ޢަބްދްﷲ ނަޞީޙް
ސްކޫލް މޮނިޓަރިންގ އަދި އިވެލުއޭޝަން (އެމް އެންޑް އީ) ސިސްޓަމްތަކަކީ ތަޢުލީމީ ފެންވަރާއި، ޖަވާބުދާރީވުމާއި، ރަނގަޅުވުން ކަށަވަރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ނިޒާމުތަކެކެވެ. ސްކޫލްގެ ޕާފޯމަންސް ވަޒަންކޮށް، ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކަށް މަގުދައްކައިދީ، ކުރިއަރާނެ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭ މި ނިޒާމުތައް ތަފާތު ގޮތްގޮތަށް އަންނައިރު، ބޭރު ފަރާތްތަކުން(އެކްސްޓަރނަލް) މަރުކަޒީ މޮނިޓަރިންގ އާއި ސްކޫލް ސެލްފް އިވެލުއޭޝަން އަދި މިދެގޮތް އެއްކޮށްލެވިފައިވާ ހައިބްރިޑް މޮޑެލް ހިމެނެއެވެ. މި ލިޔުމުގައި މި މޮޑެލްތައް ބަލައި، އެ މޮޑެލްތަކުގެ ފައިދާތަކާއި ގެއްލުންތައް ހޯދައި، ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ސްކޫލު ތައުލީމީ މާހައުލަށް އެންމެ އެކަށީގެންވާ ނިޒާމަކީ ކޮބައިތޯ ބަލާލެވިފައިވާނެއެވެ.
މަރުކަޒީ ސްކޫލް މޮނިޓަރިންގ: އެކްސްޓަރނަލް އޮވަރސައިޓް އަދި އެކައުންޓެބިލިޓީ
މަރުކަޒީ ސްކޫލް މޮނިޓަރިން ބެލަހައްޓަނީ ސްކޫލުން ބޭރުގެ ފަރާތަކުން، އާންމުކޮށް ސަރުކާރުގެ އިދާރާއަކުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ އެ އިދާރާގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓަކުންނެވެ. އެ އިދާރާއިން ސްކޫލްތައް އިވެލުއޭޓް ކުރަނީ ގައުމީ ސިޔާސަތުތަކާއި، މުދައްރިސުންގެ ނަތީޖާއާއި، ދަރިވަރުންގެ ނަތީޖާއާއި، ސްކޫލުގެ ވަޞީލަތްތައް، ސްޓޭކް ހޯލްޑަރސްގެ ގުޅުންތެރިކަން، އަދި ކަރިކިއުލަމް ތަންފީޒު ކުރަމުންދާގޮތްބަލާ މަންހަޖަށް ތަބާވުމަށެވެ. މި މޮޑެލްގެ ސަބަބުން ހުރިހާ ސްކޫލްތަކެއް އެއްވަރެއްގެ މިންގަނޑަކުން އެއްގޮތަށް ވަޒަންކުރެވޭކަން ކަށަވަރުކޮށްދީ، މުޅި ތަޢުލީމީ ނިޒާމުގައި ޖަވާބުދާރީވުން ކުރިއެރުވުމަށް މަގުފަހިވެއެވެ.

މަރުކަޒީ މޮނިޓަރިންގެ މުހިންމު އެއް ފައިދާއަކީ އޭގެ އޮބްޖެކްޓިވިޓީ އެވެ. ބޭރުގެ އިވެލުއޭޓަރުން ސްކޫލްތަކުގެ އެއްވެސް ފަރާތަކަށް ނުބަލާ އެސެސްމަންޓެއް ފޯރުކޮށްދޭއިރު، ސްކޫލުގެ ތެރެއިން ނަތީޖާއަށް އަސަރުކުރާނެ އެއްވެސް ކަމަކަށް ނުރަގަޅު ނުފޫޒެއް ނުފޯރުވައެވެ. މިއީ ހުރިހާ ސްކޫލްތަކެއްގައި ވެސް އެއްގޮތަކަށް ކޮލިޓީ އާއި ގައުމީ ބެންޗްމާކްތަކަށް ތަބާވުން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މަރުކަޒީ މޮނިޓަރިންގެ ސަބަބުން ޖަވާބުދާރީވުން އިތުރުވެ، ގައުމީ މިންގަނޑުތައް ފުރިހަމަ ކުރުމުގެ ޒިންމާ ސްކޫލްތަކުން ނަގަ އެވެ.
