މުބާރަކް ސަރ: ކިޔަވައި ދެއްވަމުން ދިރިއުޅުން "ބެލެންސް" ކުރެއްވި ގޮތް، ވަރަށް ޝައުޤުވެރި

" ސިފައިންގެއަށް ވަންނަން ނިންމި ނިންމުމާ މެދު ފަހުން ވިސްނާލީމާ ހިތަށް އެރީ، ޓީޗަރުންނޭ އެ މީހުން ވެސް އުފައްދަނީ، އަޞްލު މީހުން އުފައްދާ ދާއިރާއަށޭ ވަންނާނީ" މުދައްރިސެއްގެ ގޮތުގައި ކުރިއަށް ވަޑައިގެންނެވުނު ގޮތް، އިމާދުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރު މުޙައްމަދު މުބާރިކް ( މުބާރިކް ސަރ) ވިދާޅުވެދެއްވިއެވެ.

އުފަން ރަށް ހޯޑެއްދޫ ސްކޫލުން ކިޔެވުން ނިންމައި ޓީޗަރަކަށް ވުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، 1990 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ފައުންޑޭޝަން ކޯހެއް ހެއްދެވިއެވެ. ޖެހިގެން އައި އަހަރު ޕްރައިމަރީ ޓީޗިންގ ކޯސް ނިންމުމުން ފޮނުއްވީ ގދ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. އޭރު އޮންނަ ގޮތުން ފުރަތަމަ މަސައްކަތް ކުރައްވަން ޖެހެނީ ޕްރިންސިޕަލެއްގެ ބެއްލެވުމުގެ ދަށުން އެބޭފުޅެއްގެ އިރުޝާދާއެކުގައެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ފަހުން ފުރުޞަތު ލިބިވަޑައިގެންނެވީ ރަށާ ކައިރީގައި އޮތް މަޑަވެލީ ސްކޫލުންނެވެ. ރަށު ސްކޫލަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު މުބާރަކް ސަރ އަށް ލިބިވަޑައިގެންނެވީ ޖެހިގެން އައި އަހަރުއެވެ. 1993 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ރަށު ސްކޫލުގައި މަސައްކަތް ކުރެއްވިއިރު، ކިޔަވައި ދެއްވަމުން ހެޑް އޮފް ސްކޫލުގެ ޒިންމާ ވެސް އަދާކުރެއްވިއެވެ.

ހަތް އަހަރު ރަށު ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު،2001 ވަނަ އަހަރު މާލެއަށް ދިރިއުޅުން ބަލަދުކޮށް، އިމާދުއްދީން ސްކޫލާ ގުޅިވަޑައިގެންނެވިއެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އިމާދުއްދީނުގައި އަށް އަހަރު ކިޔަވައި ދެއްވުމަށްފަހު، އިސްލާމް މާއްދާއަށް އޮތް ޝައުޤުވެރިކަމާއެކު، 2009 ވަނަ އަހަރު އެ މާއްދާއިން ޑިޕޮލޮމާ ހެއްދެވިއެވެ. ވަޒީފާގައި އުޅެމުން ކިޔަވަން އޭރު ފުރުޞަތު ލިބިވަޑައި ނުގެންނެވުމުން އަލުން އިމާދުއްދީނާ ގުޅިވަޑައިގެންނެވީ ތިން އަހަރު ދުވަހުގެ ޑިގްރީ ވެސް ނިންމާލެއްވުމަށްފަހު، 2012 ވަނަ އަހަރު، ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ޝަރީއާއިން މާސްޓރސް ވެސް ހެއްދެވިއެވެ.

މީގެ 30 އަހަރު ކުރިއާއި މިހާރުގެ ތަފާތު ފާހަގަކުރައްވައި މުބާރަކް ސަރ ވިދާޅުވީ، ކިޔަވައިދެއްވަން ފެއްޓެވި ދުވަސްވަރު ކިޔަވައިދިނުމުގައި ބޭނުންކުރާނެ މާގިނަ ގިނަ ވަޞީލަތްތަކެއް ނުހުންނަ ކަމަށާއި ހަމައެކަނި ބަލައިލަން އޮންނަނީ ދެތިން ފޮތެއް ކަމަށެވެ.

" އެކަމަކު މިހާރު އަޅުގަނޑުމެންގެ އިނގިލިކުރީގައި މުޅި ދުނިޔެ މިއޮންނަނީ. އެހެން ވީމާ ބޭނުންވާ މައުލޫމާތާއި ކަންކުރަންވީ ގޮތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެބަ އެނގޭ. ކިޔަވައިދޭން ތައްޔާރުވާން ކުރަން ޖެހޭ މަސައްކަތް ފަސޭހަވެގެން ހިނގައްޖެ. ކިޔަވައި ދިނުމުގައި އަޅުގަނޑަށްވީ ފަސޭހަ. ވަޞީލަތްތަކުގެ އެހީގައި ކިޔަވައިދޭއިރު ކުދިން މާ ޝައުޤުވެރި" މުބާރަކް ސަރ ވިދާޅުވިއެވެ.

މުބާރަކް ސަރ ވިދާޅުވީ، ދެ ޖިންސަށް އެކީގައި ކިޔަވައިދޭއިރު، އިތުބާރު ދެމެހެއްޓުން ވަރަށް މުހިންމު ކަމަށާއި ދަރިވަރަކު ކުރާ ސުވާލެއްގެ ސަބަބުން ޓީޗަރުގެ ފަރާތުން އެ ދަރިވަރަކު ލަދުގަންނުވާ ކަހަލަ ޖަވާބެއް ދީގެން ނުވާނެ ކަމަށެވެ. އަދި ދެއްވާ ޖަވާބެއްގެ ސަބަބުން ދަރިވަރު ފަހުން އެކަމާ ދެރަވާން ޖެހިގެން ވެސް ނުވާނެ ކަމަށެވެ.

" ދަރިވަރާ ޓީޗަރާ ދެމެދު ވަރަށް ބޮޑު އިތުރުބާރަކާއި ހަރުދަނާ ގުޅުމެއް އޮންނަން ޖެހޭ. ޓީޗަރު ދޭ އިތުބާރެއްގެ މައްޗަށް ދަރިވަރުން އެ ޓީޗަރަކާ އެކު ކިޔަވާހިތްވާނީ" މުބާރަކް ސަރަ ވިދާޅުވިއެވެ.

ސަރ ވިދާޅުވި ގޮތުގައި، ކިޔަވައި ދިނުމުގައި ދިމާވާ ގޮން ޖެހުމަކީ، ތަފާތު މާހައުލުތަކުން އަންނަ ކުދިންނާއި ތަފާތު ވިސްނުމުގެ ކުދިންނާ އެކީގައި ހޭދަކުރަން ލިބޭ ވަގުތު މަދުވުމެވެ. އެ ކުދިން އެހެން ކުދިންނާ އެއްލެވެލްއަކަށް ގެންދެވޭނީ މަސައްކަތް ތަކެއް ކުރެވިގެން ކަމަށާއި މަސައްކަތްތައް އޮންނަ ގޮތުން ބޭނުންވާ ވަރަށް ވަގުތު ނުދެވޭ ކަމަށެވެ.

" މެނޭޖްމަންޓްގައި މަސައްކަތް ކުރަމުން އެފަދަ ކުދިންނަށް އަޅުގަނޑު އެންމެ ބޭނުންވާ ވަރަށް ވަގުތު ދޭން ބައެއް ފަހަރު ދަތިވޭ" މުބާރަކް ސަރ ވިދާޅުވިއެވެ.

އިމާދުއްދީނުގައި ހޭދަކުރެއްވި 23 އަހަރު ދުވަހުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވެނީ ކުދިންގެ އަޚްލާގަށް އަންނަމުންދާ ބަދަލު ކަމަށް މުބާރަކް ސަރ ފާހަގަ ކުރެއްވިއެވެ. އެހެން ސްކޫލުތަކާ އިމާދުއްދީނާ ހުރި ތަފާތަކީ ވެސް އެ ސްކޫލުގެ ދަރިވަރުންގެ އަޚްލާގު ކަމަށް ފަޚުރުވެރިކަމާ އެކު މުބާރަކް ސަރ ފާހަގަކުރެއްވިއެވެ.

" އެއީ މެނޭޖްމަންޓާ ޓީޗަރުންނާ ބެލެނިވެރިންގެ ވެސް މަސައްކަތް. ދަރިވަރުންގެ އަޚްލާގު އެއީ އެންމެ ފުރަތަމަ ކަންތައް. އޭގެ ފަހަށް ކިޔަވައިދިނުން އަންނާނީ. އޭގެ ނަތީޖާ އިމާދުއްދިނުން ފެންނަނީ"

މުބާރަކް ސަރ ކިޔަވައިދެއްވި އެތަން ދަރިވަރުންނެއް މިއަދު ތިއްބެވީ ޒިންމާދާރު މަޤާމްތަކުގައެވެ. އެއީ ކިޔަވައިދެއްވާ ޓީޗަރަކަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ލިބޭ އުފަލަކީ އެ ކުދިންގެ ފަރާތުން އޭރު ލިބުނު އިހުތިރާމް އެގޮތުގައި ލިބެމުންދިއުމެވެ.

ގިނަ ކުދިންތަކަކަށް ކިޔަވައިދިން ޓީޗަރެއްގެ ހައިސިއްޔަތުން ފާހަގަ ކުރެއްވުނު މުހިންމު ކަމެއް ވެސް މުބާރަކް ސަރ ފާހަގަކުރެއްވިއެވެ. އެއީ ތައުލީމީ ގޮތުން މޮޅެތިކަމަށް ފާހަގަ ކުރެވޭ ކުދިންނަށްވުރެ، ކުލާސްތެރޭގައި ހަލަބޮލިކޮށް އުޅޭ ކުދިންނަށް ނަސޭހަތް ދީގެން އެކުދިން ރަނގަޅު މަގަށް އަޅުވަން ކުރާ މަސައްކަތް ފަހުން އެކުދިން ބަލައިގަންނަ ކަމެވެ. ދިމާވާ ފަހަރެއްގައި އެކަން އެކުދިން ފާހަގަ ވެސް ކުރާ ކަމަށެވެ.

މުބާރަކް ސަރ ގަބޫލު ކުރައްވާ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވޭނީ ކުރާހިތުން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވާ މުދައްރިސަކަށެވެ. ވަޒީފާއަކަށް، ފައިސާއަކަށް އެ ކަމެއް ނުކުރެއްވޭނެއެވެ.

" މިހާރު ޢުމުރުން 53 އަހަރުވެއްޖެ. އެކަމަކު އަދިވެސް މި ދާއިރާ ދޫކޮށްފައިދާކަށް ބޭނުމެއް ނޫން. ތައުލީމީ ދާއިރާއަކީ  ބުރަ ދާއިރާއެއް، ކުރާހިތުން ކުރާތީ އެކަމެއް އިހުސާސެއް ނުވޭ"

ކިޔަވައި ދެއްވުމުގެ އިތުރުން މުބާރަކް ސަރ އަކީ ޤައުމީ މަންހަޖު އެކުލަވާލުމަށް ހެދި ކޮމިޓީގައި ވެސް މުހިންމު މެމްބަރެކެވެ. އަދި ގުރޭޑް 1އާއި 2 އަދި 3 ގެ ދަރިވަރުންގެ އިސްލާމް ފޮތް ވެސް މުބާރަކް ސަރ ވަނީ ލިޔުއްވާފައެވެ. އެމް.އެން.ޔޫ އިން ހިންގި ތަފާތު ކޯސްތަކަށް ޕާޓްޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ކިޔަވައިދެއްވުމުގެ އިތުރުން މާލިމީކަމާއި ވޮލީ ރެފްރީކަމާއި ވޮލީ ކޯޗިންގ އާއި ޝަރުޢީ މައުޛޫނުކަމާއި(ކައިވެނި ކޮށްދިނުމާއި) ޚަޠީބު ކަމަކީ ވެސް މުބާރަކް ސަރގެ ފާހަގަކޮށްލެވޭ ދާއިރާތަކެވެ.

ތައުލީމީ ދާއިރާގައި ހޭދަކުރެއްވި 32 އަހަރުގެ ތާވަލު ބިޒީ ނަމަވެސް ދިރިއުޅުމުގައި ވެސް މުބާރަކް ސަރ އަކީ ކާމިޔާބު ބޭފުޅެކެވެ. އެ ދިރިއުޅުމުން އެތައް ބަޔަކަށް ފިލާވަޅުތަކެއް ލިބެއެވެ. އޭގެ ސިއްރެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ވަގުތުގެ މުހިންމު ކަމާއި ވަގުތު މެނޭޖް ކުރުމެވެ.

" ސަކްސަސްއަކީ، ޓައިމް މެނޭޖް ކުރުން. ދިރިއުޅުމުގައި ޓައިމް މެނޭޖް ކުރަން ދަސްކުރަންވީ. އޭރުން ހުރިހާ ކަމެއް ވެސް ބަރާބަރަށް ދާނީ. މައިންބަފައިންނާ ދަރިންނަށް ވެސް ވަގުތު ހުސްކުރަން ޖެހޭނެ"

މުބާރަކް ސަރ ގެ އަށް ކުދިން އެބަތިއްބެވެ. އެންމެ ހަގު ތިން ކުދިން ފިޔަވައި ދެން ތިބި ހުރިހާ ކުދިން ދަނީ ޒިންމާދާރު މަޤާމްތަކުގައި މަސައްކަތް ކުރަމުންނެވެ. ޒިންމާދާރު ދަރިންނަށް އެ ދަރިން ހެދުމުގައި އަނބިމީހާގެ ހިއްސާބޮޑެވެ. ތައުލީމީ ދާއިރާގައި ކުރިއަށް ވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ ކަމަށް މުބާރިކް ސަރ ފާހަގަކުރެއްވިއެވެ.

" އެ ހުރިހާ ކުދިން ގޮވައިގެން ތައުލީމީ ދާއިރާގައި މި އުޅުނީ. ކިތަންމެ ބުރަޔަސް އެ ކުދިންނާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްފައި ނޫނީ އެންމެ ރެއަކު ވެސް ނުނިދަން. އެއާއެކު ކޮންމެ ހުކުރަކީ ހުރިހާ ކުދިން އެއްވާ ދުވަސް "

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *