ވިލާ ކޮލެޖަށް 17 އަހަރު ފުރުނީއެވެ. އަހަރީ ދުވަހުގެ ތަހުނިޔާ ވިލާ ކޮލެޖުގެ މެނޭޖްމަންޓަށާއި ހުރިހާ މުވަޒަފުންނަށް އަރިސް ކުރަމެވެ.
ވިލާ ކޮލެޖު އުފެދިގެން އައީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަގުސަދުގައި، 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު ކޮލެޖްގެ މަސައްކަތް ފެށީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ގައި ރަޖިސްޓަރީ ކުރުމަށްފަހުއެވެ.
ވިލާ ކޮލެޖަށް 17 އަހަރު ފުރިގެންދާއިރު އެ ކޮލެޖްގައި މިހާރު 190 ޕްރޮގްރާމެއް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ކުރިއަށް ގެންދެއެވެ. ވިލާ ކޮލެޖުން ހިންގާ ހުރިހާ ޕްރޮގްރާމްތަކަކީ އެމްކިޔުއޭގެ ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމް ތަކެކެވެ. މީގެ ތެރޭގައި ބޭރުގެ ހަތަރު ޔުނިވަރސިޓީއަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކާއި އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ހިމެނެއެވެ. ރާއްޖެއިން ބޭރުން ވިލާ ކޮލެޖާ އެފިލިއޭޓް ވެފައި ވަނީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންއާއި ޓެއިލަރ ޔުނިވަރސިޓިއާއި ޔުނިވަރސިޓީ އޮފް ސައިބަޖާޔާ އާއި ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުއެވެ.
ވިލާ ކޮލެޖުން ދޭ ތައުލީމުގެ ވަޒަން މުޅި ރާއްޖޭގައި ހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ކެމްޕަހާއި ލަރނިންގ 8 ސެންޓަރު އަންނަނީ ހިންގަމުންނެވެ. ކޮންމެ ސެމެސްޓަރއަކު 3500 އެއްހާ ދަރިވަރުން ކިޔަވަމު އަންނައިރު، ފާއިތުވި 17 އަހަރުގެ ތެރޭގައި 21،000 ދަރިވަރުން އެ ކޮލެޖުން ދަސްވެރިވެ، ޤައުމަށް ބޭނުންތެރި އެތައް ދާއިރާތަކުން ދަނީ ޚިދުމަތް ފޯރުކޮށް ދެމުންނެވެ.
ދަރިވަރުންގެ އުނގެނުމަށް ދޭ ޚާއްޞަ އިސްކަމެއްގެ ގޮތުން އައިއެސްއޯ ސަރޓިފިކެޓް ލިބިފައިވާ، 17000 އަށްވުރެ ގިނަ ފޮތާއި އެހެނިހެން ރިސޯސްތައް ހިމެނޭ ލައިބްރަރީއެއް ވަނީ ޤާއިމް ކޮށްފައެވެ. ކިޔެވުމުގެ ތެރެއިން ހަދަން ޖެހޭ އެސެސްމެންޓްތައް ހެދުމަށް ތަފާތު ދިހަ ލެބޯޓްރީއެއް ވަނީ ޤާއިމް ކޮށްފައެވެ. ވިލާ ކޮލެޖުގައި ކިޔަވައިދޭން ބޭނުން ކުރާ 57 ކުލާސްރޫމަކީ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީ ކޮށްފައިވާ ޒަމާނީ ކުލާސްރޫމްތަކެވެ. އަދި ކުލާސްރޫމްތަކުގެ އިތުރުން މިނިވަން ހިތްފަސޭހަ މާހައުލެއްގައި ހިތްހަމަޖެހިލައިގެން ކިޔެވޭނެ ފަދަ ތަންތަން ވެސް ވިލާ ކޮލެޖުގައި ވަނީ ޤާއިމް ކޮށްފައެވެ.
ވިލާ ކޮލެޖު ވަނީ ޔުނިވަރސިޓީސްތައް ރޭންކުރާ ކިއުއެސް ސްޓަރ ރޭޓިންގައި ތިން ދާރިއާއަކުން ފައިވް ސްޓަރ ހާޞިލްކޮށްފައެވެ. ފައިވް ސްޓަރ ރޭންކިންގ ލިބުނީ، އޮންލައިން ލާނިންއާއި އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީންނެވެ.