މީގެ އިތުރުން މަރުކަޒީ އިވެލުއޭޝަންތަކުގެ ޑޭޓާ ޑްރައިވަން ޠަބީޢަތުގެ ސަބަބުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ޓްރެންޑްތައް ތަޙުލީލުކުރުމާއި، ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ދޫކުރުމާއި، ތަޢުލީމީ އޮނިގަނޑުގެ ތެރެއިން ނިޒާމީ މައްސަލަތައް ހައްލުކުރެވޭނެއެވެ. ސްކޫލްތަކަށް ފައިދާވަނީ ޕްރޮފެޝަނަލް ފީޑްބެކާއި އިރުޝާދު ލިބުމުންނާއި، އެމީހުންގެ އިމްޕްރޫވްމަންޓް ޕްލޭންތައް ބައްޓަންކުރުމުގައި މިކަމުގެ ސަބަބުން ހިންމު ދައުރެއް އަދާކުރެވޭނެތީއެވެ.
ނަމަވެސް މަރުކަޒީ މޮނިޓަރިންގ އަކީ އޭގެ ލިމިޓެޝަންތަކެއް ނެތް ކަމެއް ނޫނެވެ. ފާހަގަކޮށްލެވޭ އެއް އުނިކަމަކީ ވަކިވަކި ސްކޫލްތަކާ ބެހޭގޮތުން ބޭރުގެ އިވެލުއޭޓަރުންނަށް ލިބިދާނެ ކޮންޓެކްސްޗުއަލް ވިސްނުމެއް ނެތުމެވެ. އެއީ ގައުމީ މިންގަނޑުތަކުގެ ތަޖުރިބާކާރުން ކަމަށް ވީނަމަވެސް، ގިނަ ފަހަރަށް އެކި ސަރަހައްދުތަކުގައި ސްކޫލްތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ދަސްކުރަން ނާކާމިޔާބު ވެދާނެތީއެވެ. މިއީ ސްކޫލްތަކުން އުފެއްދުންތެރި އަދި ފަސޭހައިން ކިޔަވައިދިނުމުގެ އުސޫލުތައް އުފެއްދުމުގެ ބަދަލުގައި ބޭރުގެ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރުމަށް އިސްކަންދީފާނެ ކަމަކަށްވާތީ، އުފެއްދުންތެރިކަމަށްވުރެ ބޮޑަށް ކޮމްޕްލައިންސްއަށް ފޯކަސް ކުރެވިދާނެ ކަމެކެވެ. އަދި މި މޮޑެލްގެ ސަބަބުން އަދަބުވެރިކަމުގެ އިހުސާސް ކުރެވުނު ނަމަވެސް، މިއީ ސްކޫލް މުވައްޒަފުން ޑިމޮޓިވޭޓްކޮށް، ރަނގަޅު ކުރުމުގެ މަރުހަލާގައި އެމީހުންގެ މިލްކުވެރިކަމުގެ އިހުސާސް ކުޑަވެދާނެ، މަތިން ތިރިއަށް ގެންގުޅޭ އުސޫލެކެވެ.
މަރުކަޒީ މޮނިޓަރިންގ އަކީ އިޤްތިޞާދީ ނަޒަރަކުން ބަލާއިރު މުވައްޒަފުންނާއި ވަގުތާއި ލޮޖިސްޓިކަލް ކޯޑިނޭޝަނަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމަކަށް ވާއިރު، މިއީ ސަރުކާރުގެ ބަޖެޓްތަކަށް ބުރަބޮޑުވެ، އިވެލުއޭޝަންތަކުގެ ފްރީކުއެންސީ ނުވަތަ ފުންމިން ހަނިވެދާނެ ކަމެކެވެ. އަދި ފަންނީ ނަޒަރަކުން ވިސްނާއިރު މަރުކަޒީ މޮނިޓަރިންގެ މަސައްކަތްކުރާ އެވަލުއޭޓަރުންގެ ކިބާގައި އެންމެ އެކަށޭނަ ޢިލްމާއި ފަންނީ ޤާބިލު ތަޖުރިބާ އެކަށީގެންވާ މިންވަރަށްނެއްނަމަ މި ކަމުގެ ސަބަބުން މަރުކަޒީ މޮނިޓަރިންގ ސްކޫލެއްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ޙާލަތު ވަޒަންކޮށް ފަންނީ ލަފައާއި އިރުޝަދު ދިނުމުގެ ބަދަލުގައި ނުރަނގަޅު ތަބީޢަތެއްގެ މައްޗަށް އަމާޒުކޮށް ހަރުކަށި އިންސްޕެކްޝަންގެ ގޮތުގައި ކުރިޔަށް ގެންދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މޮނިޓަރިންގެ މަގުސަދާއި ފަންނީ ވިސްނުމާއި މިންގަނޑުތަކުން އެއްކިބާވެ ކުރެވޭކަމަކަށްވެދާނެއެވެ. ތަޢުލީމީ ނިޒާމުގައި ފާއިތުވި ތަނުގައި މި ނުރަނގަޅު ތަބީޢަތު ޕްރެކްޓިސް ކުރެވިފައިވާކަންވަނީ ފާހަގަ ކުރެވިފައެވެ.
ސްކޫލް ސެލްފް އިވެލުއޭޝަން: ކޮންޓިނިއުއަސް ގްރޯތް އަށް ސްކޫލްތައް ބާރުވެރިކުރުން
މަރުކަޒީ މޮނިޓަރިންގ އާއި ޚިލާފަށް ސްކޫލް ސެލްފް އިވެލުއޭޝަން (އެސްއެސްއީ) އަކީ ސްކޫލް ހިންގުންތެރިންނާއި ޓީޗަރުންނާއި މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންވެސް ހިމެނޭގޮތަށް އަމިއްލައަށް ޕާފޯމަންސް ވަޒަންކުރާ އެތެރޭގެ ޕްރޮސެސްއެކެވެ. މި މޮޑެލްގެ ސަބަބުން އަމިއްލަ ނަފްސަށް ރިފްލެކްޝަން ކުރިއެރުވުމާއި، ސްކޫލްތަކަށް އެންމެ ގުޅޭ ދާއިރާތަކުގައި ހުރި ވަރުގަދަ ކަންކަމާއި ބަލިކަށިކަންތައްތައް ދެނެގަނެ، އެތަންތަނުގެ ތަރައްޤީގެ މިލްކުވެރިކަން ނެގުމުގެ ބާރު ލިބިގެންދެއެވެ.

އެސްއެސްއީގެ ކޮންޓެކްސްޓަށް ޚާއްޞަ ޠަބީޢަތުގެ ސަބަބުން ސްކޫލްތަކަށް އެމީހުންގެ ޚާއްޞަ ޙާލަތްތަކަށް އިވެލުއޭޝަންތައް ތައްޔާރުކުރެވޭއިރު، މިކަމުގެ ސަބަބުން މާނަހުރި އިތުރު ވިސްނުންތަކަށް އަމާޒުކޮށްގެން ކުރިއެރުންތަކެއް ލިބިގެންދެއެވެ. މީގެ އިތުރުން އަމިއްލައަށް އިވެލުއޭޓް ކުރުމަކީ މުދައްރިސުންނާއި ޕްރިންސިޕަލުންގެ މެދުގައި ޕްރޮފެޝަނަލް ގްރޯތް އަށް ހިތްވަރު ލިބޭ ކަމެކެވެ. އަދި އެއީ ރިފްލެކްޝަން އާއި މެދުނުކެނޑި ކުރިއެރުން ހޯދުމުގެ ސަގާފަތެއް އާލާކޮށްދޭ ކަމެކެވެ. މި އުސޫލުގެ ސަބަބުން ސްކޫލް މުވައްޒަފުން އިވެލުއޭޝަން ޕްރޮސެސްއަށް އިތުރަށް ތައްޔާރުވެ، ކުރިއެރުވުމުގެ ޒިންމާދާރުކަން އިހުސާސް ކުރެވޭތީ، އެންގޭޖްމަންޓާއި މިލްކުވެރިކަން ވެސް ކުރިއަރުވަ އެވެ.
ނަމަވެސް އަމިއްލައަށް އިވެލުއޭޓް ކުރުމުން ލިބޭ ފައިދާތަކާ އެކު ގޮންޖެހުންތަކެއް ވެސް ކުރިމަތިވެ އެވެ. ބޮޑު އެއް ގެއްލުމަކީ ސަބްޖެކްޓިވިޓީގެ ނުރައްކަލެވެ. ބޭރުގެ ބެލުމެއް ނެތި، އިވެލުއޭޝަންތައް މާ ޕޮޒިޓިވް ނުވަތަ ނެގެޓިވް ވެދާނެއެވެ. އެއީ އެކަމުގައި ބައިވެރިވާ މުވައްޒަފުން ފަންނީ ތަބީޢަތު ދޫކޮށް އެއްފަރާތްތަކަށް ބަލައިފި ނަމަ މި އޮބްޖެކްޓިވިޓީ ނެތި ޞައްޙަ ނޫން އެސެސްމަންޓްތަކެއް އުފެދި، ސަމާލުކަން ދޭންޖެހޭ ދާއިރާތައް ފާހަގަ ނުކުރެވިދާނެއެވެ. މީގެ އިތުރުން، ކޮންމެ މުއައްސަސާއަކުންވެސް އިވެލުއޭޝަނަށް ތަފާތު މިންގަނޑުތަކަށް އަމަލުކުރެވިދާނެތީ، މުޅި ނިޒާމުގެ ތަޢުލީމީ ފެންވަރުގައި ތަފާތުތަކެއް އުފެދި، ސްކޫލްތަކުގެ މެދުގައި އެއްގޮތް ނުވާ މިންގަނޑުތަކެއް އުފެދިދާނެއެވެ.
އަނެއް ލިމިޓެޝަނަކީ އެތެރޭގެ އިވެލުއޭޝަންތަކާއެކު އަންނަ ޖަވާބުދާރީ ނުވުމެވެ. ސްކޫލްތަކުން ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަނެވިދާނެ ކަމުގައި ވިޔަސް، ބޭރުގެ އޯވަސައިޓްގެ ޕްރެޝަރެއް ނެތި، މި ބަދަލުތައް ތަންފީޒު ކުރުމަށް ލިބޭ ބާރު ކުޑަ ވެދާނެއެވެ. މީގެ އިތުރުން، ހުރިހާ ސްކޫލްތަކެއްގައި، ޚާއްޞަކޮށް ވަސީލަތްތައް މަދު ސްކޫލްތަކުގައި، ފައިދާހުރި އިވެލުއޭޝަންތައް ހިންގުމުގެ ޤާބިލުކަން ނުވަތަ ތަޖުރިބާއެއް ނެތުމުން، ބައެއް ކަންކަމުގައި އެސް.އެސް.އީގެ އަސަރު އިތުރަށް ހަނިވެގެންދެއެވެ.
ހައިބްރިޑް މޮނިޓަރިންގ އަދި އިވެލުއޭޝަން:
މަރުކަޒީ މޮޑެލްތަކާއި ސެލްފް އިވެލުއޭޝަން މޮޑެލްތަކުގެ ލިމިޓެޝަންތަކުން އަރައިގަތުމަށްޓަކައި ގިނަ ގައުމުތަކުން ވަނީ ހައިބްރިޑް މޮނިޓަރިން އެންޑް އިވެލުއޭޝަން (އެޗްއެމްއީ) ނިޒާމެއް ގެންގުޅެންފަށާފަ އެވެ. މި އުސޫލުން ބޭރުގެ މޮނިޓަރިންގގެ އޮބްޖެކްޓިވިޓީއާއި ޖަވާބުދާރީވުމާއި ސްކޫލް ސެލްފް އިވެލުއޭޝަންގެ ފްލެކްސިބިލިޓީއާއި ކޮންޓެކްސްޗުއަލް ވިސްނުން އެއްކޮށް، ސްކޫލް ޕާފޯމަންސްގެ ބެލެންސްޑް، ކޮމްޕްރެހެންސިވް އެސެސްމަންޓެއް ހުށަހަޅައެވެ.
ހައިބްރިޑް މޮޑެލްގެ އަސާސީ އެއް ފައިދާއަކީ ބެލެންސްޑް ޕާސްޕެކްޓިވް އެވެ. ބޭރުގެ އިވެލުއޭޓަރުންނާއި އެތެރޭގެ މުވައްޒަފުންގެ ވިސްނުންތައް ހިމަނައިގެން، މި އުސޫލުގެ ސަބަބުން ގައުމީ މިންގަނޑުތަކަށް ތަބާވުމާއި ކޮންޓެކްސްޓަށް ޚާއްޞަ ގޮންޖެހުންތައް ވެސް ސްކޫލްތަކަށް ހައްލުކުރެވޭނެއެވެ. ސްކޫލު މޮނިޓަރިންގ ގައި ހައިބުރިޑް މޮޑެލް ބޭނުން ކުރުމުގެ ސަބަބުން، އެއްބާރުލުންދިނުމާއި އިތުބާރާއި ގުޅިގެން ޒިންމާ އުފުލަން ޖެހޭއިރު، ސްކޫލްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ޕާފޯމަންސް ރަނގަޅު ކުރުމަށެވެ. މި ގުޅުންތެރިކަމަކީ ޖަވާބުދާރީވުން ދެމެހެއްޓުމާއެކު މެދުނުކެނޑި ކުރިއެރުން ހޯދުމުގެ ސަގާފަތަކަށް ހިތްވަރުދޭ ގުޅުމެކެވެ.

ހައިބްރިޑް މޮޑެލުން ހުށަހަޅާ ހޯލިސްޓިކް އެސެސްމަންޓުން ސްކޫލްތަކަށް ކުރު މުއްދަތުގެ އެޑްޖަސްޓްމަންޓްތަކަށް އަވަސް ފީޑްބެކާއި ދެމެހެއްޓެނިވި ކުރިއެރުމާއި ދިގުމުއްދަތުގެ އިރުޝާދު ވެސް ލިބޭނެކަން ކަށަވަރުކޮށްދެއެވެ. ސްކޫލްތައް އަމިއްލައަށް އިވެލުއޭޓް ކުރުމުން މެދުނުކެނޑި ރިފްލެކްޝަންގެ ފައިދާ ލިބިގެންދާއިރު، ޕްރޮފެޝަނަލް އެކްސްޓަރނަލް ފީޑްބެކް ވެސް ލިބި، ގައުމީ ލަނޑުދަނޑިތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް ކަންކަން ކުރެވޭނެ އެވެ.
ނަމަވެސް ހައިބްރިޑް ނިޒާމެއް ތަންފީޒުކުރުމަށްޓަކައި އެތެރޭގެ އިވެލުއޭޓަރުންނާއި ބޭރުގެ އިވެލުއޭޓަރުންގެ މެދުގައި ފަރުވާތެރިކަމާއެކު ކޯޑިނޭޓް ކުރަންޖެހޭއިރު، މިއީ ވަސީލަތްތައް ގިނައިން ބޭނުންވާ އަދި ކޮމްޕްލެކްސް ކަމެއް ކަމަށް ވެދާނެ އެވެ. ފައިދާހުރި ގޮތެއްގައި މެނޭޖް ނުކުރެވިއްޖެނަމަ، އެތެރޭގެ އިވެލުއޭޝަންތަކާއި ބޭރުގެ އިވެލުއޭޝަންތަކުން ވެސް އެއް ބިންގަލެއް ކަވަރުކޮށް، ނާކާމިޔާބީތައް ކުރިމަތިވެދާނެ އެވެ.
ދިވެހިރާއްޖޭގައި ސްކޫލް މޮނިޓަރިންގ އަދި އިވެލުއޭޝަންގައި ހައިބްރިޑް މޮޑެލްއަކަށް ދަތުރަންވީ ކީއްވެ؟
މިހާރު ރާއްޖޭގެ ތައުލީމީ ނިޒާމު މުހިންމު ގޮތެއްގައި ބަރޯސާވެފައިވަނީ މަރުކަޒީ މޮނިޓަރިންގެ މައްޗަށެވެ. ބޭރުގެ އިވެލުއޭޓަރުން ސްކޫލްތައް ވަޒަންކުރަނީ ގައުމީ ސިޔާސަތުތަކާއި ދަރިވަރުންގެ ނަތީޖާއަށް ތަބާވާ މިންވަރަށް ބަލައިގެން ކަމަށެވެ. މިއީ ސްކޫލްތަކުގެ މެދުގައި ޖަވާބުދާރީވުމާއި އެއްގޮތްކަން ކަށަވަރުކޮށްދޭ ކަމެއް ނަމަވެސް މި އުސޫލުގެ ސަބަބުން ކޮންޓެކްސްޗުއަލް ވިސްނުމާއި އިނޮވޭޝަނަށްވުރެ ކޮމްޕްލައިންސްއަށް ފޯކަސް ކުރުމުން ލިބޭ ގެއްލުންތައް ވެސް ކުރިމަތިވެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސްކޫލްތަކުން އަމިއްލައަށް އިވެލުއޭޓް ކުރުމުގެ ބޭނުންތެރިކަން ދެނެގަނެވޭ މިންވަރު އިތުރުވަމުން އަންނައިރު، ސްކޫލްތަކުން އެމީހުންގެ ކުރިއެރުމުގެ ޕްރޮސެސްތަކުގެ މިލްކުވެރިކަން ނަގަން މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް ހަމައެކަނި އެސްއެސްއީ އިން ހުރިހާ ސްކޫލަކަށް މާނަހުރި ބަދަލުތަކެއް ގެނައުމަށް ބޭނުންވާ އޮބްޖެކްޓިވިޓީއާއި ޖަވާބުދާރީވުން ނުލިބިދާނެއެވެ.
ރާއްޖޭގެ ކޮންޓެކްސްޓަށް ބަލާއިރު، ސްކޫލް މޮނިޓަރިންގ އާއި އިވެލުއޭޝަންގައި ހައިބްރިޑް މޮޑެލްއަކީ އެންމެ ފައިދާހުރި މޮޑެލެވެ. އެއީ ބޭރުގެ މޮނިޓަރިންގގެ ވަރުގަދަ ކަންކަމާއި އެތެރޭގެ އިވެލުއޭޝަންތަކުގެ ވިސްނުންތައް ގުޅުވައިގެން، ސްކޫލްތަކަށް މިއަށްވުރެ ބެލެންސްޑް އަދި ފުރިހަމަ އެސެސްމަންޓެއްގެ ފައިދާ ލިބިގެންދާނެތީއެވެ. މި މޮޑެލްގެ ސަބަބުން ސްކޫލްތަކަށް ގައުމީ މިންގަނޑުތަކަށް ތަބާވެ، އެމީހުންގެ ޚާއްޞަ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރުޞަތު ލިބި، އުފެއްދުންތެރިކަމާއި ޖަވާބުދާރީވުން ވެސް ކުރިއަރުވައެވެ.
