އޯލެވެލް ނިންމާފައި ރަށަށް ވަޑައިގެންނެވިއިރު ރަށު ސްކޫލުން ތައްޔާރު ވަމުން ދިޔައީ އަލަށް ގުރޭޑް 8 އުފެއްދުމުގެ މަސައްކަތެވެ. ރަށު ސްކޫލުގެ ހެޑްމާސްޓަރާއި ކަތީބުގެ ފަރާތުން، އެބޭފުޅުން ކުރައްވަމުން އައި އެ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ދެއްވިއެވެ. އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް މުދައްރިސަކަށް ވުމަކީ އެއް އިރެއްގައި ވެސް ގެންގުޅުނު ވިސްނުމެއް ނޫނެވެ. ކިޔަވައިދެއްވުމުގެ ޚިޔާލެއް ފިކުރެއް ވެސް އޭރަކު ނުގެންގުޅުއްވައެވެ. އެކަމަކު މިހާރު ޢިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފަށް އެއީ ތަފާތު ތަޖުރިބާއެކެވެ.
އިނގިރޭސި ވިލާތުގެ ޓީޗަރުންތަކެއް ހިލޭސާބަހަށް އެ ސްކޫލުގައި މަސައްކަތް ކުރަމުން ގެންދެވިއިރު، އިންޓަރންޝިޕެއްގެ ގޮތުގައި ސީނާ މަސައްކަތް ކުރަން ފެއްޓެވީ އެމީހުންނާ އެކީ ގައެވެ. އެ ލިބުނު ތަޖުރިބާއާއި ދަސްވި އެއްޗެއްގެ ނަތީޖާއަކީ، ސްކޫލުގައި ހޭދަ ކުރެއްވި ކުރު މުއްދަތުގައި އޭނާގެ ކުރިމަގާއި ކުރިއަށް ދާނެ ދާއިރާ، ސްކޫލުގެ ހަތަރު ފާރުގެ ތެރެއަށް ފިޓްވަމުން ދިޔުމެވެ. ކިޔަވައިދެއްވުމުގެ ޝައުޤު ހިތުގައި ބިންވަޅު ނެގި، މުދައްރިސަކަށް ވުމުގެ ޝައުޤު އުފެދެން ފެށުމެވެ.
" އެއީ ޤާނޫނީ ވަކީލުކަން ވުމުގެ ހުވަފެން ދޫކޮށްލައި މުދައްރިސަކަށް ވާން ބޭނުންވި ހިސާބަކީ" ދަރިވަރު ނޫހަށް ސީނާ ވިދާޅުވިއެވެ.
" އޭގެ ކުރިން ވެސް މަންމަމެން ބޭނުންވީ މުދައްރިސަކަށް ވެގެން ރަށަށް ޚިދުމަތް ކޮށްދޭން."
އިންޓަރންޝިޕުން އުފެދުނު ޝައުޤުން މުދައްރިސަކަށް
އޭލެވެލް ނިންމައި، 2008 ވަނަ އަހަރު މުދައްރިސް ކަމުގެ ކޯސް ވެސް ނިންމައި، ކިޔަވައި ދެއްވަން ފެއްޓެވީ ރަށު ސްކޫލުގައެވެ. ފުރަތަމަ ކިޔަވައި ދެއްވަން ފެއްޓެވީ ކޮމާސްއެވެ. އޭގެ ފަހުން އެކި މާއްދާތައް ކިޔަވައި ދެއްވަމުން ގެންދެވިއެވެ. އޭރު ސްކޫލްތަކުގައި ކަންތައްތަ ރޭވިފައި އޮންނަ ގޮތުން ތަފާތު ސިލަބަސް ތަކުގެ ތެރެއަށް ވަންނަން މުދައްރިސުންނަށް ފުރުޞަތު ލިބެއެވެ. ހާލަތު ނިޔާކުރާ ގޮތުން އެކި މާއްދާތައް ވެސް ކިޔަވައިދެއްވަން ޖެހެއެވެ.
" އާޓް ޓީޗަރަކު ނެތިއްޔާ އާޓް ކިޔަވައިދޭންވީ. ހިސާބު ޓީޗަރަކު ނެތިއްޔާ ހިސާބު ކިޔަވައި ދޭން ވީ. އެހެން ދިމާވުމުން ތަފާތު ސިލަބަސްތަކުގެ ތެރެއަށް ވަންނަން ފުރުޞަތު ލިބޭ. ސެކަންޑްރީ ޓީޗަރަކަށް ވިޔަސް ޕްރައިމަރީ ގުރޭޑް ތަކަށް ވެސް އޭރު ކިޔަވައިދޭން ޖެހޭ" އޭރުގެ ހާލަތުގެ ގޮތުން ކަންތައް ކުރަންޖެހުނު ގޮތް ސީނާ ވިދާޅުވެދެއްވިއެވެ.
ރަށު ސްކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު ސީނާ، މާލެ ބަދަލުވެވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގައި ކިޔަވައި ދެއްވަން ފެއްޓެވިއެވެ. އޭގެ ފަހުން ތާޖުއްދީން ސްކޫލަށް ބަދަލުވެ ވަޑައިގެންނެވިއެވެ.
ސީނާ ވިދާޅުވީ، ތާޖުއްދީނަށް ބަދަލުވެ ވަޑައިގެންނެވުމުން، މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ތަފާތު ވިސްނުމަކުން ވިސްނުމުގެ ފުރުޞަތު ފަހިވި ކަމަށާއި ލީޑިންގ ޓީޗަކަށް ވުމުގެ ވިސްނުން އުފަން ކުރުވީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ.
މުޙްޔިއްދީނާއި ތާޖުއްދީނުގައި ވެސް ސީނާ އުޅުއްވީ އުޅޭ ހިތުންނެވެ. ކުދިންނާއި ޓީޗަރުންގެ ލޯބި ވެސް އޭނާއަސް ލިބިވަޑައިގެންނެވިއެވެ. ލީޑިންގ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ފުރުޞަތު ތާޖުއްދީނުން ފަހިވީ ވެސް އެ ގުޅުމުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓާއި މުދައްރިސުން ދިން އެއްބާރުލުމާއި ހިތްވަރުންނެވެ.
ލީޑިންގ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ފުރަތަމަ އަހަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އަހަރެކެވެ. ފުރަތަމަ ބަލަހައްޓަން ޖެހުނީ ބީޓެކާއި ދަސްވާރު ޕްރޮގްރާމެވެ. އޭގެ ފަހުން ބިޒްނަސް ޑިޕާޓްމަންޓް ވެސް ބެލެހެއްޓުމުގެ ޒިންމާއާ ސީނާއާ ހަވާލުވެވަޑައިގެންނެވިއެވެ. އެ ޒިންމާގެ އިތުރުން ގުރޭޑެއް ވެސް ބަލަހައްޓަން ޖެހުނެވެ.
" އެ ހުރިހާ ޑިޕާޓްމަންޓެއް ބަލަހައްޓަން ޖެހުމުން ވަރަށް ބިޒީކޮށް އުޅެން ޖެހުނީ. އެކަމަކު އެކަން ނެގީ ވަރަށް ޕޮޒިޓީވްކޮށް. ތާޖުއްދީނުގެ ޓީޗަރުންނާއި އެސްއެމްޓީވެސް ވަރަށް ކޯޕަރޭޓިވް. އެ ސަޕޯޓް ލިބުނީމާ އެ ކުރިއަށް ދާން ހިތްވަރު ލިބެނީ ވެސް" ސީނާ ވިދާޅުވިއެވެ.
ލީޑިންގ ޓީޗަރެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރެއްވުމުން، ޑެޕިއުޓީ ޕްރިންސިޕަލަކަށް ވަޑައިގެންނެވުމުގެ ވިސްނުން ސްކޫލުގެ ތެރެއިން އަންނަން ފެށިއެވެ. އެއީ ތަޢުލީމީ ދާއިރާއިން ކުރިއަށް އެޅުއްވޭނެ ފިޔަވަޅެއް ނަމަވެސް އެކަމަށް އޭނާ ތައްޔާރު ނޫނެވެ. ލިބޭ ފުރުޞަތުގެ ބޭނުން ހިފަން އޭނާއަށް އިރުޝާދު ދެއްވީ ތާޖުއްދީނު ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދެވެ.
" ބަޝީރާ މެޑަމް އިރުޝާދު ދެއްވީ، ޑީޕީއަކަށް ކުރިމަތިލައްވަން. އެ ޝައުޤު ނެތީމާ، ޓްރައިކޮށްލަން ނަމަވެސް، އިންޓަވިއުގައި ބައިވުމަކީ ވެސް ލިބޭ ތަޖުރިބާއެއް ކަމުގައި ބަޝީރާ މެޑަމް އިރުޝާދު ދެއްވީ" ޑީޕީއަކަށް ވުމާމެދު ސީނާގެ ވިސްނުން ގެންގުޅުއްވަން ފެއްޓެވީ އެ ހިސާބުންނެވެ.
އިމާދުއްދީނުގެ ޑީޕީއަކަށް، ތަފާތު ތަޖުރިބާއެއް
ޢިމާދުއްދީން ސްކޫލުގެ ޑީޕީއަކަށް އިއުލާން ކުރެއްވުމުން އެ މަޤާމަށް ކުރިމަތިލެއްވީ، ކުރަން ޖެހޭ މަސައްކަތާއި ޒިންމާތަކަށް ތައްޔާރު ވެވަޑައިގެންނެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ގެންނަވަމުން ގެންދެވި ބަދަލަކީ އެ ސްކޫލާ ދިމާލަށް އެނބުރިލައްވަން ސީނާއަށް ލިބިވަޑައިގެންނެވި އެއް ސަބަބެވެ.
" އިމާދުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ކުރިމަތިލާފައި، އިންޓަވިއަށް ވަރަށް ބޮޑަށް ތައްޔާރުވިން. މައިންޑްސެޓް ވެސް އެގޮތަށް ބަދަލުކުރިން. ޑީޕީގެ ވިސްނުން ހުންނަން ޖެހޭނީ ކިހިނެއްކަމާއި މިހާރަށްވުރެ ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދަން ކުރެވޭނީ ކޮންކަމެއްތޯ ވެސް ބަލައި ތައްޔާރު ވިން" ތައުލީމީ ދާއިރާގެ އާ ހަރުތަކަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތް ސީނާ ވިދާޅުވެދެއްވިއެވެ.
އިމާދުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ސީނާ ހަމަޖެސެއްވުމުން، އޭނާއަށް އެތައް ބަޔަކު ކުރިމެތިކުރެއްވި ސުވާލަކީ، ސެކަންޑްރީ ގުރޭޑްތައް ބެލެހެއްޓި ބޭފުޅަކަށް އިމާދުއްދީނުގެ ޕްރައިމަރީ ގުރޭޑްތައް ބެލެހެއްޓިދާނެ ބާވައެވެ؟ އެ ސުވާލު ގާތް ރައްޓެހިންނާއި ތައުލީމީ ދާއިރާގެ ފަރާތްކުން ވެސް ކުރިމަތި ކުރުވިއެވެ. އެ ހުރިހާ ފަރާތްތަކަށް ސީނާ ދެއްވީ އެންމެ ޖަވާބެކެވެ.
" ކުރާން ޖެހޭ މަސައްކަތްތަކަށް ބަލާއިރު އެއީ ނުވާނެ ކަމެއް ނޫން. ޕޮޒިޓިވް ވިސްނުމަކާއެކު ކުރިއަށް ދެވޭނެ. އެ ހިތްވަރު އެބުރި " ސީނާގެ ޖަވާބު ކުރެއެވެ.
އިމާދުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާ ސީނާ ހަވާލުވެވަޑައިގެންނެވީ ފަސް އަހަރު ތާޖުއްދީނު ސްކޫލުގެ ލީޑިންގ ޓީޗަރަކަމުގެ ތަޖުރިބާއާ އެކު 2022 ވަނަ އަހަރު ގައެވެ. އެ ތަޖުރިބާއާ އެކު މަސައްކަތަށް ނުކުންނެވުމުން، އިމާދުއްދީނުން އޭނާ ބަލައިގަތީ، ސީނާގެ ވިދާޅުވި ގޮތުން ނަމަ " ޕޮޒިޓިވް" ކޮށެވެ.
" މަޤާމަކާ ހަވާލުވެ، ކުރިއަށް ވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކީ އެކުގައި މަސައްކަތް ކުރައްވަން ތިއްބެވި ޓީޗަރުންނާއި ލީޑިންގ ޓީޗަރުން އަދި މުވައްޒަފުން އަޅުގަނޑު ބަލައިގަތުމުން" ސީނާ ވިދާޅުވިއެވެ.
ސީނާ ވިދާޅުވީ، އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހުގެ ފަރާތްޕުޅުން ވެސް ފެނިވަޑައިގަތީ ވަރަށް ތަފާތު ލީޑާރޝިޕެއް ކަމަށެވެ.
" ޕްރޮގްރާމްތައް ރާވައިގެން ތާވަލުކޮށްގެން ދިޔައީމާ ނުއެއް ހިފަހައްޓާނެ. ކުރިއަށްދާނޭގޮތް ފަހިކޮށްދެއްވާނެ. ކުރަންވީއޭ ވިދާޅުވެ އޮތޯރިޓީ ދެއްވާނެ. އަބަދުވެސް ރަނގަޅު ކުރަން، އާ ކަންތައްތައް ގެންނަން މަސައްކަތް ކުރަން ހިތްވަރު ދެއްވާނީ. އަޅުގަނޑުމެން އެސްއެމްޓީއާއި މުދައްރިސުންގެ އައިޑީއާސްތައް ހޯއްދަވާނެ. އަޅުގަނޑުމެންނަށް ލައްވާ އާ ކަންތައްތައް ކުރުވާން ކޮންވިންސް ކުރައްވާނެ . ސަރގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މޯޓިވޭޓް ކުރުވަން ކުރާ މަސައްކަތް" ސީނާ ވިދާޅުވިއެވެ.
" ސރ. ހުންނާނެ ކިޔަވައިދޭ ކޮންމެ ދުވަހަކު 6:30 ގެކުރިން ސްކޫލުގައި. ވަރަށް އެވެއިލެބްލް ވާނެ. އަޅުގަނޑު ވެސް ބަލަން ޕްރިންސިޕަލް ނަމޫނާ އަކަށް ބަލައިގެން ކުރިއަށް ދެވޭތޯ"
ޑެޕިއުޓީ ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ސެކަންޑްރީ ގުރޭޑްތައް ބެލެހެއްޓުމުގެ ޒިންމާ ސީނާއާ ހަވާލުވެ ހެނދު ދަންފަޅިއަށް ބަދަލުކުރެއްވީ ދާދި ފަހުންނެވެ.
އުފަލަކީ ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ އޮތް ގާތް ގުޅުމާއި ހިތްހެޔޮކަން
ސީނާ ވިދާޅުވީ ތައުލީމީ ދާއިރާގައި ހޭދަކުރި 16 އަހަރުގެ ތެރޭގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބަކީ މަސައްކަތް ކުރެއްވި ހުރިހާ ސްކޫލެއްގައި ވެސް ކުރާހިތުން މަސައްކަތް ކުރައްވަން އެންމެންގެ ފަރާތުން ލިބުނު ލޯތްބާއި އިޚްތިރާމެވެ. އެއީ ތަޢުލީމީ ދާރާއިން އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހަދިޔާއެވެ. އެ ލޯބި ހޯދަން އޭނާ ކުރެއްވި ކަމަކީ އެހެން މީހުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަމެއް ކުރެވެން އޮންނަ އެންމެ ރަނގަޅަކަށް ކޮށް ދެއްވުމެވެ. އެއީ ދަރިވަރަކަސް ޓީޗަރަކަސް ބެލެނިވެރިއަކަސް އޭނާ ގެންގުޅުއްވީ ހަމައެވެ. ނަތީޖާއަކީ އެންމެ ލޯބިވާ ޓީޗަރުކަމުން ޑެޕިއުޓީ ޕްރިންސިޕަލާ ހަމައަށް ދަތުރުކުރެވުމެވެ.
" ސްކޫލެއް ހިންގާއިރު، ލީޑިންގ ޓީޗަރުންގެ ހިތްހަމަޖެހުން ވަރަށް މުހިންމު ވާނެ. އެއީ ސްކޫލެއްގެ އިންޖީނުތައް. ލީޑިންގ ޓީޗަރުންގެ ބޭނުންތަކަށް ކޭޓަރ ކޮށްދެވުނީމާ އެ މީހުން ބަލަހައްޓާ ޓީޗަރުން ރަނގަޅަށް ކުރިއަށް ދާނީ. ޓީޗަރުން ރަނގަޅު މާހައުލެއްގައި ތިބެންޏާ އެ މީހުންނަށް 100 އިންސައްތަ ކުދިންނަށް އަޅާލެވޭނީ. އަޅުގަނޑުމެންގެ ޕްރޮޑަކްޓަކީ ކުދިން. ޕްރޮޑަކްޓް ކޮލިޓީކުރަން، ކުދިން ކޮލިޓީ ކުރަން އަބަދުވެސް މަސައްކަތް ކުރަން" ސީނާ ވިދާޅުވިއެވެ.
ހިޔާލު