އިސްމާއިލް: ޓާގެޓް ކުރަންވީ ކޮންމެ މާއްދާއަކުން ވެސް ދުނިޔޭގެ ވަނައަކަށް

އައްޑޫ ހައި ސްކޫލުގެ އިސްމާއިލް ހޯދީ އޭލެވެލްގައި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ، ބައޮލޮޖީން ދެ ވަނަ، ހިސާބުން ހަތަރު ވަނަ

ޘާނަވީގައި، އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުން ކިޔެވި އަޙްމަދު އިސްމާއިލް އާސިމް ޓާގެޓް ކުރީ އެހެން ކުދިންނާ ޚިލާފަށް ކޮންމެ މާއްދާއަކުން ވެސް ދުނިޔޭގެ ވަނައަކަށެވެ. ބްރިލިއަންސް އެވޯޑްގެ ކޮންސެޕްޓް އެނގުނީއްސުރެ އޭނާގެ އަމާޒަކަށްވީ އޯލެވެލްއާއި އޭލެވެލްގެ މަރުހަލާގެ ތެރެއިން ދުނިޔޭގެ ވަނައެއް ހޯދުމެވެ. އެ އަޒުމުގައި މަސައްކަތް ފަށައި އޯލެވެލްއިން ދުނިޔޭގެ ވަނައަކަށް ލައްވައި ނުލިޔަސް، އޭލެވެލްގައި  ތިން މާއްދާއިން ދުނިޔޭގެ ވަނަތައް ހޯދިއެވެ.

އޯލެވެލްގައި އިސްމާއިލަށް ލިބުނީ ހިސާބު މާއްދާއިން ރާއްޖެއިން އެއްވަނައެވެ. އޭލެވެލްގައި ހޯދީ ކެމިސްޓްރީން ދުނިޔެއިން އެއްވަނަ އާއި ބައޮލޮޖީން ދެވަނަ އާއި ހިސާބުން ހަތަރު ވަނައެވެ.

އޯލެވެލްއާއި އޭލެވެލްގައި ވެސް ލިބުނީ ގަދަ ދިހައެއްގެ ދެވަނައެވެ. ދެ ފަހަރު ވެސް އެއްވަނައަށް ނޭރުނީ ދިވެހިން އޭ ސްޓަރއެއް ނުލިބުމުންނެވެ. ދިވެހިން ލިބުނީ އޭ އެކެވެ.

" ދިވެހި މާއްދާއަށް ސަމާލުކަން ދެވުނު ނަމަ މަތީ ޘާނަވީން އެއް ވަނަ ލިބުނީސް" އިސްމާއިލް ބުންޏެވެ.

ކިޔެވުމުގައި އަމިއްލަ ސްޓައިލެއް

އޯލެވެލްއާއި އޭލެވެލް އިސްމާއިލް ނިންމީ ޓިއުޝަނަކާ ނުލައެވެ. ސްކޫލުން ނަގައިދޭ ފިލާވަޅާއި އެކްސްޓްރާ ގަޑިތަކުގެ އިތުރަށް، ކިޔަވަން ވަގުތު ހޭދަކުރީ އެކަންޏެވެ. ގުރޫޕްސްޑަޓީގެ ބަދަލުގައި އިސްކަންދިނީ އަމިއްލައަށް ކިޔަވާށެވެ. އެއީ ރަނގަޅު ނަތީޖާއެއް ނެރެން އޭނާ އަށް މާ ފަސޭހަ ގޮތެކެވެ.

" ކިޔަވާހިތްވާ ކުއްޖަކަށް ޓިއުޝަން މުހިންމެއް ނޫން. ޓިއުޝަނަށް ގޮސް ކުރަން ޖެހޭ މަސައްކަތް ގޭގައި އިނދެ ކުރީ" އިސްމާއިލް ބުންޏެވެ.

އިސްމާއިލް ބުނީ، ކިޔަވަން އޭނާ ގެންގުޅެނީ ޚާއްޞަ ވަކި ތާވަލެކެވެ. އެ ތާވަލް އެކުލަވާލަނީ ސްކޫލުގެ ކެޕްޓަންގެ ބޮޑު ޒިންމާ ވެސް އަދާކުރަމުން، އިތުރު ހަރަކާތްތަކަށް ވަގުތު ދެމުން ކިޔެވުމަށް ބުރުލެއް ނާރާ ގޮތަށެވެ. އެ ތާވަލު އެކުލަވާލަނީ ކޮންމެ މާއްދާއެއްގެ ވަކިވަކި ޓޮޕިކްތަކުގެ ބަދަލުގައި ޔުނިޓްތަކަށް ބަލައިގެންނެވެ. ޕާސްޓް ޕޭޕަރުތައް ހަދާއިރު ވެސް ހަދަނީ ޓޮޕިކްތަކަށް ވަކިން ހެދުމުގެ ބަދަލުގައި ޔުނިޓްތަކަށް ބަހާލައިގެންނެވެ.

" ސްކޫލުގައި ސިބަސް އެއްކޮށް ކިޔަވާ ދީ ނުނިމުނަސް އަޅުގަނޑުގެ ކިޔެވުމުގެ ޝެޑިއުލަށް ބުރޫ އަރަންޏާ އަމިއްލައަށް އެ ޔުނިޓްތައް ކަވަރކޮށްގެން ޕާސްޓްޕޭޕަރުތައް ހަދާ ނިންމަމުން ދަނީ. މިގޮތަށް ނިންމާއިރު އަބަދުވެސް މަހެއްހާ ދުވަހުގެ ބަފަރ ޓައިމެއް ލާފައި އޮންނާނީ. މާނައަކީ މަހެއްހާ ދުވަހު ނުކިޔަވާ ހުއްޓަސް ކިޔެވުމަށް ބުރުލެއް ނާރާނެއޭ"

އިސްމާއިލް ބުނީ އޯލެވެލްއާއި އޭލެވެލްއަށް ކިޔަވަމުން ދިޔައިރު، ކެމްބްރިޖާއި އެޑެކްސެލްގެ ސެޕެސިފިކޭޝަންއާއި މާކިން ސްކީމާއި އެގްޒަމިނަރސް ރިޕޯޓް ބެލުން ވަރަށް މުހިންމު ކަމަށާއި ގިނަ ދަރިވަރުން އެ ފަދަ ކަންތައްތަކަށް ސާމާލުކަން ނުދޭކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ކިޔަވާއިރު ސެޕެސިފިކޭޝަން އެއީ އަބަދުވެސް ހުޅުވާފައި ހުންނަ އެއް ޓެގް. ދެން ބަލާނީ މާކިން ސްކީމާއި އެގްޒަމިނާސް ރިޕޯޓަށް. އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ ކުދިން އެގްޒަމިނަރސް ރިޕޯޓަށް ނުބަލާހެން. އެގްޒިމިނަރސް ރިޕޯޓުން އެނގޭނެ އާންމުކޮށް ކުދިން ދީފައި ހުންނަ ޖަވާބުތަކާއި އޭގައި ހުންނަ މައްސަލަތައް. އެގްޒަމިނަރުންގެ އެކްސްޕެކްޓޭޝަން ހުންނަ ގޮތް  ވެސް އެ ރިޕޯޓުން އެނގިގެންދާނެ. އެއީ އަޅުގަނޑު ތަފާތުކޮށް ކުރި އެއް ކަންތައް" ނަތީޖާ ހޯދަން ގެންގުޅުނު އުކުޅުތައް އިސްމާއިލް ހިއްސާ ކުރިއެވެ.