ގްލޯބަލް ބެސްޓް ޕްރެކްޓިސް: އެހެން ގައުމުތަކުން ދަސްކުރުން
ދުނިޔޭގެ ގައުމުތަކުން ވަނީ ހައިބްރިޑް އެމް އެންޑް އީ ސިސްޓަމްތައް ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައެވެ. މިސާލަކަށް ސިންގަޕޫރުގައި އެޑިޔުކޭޝަން މިނިސްޓްރީ އިސްކޮށް އޮވެ ހިންގާ ބޭރުގެ އިވެލުއޭޝަންތަކާއި ހަރުދަނާ އެތެރޭގެ އަމިއްލަ އެސެސްމަންޓްތައް އެއްކޮށްލުމުން ޖަވާބުދާރީވުމާއި މެދުނުކެނޑި ކުރިއެރުން ވެސް ކަށަވަރުވެގެންދެއެވެ. ހަމައެފަދައިން ނިއުޒީލެންޑްގައި ސްކޫލްތަކުން އަމިއްލައަށް އިވެލުއޭޓް ކުރާއިރު، އެޑިއުކޭޝަން ރިވިއު އޮފީހުން ބޭރުގެ ރިވިއުތައް އިތުރުކޮށް، ސްކޫލްތަކުގެ ނަތީޖާއަށް ބެލެންސްޑް ގޮތެއް ކަށަވަރުކޮށްދެއެވެ.

ފިންލޭންޑްގައި މުހިންމު ގޮތެއްގައި ބޭނުންކުރަނީ ސްކޫލް ސެލްފް އިވެލުއޭޝަން މޮޑެލްއެއް، މިއީ އެގައުމުގެ ސްކޫލްތަކަށް އޮތް އިތުބާރު ބޮޑުކަން ދައްކުވައިދޭ މޮޑެލެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އޮފްސްޓެޑް ސިސްޓަމްގައި ބޭރުގެ މޮނިޓަރިންގ ތަކަށް ބާރުއެޅި ނަމަވެސް ސްކޫލްތަކުން އަމިއްލައަށް ވަޒަންކުރުމަށް ހިތްވަރުދީ، އިވެލުއޭޓް ކުރުމަށް ލޭޔަރޑް އެޕްރޯޗެއް ލިބިގެންދެއެވެ.
މި ގްލޯބަލް މޮޑެލްތަކުން ދައްކުވައިދެނީ ޖަވާބުދާރީވުން ކަށަވަރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލްތައް ރަނގަޅު ކުރުމަށް މަގުފަހިކުރުމުގައި ހައިބްރިޑް އެޕްރޯޗެއްގެ ފައިދާ ބޮޑުކަމެވެ.
ހައިބްރިޑް ސްކޫލް މޮނިޓަރިންގ އެންޑް އިވެލުއޭޝަން މޮޑެލް އަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހުށަހަޅާ މޮޑެލްއެއް ކަމުގައި ވާއިރު، މިއީ ބޭރުގެ އޮބްޖެކްޓިވިޓީއާއި އެތެރޭގެ ރިފްލެކްޝަން ވެސް ހިމެނޭ ބެލެންސްޑް އެޕްރޯޗެކެވެ. މި މޮޑެލްގެ ސަބަބުން ގައުމީ މިންގަނޑުތަކަށް ޖަވާބުދާރީވުން ދެމެހެއްޓުމާއެކު ސްކޫލްތަކަށް އެމީހުންގެ ވަކިވަކި ބޭނުންތަކަށް ފޯކަސް ކުރުމުގެ ފަސޭހަކަން ފޯރުކޮށްދީގެން މަރުކަޒީ މޮނިޓަރިންގެ މިހާރުގެ ލިމިޓެޝަންތަކަށް ހައްލެއް ލިބިގެންދާނެއެވެ. ހައިބްރިޑް ނިޒާމެއް ގެންގުޅެގެން، ރާއްޖޭގައި ސްކޫލް އިވެލުއޭޝަން ޕްރޮސެސް އިތުރަށް ފުރިހަމަކޮށް، މުޅި ރާއްޖޭގެ ތައުލީމީ ނިޒާމަށް މާ ފައިދާހުރި އަދި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.
advertisment
ހިޔާލު