އެންމެ ފަހުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި، ޓައިމްސް ހަޔަރ އެޑިޔުކޭޝަންގެ އޮންލައިން ރޭންކިންގ ވިލާ ކޮލެޖުން މިހާރު ވަނީ ބައިވެރިވެފައެވެ. މި އަހަރު ނިމުމުގެ ކުރިން ޓައިމްސް ހަޔަރ އެޑިޔުކޭޝަންގެ ސޯޝަލް އިމްޕެކްޓް ރޭންކިންގ ގައި ވިލާ ކޮލެޖުން ބައިވެރިވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް (ކިޔުއައިއެސްބީ) އިން މިހާރު ވެސް ދަނީ އެސްއޭކިއުއެސް އެކްރެޓިޓޭޝަން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެޕްލިކޭޝަން ލެވޭވަރުވާނެ ކަމަށެވެ.
އެސްއޭކިއުއެސް އަކީ ސައުތު އޭޝިޔާގައި، މެނޭޖްމަންޓް އެންޑް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމު ދޭ ތަންތަނުގެ ކޮލިޓީ އެސެސްމަންޓާއި އިމްޕްރޫވްމަންޓް އަދި އެކްރެޑިޓޭޝަން ދޭ ނިޒާމެވެ.
ޑރ. ނަޖީބު ވިދާޅުވެފައި ވަނީ، އެ ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ދިވެހިރާއްޖޭގައި ނެތް ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރަން ކަމަށާއި އެގޮތުން ވޭތުވެދިޔަ އަހަރާއި މިއަހަރު، ބޭރުގެ އާ ޔުނިވަރސިޓީތަކާ އެކު އެއްބަސްވުންތައް ޤާއިމްކޮށްފައިވާ ކަމަށެވެ. އަންނަ އަހަރު އިތުރު ދާއިރާތަކުން އާ ޕްރޮގްރާމްތައް ފެށިގެން ދާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އާކިޓެކްޗަރ އާއި އެންޓެޕްރެނިއަރޝިޕާއި ނާސިންގއާއި ސައިކޮލޮޖީ އާއި ފިޒިއޮތެރަޕީ އާއި ބައޮއިންޖިނިރިއަރިންގ އާއި ލޯ އާއި އައިޓީގެ ތަފާތު ސްޕެސަލައިޒޭޝަން ކޯސްތައް ފަށަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މި އަހަރު ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވާކަން ފަޚުރުވެރިކަމާއެކު ޑރ. ނަޖީބު ވަނީ ފާހަގަކުރައްވާފައެވެ.
" ވިލާ ކޮލެޖުގެ ދަސްވެނީންގެ ސާވޭއިން ދައްކާގޮތުން އެ ކޮލެޖުން ފުރަތަމަ ޑިގްރީއަށް ކިޔަވައިގެން ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނުކުތް ކުދިންގެ 21 އިންސައްތަ ދަރިވަރުން އެއް އަހަރު ދުވަހުގެ ތެރޭގައި ވިލާ މާސްޓަރަސް ޕްރޮގްރާމްތަކުގައި ކިޔަވަން އަލުން އެ ކޮލެޖާ ގުޅިފައިވޭ. ފައުންޑޭޝަނުން ޑިގްރީއަށް އަންނަ ކުދިންގެ އަދަދު އެއަށްވުރެ މަތި. މިއިން ދައްކުގައި ދެނީ ކޮލެޖާ މެދު ދަސްވެނީންގެ އޮތް އިތުބާރު" ޑރ. އަލީ ނަޖީބު ވިދާޅުވެފައި ވެއެވެ.
ވިލާ ކޮލެޖުން ބުނީ، މި އަހަރު ދަސްވެނިވި ދަރިވަރުންގެ 68 އިންސައްތައަކީ އެ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމް ތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށާއި 59 އިންސައްތައަކީ އަންޑަ ގުރެޖުއެޓް ކޯސްތަކުން ގުރެޖުއޭޓް ވި ދަރިވަރުން ކަމަށެވެ. ދަސްވެނިވި ދަރިވަރުންގެ 70 އިންސައްތައަކީ އަންހެން ދަރިވަރުން ކަމަށް ވެސް ވިލާ ކޮލެޖުން ބުނެއެވެ.
ފާއިތުވި 17 އަހަރު ވިލާ ކޮލެޖުން އުފެއްދި އެތައް ދަރިވަރުންނެއް ޒިންމާދާރު މަތީ މަޤާމްތަކުގައާއި އުފެއްދުންތެރި ދާއިރާތަކުގައި މަސައްކަތް ކުރަމުން ދިއުމަކީ އެއީ އެ ކޮލަޖަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.
ހިޔާލު