އިސްމާއިލަށް އުނދަގޫ ވަކި މާއްދާއެއް ނެތެވެ. މާއްދާއެއް އުނދަގޫ ވުމަކީ އެ މާއްދާއެއް ކިޔަވަން ޝައުޤުވެރިކަން އުފެދޭ ކަމެކެވެ. އޯލެވެލްގައި ހިސާބު މާއްދާ ކިޔަވާހިތް ނުވީ މާބޮޑަށް ފަސޭހަވީމައެވެ. ހިސާބުން ރާއްޖެއިން އެއްވަނަ ހޯދީ އެހެން މާއްދާތަކަށް ދިން ސަމާލުކަމާއި މާ ގިނަ ޕާސްޓް ޕޭޕަރުތަކެއް ހަދައިގެން ނޫނެވެ. ޕާސްޓް ޕޭޕަރެއް ހަދަން ޖެހުނަސް ފަސޭހަހެން ހީވާ ސުވާލުތައް ދޫކޮށްލާފައި ހަދަނީ އުނދަގޫވާހެން ހީވާ ސުވާލުތަކެވެ.

" ކިޔަވާހިތްވަނީ އުނދަގޫވި ވަރަކަށް. ފަސޭހަވީމާ ކިޔަވާ ހިތެއް ނުވޭ. އޯލެވެލްގައި ހިސާބު މާއްދައަށް ވީ އެހެން"

އިސްމާއިލަށް ކިޔެވެނީ ދަންވަރުގެ ހަމަހިމޭން ވަގުތުގައެވެ. ގިނަ ރޭރޭ ދަންވަރު ތެދުވެ ދަމުނަމާދު ކޮށްލައިގެން އިންނަނީ ކިޔަވާށެވެ. ޓެސްޓް ކައިރިވީމާ އެއީ އޭނާ އާންމުކޮށް ގެންގުޅޭ ތާވަލެކެވެ.

އިމްތިޙާނަށް ތައްޔާރުވުމާއި އިމްތިހާނު ހަދަން ވެސް ދަސްކުރަން ޖެހޭ

އިސްމާއިލް ދެކޭގޮތުގައި ފިލާވަޅު ދަސްކުރަން ދޭ ސަމާލުކަން އިމްތިހާނު ހަދަން ވެސް ދޭން ޖެހެއެވެ. އެކަން ކުރެވޭނީ ދަސްކޮށްގެންނެވެ. 12 އަހަރު ކިޔަވާ ކިޔެވުމުގެ ހަޤީޤީ ބޭނުން ހިފަން ލިބެނީ އެންމެ ދެ ގަޑިއިރެއްހާއިރުގެ ތެރޭގައެވެ. އެ ދެގަޑިއިރަށް ސަމާލުކަން ނުދެވޭނަމަ އުމުރުގައި ކުރި މަސައްކަތުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. އެކަން އޭނާ ވެސް ތަޖުރިބާ ކުރިއެވެ.

" އޯލެވެލްގައި ދިވެހި މާއްދާގެ ޕޭޕަރު ވަގުތަކަށް ނިންމާ ނުލެވުނު. ވަގުތަށް ނިންމާ ލެވުނުނަމަ އޭ ސްޓަރއެއް ހޯދުމުގެ ފުރުޞަތު އޮތް. ވަގުތު މެނޭޖް ނުކުރުމުގެ ސަބަބުން އެހެން ދިމާވީ. އެއީ ދުރާލާ ތައްޔާރު ނުވެ، އިމްތިހާން ހަދަން ޖެހުމުގެ ސަބަބުން ދިމާވި ކަމެއް" އިސްމާއިލް ވާހަކަ ދެއްކީ އަމިއްލަ ތަޖުރިބާގެ އަލީގައެވެ.

ޕޭޕަރު ހަދަމުންދާއިރު ފަސޭހަ ސުވާލުތައް ހަދަމުން، އުނދަގޫ ސުވާލުތައް ނޯޓްކޮށް ފަހަތައް ޖައްސަމުން ގަޑިއަށް ބަލަމުން ދާން ޖެހެއެވެ. ގަޑިއަށް ނުބަލައި އުނދަގޫ ސުވާލުތަކަށް ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ގަޑިޖެހޭއިރު ޕޭޕަރު ނިންމާ ނުލެވި ފަސޭހަ ސުވާލުތައް ދޫކޮށްލެވުމަކީ ގިނަ ކުދިންނަށް ދިމާވާ މައްސަލައެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

" ހޯލުގައި އިންނައިރު ސްޓްރެސް ވާނަމަ އެކަމުން ދުރުވާނެ ގޮތްތަކާއި އިތުރު ޚިޔާލުތަކުން ދުރުވެ ޕޭޕަރަށް ސަމާލުކަން ދިނުން ފަދަ ޓެކްޓިކްސްތައް ޖެހޭ އެނގެން. ދަސްކުރަން" އިމްތިޙާނުގެ ޓެކްޓިކްސް ގެންގުޅުމުގެ މުހިންމުކަން އިސްމާއިލް ފާހަގަ ކުރިއެވެ.

މަސައްކަތް ކުރަންވީ ފާސްވާކަށް ނޫން. ދުނިޔޭގެ ވަނައަކަށް

އިސްމާއިލް ބުނީ، ގިނަ ކުދިންގެ ވިސްނުން ގެންގުޅޭ ގޮތަށް ބަލާއިރު، އޯލެވެލް ނޫނީ އޭލެވެލްއިން ފާސްވުމުން ގިނަ ކުދިންނަށް ފުދެއެވެ. އެކަމަކު އެއީ ގޯސް ވިސްނުމެއްކަމަށް އިސްމާއިލް ދެކެއެވެ. އޭނާ ދެކޭ ގޮތުގައި އޯލެވެލްއާއި އޭލެވެލްގައި ވެސް ވިސްނުމާއި ފިކުރު ވެސް ބައްޓަން ކުރަން ޖެހޭނީ ދުނިޔޭގެ ވަނައެއް ހޯދާށެވެ. އޭރުން ދަށްކޮށް ލިބޭ ފަހަރުވެސް އެކަށީގެންވާ ހިސާބެއްގައި ލައްވާލާނެއެވެ.

" އަޅުގަނޑު ދޭނެ ނަޞޭހަތަކީ އެންމެ މައްޗަށް، ދުނިޔޭގެ ވަނައެއް ކޮންމެ މާއްދާއަކުން ހޯދަން އަޒުމާއެކު މަސައްކަތް ކުރާށޭ، އެ ހިސާބަށް ނުދެވުނަސް އެކަށީގެންވާ ހިސާބެއްގައި އޭރުން ލައްވާލާނެއޭ"

ހަަޔަރ އެޗީވާސް ސްކޮލަރޝިޕްގައި ޓޮކްޓަރީކަން ކިޔަވަން އިނގިރޭސި ވިލާތަށް ދާން އިސްމާއިލް ނިންމީ ތަފާތު ދާއިރާއަކުން މަސައްމަތް ކުރުމުގެ އަމަލީ ނަތީޖާ ހޯދުމަށްފަހުއެވެ. އެހެންވެ ސްކޫލް ނިންމި ގޮތަށް އޭނާ ދަނީ ރަންގަލި ރިސޯޓްގައި މަސައްކަތް ކުރަމުންނެވެ. ބޭނުމަކަށް ވީ ކިޔަވަން ދިއުމުގެ ކުރިން އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދުމެވެ.

އިސްމާއިލް ބުނީ، އޭނާގެ ކާމިޔާބީގައި މައިންބަފައިންނާއި އާއިލާގެ މީހުންނާއި ކިޔަވައިދެއްވި މުދައްރިސުންގެ ހިއްސާ ބޮޑު ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް ހިތުގެ އިޚްލާސްތެރި ޝުކުރު އަދާ ކުރާ ކަމަށެވެ.

ކިޔެވުމަށް ފޯކަސް ކުރެވުނީ މަންމައާއި ބައްޕަ ދިން ހިތްވަރާއި އެހީތެރިކަމުންނެވެ. އެ ދެމައިންނަށް އޭނާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ.

ދެން އޭނާ އޮތީ އޭނާ ހޯދި ފަދަ ކާމިޔާބީއެއް އަންނަ އަހަރު އޯލެވެލް ހަދާ އޭނާގެ ކޮއްކޮ ވެސް ހޯދުމެވެ. އެއީ މިހާރު އޭނާގެ އެންމެ ބޮޑު އުއްމީދެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *