ނިޢުމާ މުޙައްމަދު
ބެލެނިވެރިޔާއަށް،
މިޑް ޓާމް ޗުއްޓީ މިއަދު ލިބޭއިރު، ބެލެނިވެރިޔާއަށް ހައްޤު ޝުކުރު އަދާކޮށް އަދި ދެތިން ޚިޔާލެއް އަޅުގަނޑު ހިއްސާކޮށްލާނަމެވެ.
ދަރިފުޅުގެ އުނގެނުމުގެ މިދަތުރަށް ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށްޓަކައި ބެލެނިވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. މި ޓާރމުގައި ތިބާގެ ދަރިފުޅު ހިއްވަރާއެކު މަސައްކަތްކޮށް ކުރިއަރާތަން ފެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އޭނާ ކުލާހުގައި ހިއްސާކުރާ ކޮންމެ ހިނިތުންވުމަކާއި، ދައްކާ ލޯބި ވާހަކަތަކާއި، އޭނާއާއެކުގައި ހޭދަކުރެވުނު އުނގެނުމުގެ ވަގުތުތައް އަޅުގަނޑު ހަނދާނުން ފިލައިގެން ނުދާނެއެވެ.
މި ލިބޭ ކުޑަ ޗުއްޓީގައި އަޅުގަނޑު ބޮޑަށް ބާރުއަޅަނީ ދަރިފުޅާއި އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށެވެ. ނަމަވެސް، އުނގެނުން މެދުނުކެޑޭ ފަދަގޮތަކަށް ބައެއް ވަގުތުގައި ދަރިފުޅާއިއެކު ފޮތެއް ކިޔާލުމަށް ނަސޭހަތްތެރިވަމެވެ. އަދި ޑައިރީގައި ނުވަތަ ނޯޓްފޮތުގައި އޭނާ ލައްވާ ކޮންމެވެސް ލިޔުން ކޮޅެއް ލިޔުއްވަން ހަނދާނުގައި ބެހެއްޓެވުން އެދެމެވެ.
އެންމެ ހާއްސަކަމެއް ދީގެން މިޗުއްޓީގައި ޤުރުއާން ފިލާވަޅުތައް ކިޔުއްވާ، ދަރިފުޅުގެ ނަމާދުގެ ހަރަކާތްތައް ފަރިތަކޮށް، ނަމާދުގައި ކިޔާ ސޫރަތްތައް/ދުއާތައް/ޒިކުރުތައް ދަސްވިތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިއީ ދިރިއުޅުމުގައި އާދަކުރުވަން ޖެހޭ ދީނުގެ މުހިންމު އެއް ތަނބު ކަމުގައިވާތީއެވެ.

ނަމަވެސް، މިޗުއްޓީގައި ބަގީޗާތަކަށާއި ގޮޑުދޮށްތަކަށް ޒިޔާރަތްކޮށް އާއިލާއާއެކީ ވަގުތު ހޭދަކޮށް، މަޖާ ހަރަކާތްތަކުގެ ފޮޓޯތަކުން އަލްބަމްތަށްވެސް ފުރާލައްވަން ވާނެއެވެ. އެ ހަނދާންތަކަކީ އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޭނުންތެރި ހަނދާންތަކެކެވެ. އަދި މިފަދަ އުފާވެރި އިޖުތިމާއީ ހަރަކާތްތަކުން ވެސް އުނގެނުން ވަރަށް ބޮޑަށް ކުރިއަރައެވެ. ދަރިފުޅަށް ލިބޭ މިފަދަ މަޖާ ފުރުސަތު ތަކުގެ ސަބަބުން އޭނާގެ ސިކުނޑި އިތުރަަށް ތާޒާވެ، ކިޔަވަން ހުންނަ ފޯރި ސުކޫލު ހުޅުވެން ވާއިރަށް އިތުރުވާނެއެވެ.
ނަމަވެސް، ބެލެނިވެރިޔާގެ ފަރާތުން އަޅުގަނޑު ވަރަށް މުހިންމު ކަމަކަށް އެދެމެވެ. ދަރިފުޅު ކުރިމަތީގައި ސްކޫލާއި ޓީޗަރުންނާ ބެހޭގޮތުން ދައްކަވާ ވާހަކަތަކަކީ ހެޔޮ ބަސްތަކަކަށް ވާންޖެހެއެވެ. މިސާލަކަށް، މުދައްރިސުންގެ ބުރަ މަސައްކަތްތައް އަގު ވަޒަން ކުރެވޭނެ ބަސްތަކަކަށް ވާންޖެހެއެވެ. ނުވަތަ ސުކޫލާއި އުނގެނުމުގެ މާހައުލަށް އެކުދިން އިހުތިރާމް ކުރާނޭ ފަދަ ބަސްތައް އެކުދިން ކުރިމަތީގައި ބޭނުން ކުރައްވާށެވެ. ނަފުރަތު އުފެދޭ ފަދަ ބަސްތައް އެކުދިންނާއި ހިއްސާ ނުކުރައްވާށެވެ. ސަބަބަކީ އުނގެނުމުގެ މިދަތުރަކީ ވަރަށް ދިގު ދަތުރެކެވެ. ކުރިމަގުގައި، އަޅުގަނޑާއި އެކުގައި މި ސުކޫލުގައި ވަރަށް ގިނަ އަހަރުތަކެއް ދަރިފުޅު ހޭދަކުރާނެއެވެ.
ތިބާގެ ދަރިފުޅަކީ އަޅުގަނޑު ވެސް ވަރަށް ލޯބިވާ ދަރިވަރެކެވެ. އަޅުގަނޑު އެދެނީ އޭނާއަށް ބާއްޖަވެރި، އުފާވެރި ހަޔާތަކަށެވެ. އޭނާ އަކީ ހެޔޮލަފާ، އިހުސާންތެރި، އޯގާވެރި، ޒިންމާދާރު، ޤާބިލް މީހަކަށް ވުމަށެވެ.
ހެޔޮ އެދޭ،
[މުދައްރިސު/ ޓީޗަރ]
advertisment
ހިޔާލު