ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ. މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި މި ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ވަނީ ހަމަޖެހިފައެވެ.
ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދާން ހަމަޖެހިފައިވާ މި ސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕުން މަޢުލޫމާތު ދެއެވެ. އަދި ދެ ވަނަ ފޭސްގައި 2023ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެއެވެ.
ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. މި އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށް އެބަދެއެވެ.
އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެކެވެ.
advertisment
ހިޔާލު