"އަޅުގަނޑު ކުދިންގެ ކައިރީގައި ތަކުރާރުކޮށް ބުނާ ވާހަކައެއް އޮންނާނެ. ސަރ އެންމެ ފުރަތަމަ ވެސް ބަލާނީ ޑިސިޕްލިންއަށޭ. ދެން ވެސް ބަލާނީ ޑިސިޕްލިންއަށޭ. ތިން ވަނަ ކަމަކަށް ވެސް ބަލާނީ ޑިސިޕްލިންއަށޭ. އޭގެ ފަހުން ތިޔަ ކުދިންގެ ކިޔެވުމުގެ ކަންތައްތައް އިންތިޒާމް ވެފައި ހުރި ނެތް ގޮތް ބަލާނަމޭ" އިމާދުއްދީން ސްކޫލުގެ ދަރިވަރުންގެ އަޚްލާގަށް އިސްކަންދޭ މިންވަރު އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ފާހަގަ ކުރެއްވިއެވެ.
ދަރިވަރުންގެ އަޚްލާގާއި ރީތި ސިފަތަކަށް އަހުލުވެރި ކުރުވަން އެ ސްކޫލޫން ވެލިޔު ޕްރޮގްރާމެއް ކުރިއަށް ގެންދާތާ އަހަރު ތަކެއް ވެއްޖެއެވެ. މި ޕްރޮގްރާމުގެ ފައިދާ އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފެންނަކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ. އަދި އެފަދަ ޕްރޮގްރާމެއް ސްކޫލެއްގެ ތެރޭގައި ކާމިޔާބު ކަމާއެކު ހިންގުމުގެ އެތައް ފައިދާއެއް ކުރާ ކަމަށް ވެސް އެ ސްކޫލުން ފާހަގަ ކުރެއެވެ.
" ކުއްޖެއްގެ ކިބައިގައި ރީތި ސިފަތަކެއް، އެ ކުއްޖާ ހަރުދަނާ ކުއްޖަކަށް ހެދުމަށް ދާއިމީ ގޮތެއްގައި ތަކުރާރުކޮށް ކުރަން ޖެހޭ ކަންތައްތަކެއް ހުރޭ. އެ ކަންތައްތަކަށް މަގުފަހިކޮށްދޭނެ، ވެލިޔު އެސެމްބްލީ ތަކުން" ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ވިދާޅުވިއެވެ.
ސީނާ ވިދާޅުވީ، ވެލިޔު ޕްރޮގްރާމުގެ މައިގަނޑު އެއް ހަރަކާތަށް ވެލިޔު އެސެމްބްލީތައް ވާއިރު، އެ އެސެމްބްލީތައް ކުރިއަށް ގެންދަނީ ހުރިހާ ކުދިންނަށް ފުރުޞަތު ލިބޭ ގޮތަށެވެ. ކުލާހަކަށް ފުރުޞަތު ދޭއިރު އެ ކުލާހުގެ ހުރިހާ ކުދިން ބައިވެރިވާނެ ކަމަށް ވެސް ސީނާ ވިދާޅުވިއެވެ.
" އެސެބްލީތައް އެކި ގުރޭޑް ތަކުން ހުށައަޅާއިރު އެކި ރޯލުތަކުން ކުދިން ފެންނާނެ. ވާހަކަ ދައްކަން އުނދަގޫވުމާއި ޖެހިލުންވުމާއި ސްޓޭޖްބިރު މި ހުރިހާ ކަމެއްގެ ހައްލަކަށް އަންނަނީ އެ ސެމްބްލީއަށް ތައްޔާރުވާން ޓީޗަރުންނާއެކު ކުރާ މަސައްކަތުގެ ތެރެއިން" ސީނާ ވިދާޅުވިއެވެ.
" ކުދިންނާއި ޓީޗަރުންނާއި ލީޑިންގ ތީޗަރުންނާ އެކު އެ އޮންނަ ގުޅުމުގެ ތެރެއިން ވެސް ވެލިޔުސްތައް ދަރިވަރުން ދަސްކުރަމުން ގެންދާނީ"
އިމާދުއްދީނުގައި ވެލިޔު އެސެމްބްލީތައް ކުރިއަށް ގެންދަނީ ހަފްތާގެ ދުވަސްތަކަށް ބަހާލައިގެންނެވެ.
ސީނާ ވިދާޅުވި ގޮތުގައި ވެލިޔު އެސެމްބްލީތަކަކީ ހަމަ ސްޕީޗެއް ދީފައި ނިންމާލާ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫން ކަމަށާއި އެއީ ދަރިވަރުންގެ ހުނަރުވެސް ދައްކުވައިދޭ ހަރަކާތެއް ކަމަށެވެ.
" މިސާލަކަށް ކުލާހެއްގައި އުޅެނީ އައިޓީއަށް މޮޅު ކުއްޖެއް. އެ ކުއްޖާގެ ހުނަރު އެސެމްބްލީން ފެންނާނެ. އެސެމްބްލީގެ ތެރެއިން ޕްރިންސިޕަލާ ސުވާލު ވެސް ކުރާ ވަރަށް އިޓެރެކްޓިވް އެސެމްބްލީތައް ވެސް ފެނިގެން ދޭ. އެ ސެމްބްލީއަށް ތައްޔާރު ވުމަކީ ވަކިވަކި ކުދިންގެ ހުނަރުތައް ދެނެގަންނަން ޓީޗަރުންނަށް ވެސް ލިބޭ ފުރުޞަތެއް" ސީނާ ވިދާޅުވިއެވެ.
ސިނާ ވިދާޅުވި ގޮތުގައި ވަކިވަކި ކުލާސްތަކުގެ އިތުރުން ކޮންމެ ދުވަހަކު، ހުރިހާ ކުދިންނަށް ބާއްވާ އާންމު އެސެމްބްލީއަކީ ވެސް ވެލިޔުސްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެސެމްބްލީއެއް ކަމަށެވެ. މި އެސެމްބްލީގައި ތީޗަރެއްގެ އިތުރުން ލީޑިންގ ޓީޗަރަކު ވެސް އެ ހަފްތާއަކަށް ކަނޑައަޅާފައިވާ ވެލިޔުއަކަށް ވާހަކަ ދައްކާނެއެވެ.
ހުނަރު ހުއްޓަސް އެ ހުނަރު ބައެއްގެ ކުރިމަތީގައި ދެއްކުމަކީ ހުރިހާ ކުދިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ކޮންމެ ކޮންމެ ކުއްޖަކަށް ވާނެ ކަމެއް ވެސް ނޫނެވެ. އެފަދަ ކުދިންނަށް ވެސް ފަހި ފުރުޞަތެއް އިމާދުއްދީނުން ދެއެވެ. އިންޓަވަލް ގަޑިއަށްފަހު، ޤުރުއާނުގެ ބަރަކާތުން ފަށާއިރު، ގިނަ ބައެއްގެ ކުރިމަތީގައި ކިޔަވަން ޖެހިލުންވާ ކުއްޖާއަށް އެ ފުރުޞަތު އެ ވަގުތު ދެ އެވެ. ބޭނުމަކީ ފުރުޞަތު ދީގެން އެފަދަ ކުދިން ދުރާލާ ތައްޔާރު ވުމަށާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ހޯދައިނުނެވެ.
" ބެލެނިވެރުން ބުނާނެ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާއޭ ދަރިފުޅު. އެކަމަކު މުބާރާތަކަށް އަރަން ޖެހުނީމާ އިސްޓޭޖް ބިރާއި ހިތްބިރުގަތުން ފަދަ ކަންތައް ދިމާވެގެން ކުރިއަށް ނުގެންދެވޭ. އެފަދަ ކުދިންނަށް އިންޓަވަލަށްފަހު ކިޔެވުން ފެށުމުގެ ކުރިން ފުރުޞަތު ދިނީމާ މޯޓިވޭޓް ވެގެން ކުރިއަށް ދާން ހިތްވަރަކަށް ވޭ" ސީނާ ވިދާޅުވިއެވެ.
އިމާދުއްދީނުން ފެށި ވެލިޔު ޕްރޮގްރާމްގެ ނަތީޖާ ފެންނަމުންދާކަން އެނގެނީ އެ ސްކޫލުން ބޭރުން، އެހެން މީހުންގެ ފަރާތުން ލިބޭ ފައްސި ޚިޔާލުތަކުންނެވެ.
" އަޅުގަނޑު މެންނަށް ލިބެނީ ޕޮޒިޓިވް ކޮމެންޓްސް. ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެކަން ފާހަގަ ކުރޭ. ވެލިޔު އެސެމްބްލީގެ ހަޤީޤީ ފޮނިމީރުކަން މި ލިބެނީ ދަރިވަރުން ސްކޫލު ނިމިގެން އާ މާހައުލެއްގައި އުޅެން ފެށުމުން. އެ ކުދިންގެ ފަރާތުން ފެންނަ ސިފަތަކުން" ސީނާގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
ހިޔާލު