ކަމަށް ދެކިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އީމާން ދެކެއެވެ. އީމާން އަށް ދިމާވާ އެފަދަ ދުވަސްތަކުގައި ކުރިއަށް އޮތް ލަނޑުދަނޑި ހަނދާން ކޮށް ދެނީ އޭނާގެ މައިންބަފައިން ކަމަށެވެ.

" ކިޔަވާހިތް ނުވާ ދުވަސްތަކުގައި މަންމަ ހަނދާންކޮށްދޭނެ ލަނޑުދަނޑިތައް. އޭގެ ސަބަބުން ކުރިއަށް ދާން ފަސޭހަ"

އީމާން ބުނީ، ލަނޑުދަނޑިއެއް ކަނޑައަޅައިގެން އެ ލަނޑުދަނޑިއަށް ވާޞިލް ވުމަށް އަމިއްލަ ނަފިސަށް އަބަދުމެ ހަނދާން ކޮށް ދިނުން މުހިންމު ކަމަށެވެ. އޭރުން ކުރިއަށް ދާން ފަސޭހަވާނެ ކަމަށެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *