ޢާންމު ދިރިއުޅުމުގައިވެސް މަޑުމައިތިރި ކަމަށް ލޯބި ކުރާ ވިއާމް ޘާނަވީ ތަޢުލީމުގެ ޙަޔާތް ނިންމާލީ އެހެން ދަރިވަރުންނަށް ނަމޫނާ ދައްކަމުންނެވެ. އެ ގޮތުން 2024 ވަނައަހަރުގެ މެއި/ ޖޫންގައި ބޭއްވި ޘާނަވީ އިމްތިޙާނުގައި މުޅި ރާއްޖެއިން 3 ވަނަ ހޯދާ، ސްކޫލަށާއި، އާއިލާއަށް ރީތިނަމާ ޝަރަފު ވިއާމް ވަނީ ހޯދައި ދީފައެވެ.
މަންމައާއި ބައްޕަގެ އުނގުން ތަޢުލީމީ ޙަޔާތުގެ ބިންގާއެޅި ވިއާމް އޭނާގެ ތަޢުލީމީ ދަތުރުގައި އަބަދުވެސް ދައްކަމުން ދިޔައީ ރަނގަޅު ނަތީޖާއެއް ހޯދާން ބޭނުންވާ ކަމެވެ. ވިއާމަކީ އެންމެ ތުއްތު އިރުވެސް ކިޔެވުމަށް ލޯބިކޮށް ކަންކަން ދަސްކުރަން ގަދައަޅާ މަސައްކަތް ކުރި ކުއްޖެކެވެ. "އެންމެ ކުޑައިރު މަންމައާއި ބައްޕަގެ ގާތުން އަކުރު ދަސްކުރީ، އެކިއެކި އެއްޗެއްސަށް ކިޔާ ނަންތައް ބޮޑެތި ޕޯސްޓަރުތަކުން ދަސްކުރި ހަނދާން އަޅުގަނޑު އަދިވެސްވޭ!" އުނގެނި ދަސްކުރުން ފެށިގެންއައި ގޮތުގެ މާޒީ ހަނދާނަށް ގެންނަމުން ވިއާމް ބުންޏެވެ. މަދަރުސީ ޙަޔާތުގައި އިތުރު ޙަރަކާތްތަކަށްވެސް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރި ވިއާމް ވަނީ ތަފާތު މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާފައެވެ. ޤުރުއާން މުބާރާތްތަކުންނާއި ބައެއް އަދަބީ މުބާރާތްތަކުން ގިނަ އަރުތަތަކެއް ޙާޞިލްކޮށްފައެވެ.
ޣާޒީ ބަންޑާރައިން ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ އިނާޔަތު ފާހަގަ ކުރައްވާ ގޮތުގައި ވިއާމް އަކީ އެނގެނުން އުފަލެއްގެ ގޮތުގައި ދެކިގެން ވރަށް ގަޔާވެގެން ކިޔަވަން މަސައްކަތް ކުރި ހީވާގި ނަމޫނާ ދަރިވަރެކެވެ. ދިމާވާ ތަފާތު ޙާލަތްތަކުން އަރައިގަތުމުގައި އޭނާގެ ޕޮޒިޓިވް އެޓިޓިއުޑް އަބަދުވެސް އިސްކުރާ ވަރަށް ސްމާރޓް ދަރިވަރެކެވެ. ދީނީކަންކަމަށް އިސްކަންދޭ މުދައްރިސުންނާ ވެރީންނަށް ވަރަށް ކިޔަމަންތެރި، އަބަދުވެސް ހިނިތުންވުމާއެކު ފާޑުކިޔުންތައް ބަލައިގަނެ، ދެވޭ އިރުޝާދުތަކާއެއްގޮތަށް ކަންކަން ކުރެވޭތޯ ބަލާ ވަރަށް އުފެއްދުންތެރި ދަރިވަރެކެވެ. އަބަދުވެސް އާކަންކަން ދިރާސާކޮށް ހޯދާ ބަލާ އީޖާދުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ، ރަނގަޅުނަތީޖާއަކާ ހަމައަށް ދެވެންދެން ގަދައަޅާ މަސައްކަތް ކުރުމަށް ސެލްފް މޯޓިވޭޓެޑް ދަރިވަރެކެވެ. ލިބޭ ފުރުޞަތު ތަކުގައި ވިއާމް ކަންކަމާމެދު ދެކޭގޮތާއި ވިސްނުން ވަރަށް ކުރުމާއި ސާބިތުކަމާއެކު ހިއްސާކުރި ދަރިވަރެކެވެ.
" މިވަގުތު ވިއާމް ޤައުމީ ގަދަ ދިހައެއްގެ ތިންވަނައިގައި އޮތް ކަމުގައި ވިޔަސް ނަތީޖާ ރީޗެކްކޮށް ނިމުމުން ދެވަނަ ނުވަތަ އެއްވަނައަށް އައުމަކީ ވެސް ވަރަށްގާތުގައި އޮތްކަމެއް. އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާއަކީވެސް ވިއާމަށް ގަދަ ދިހައެއްގެ އެއްވަނަ ލިބުން. އަޅުގަނޑު ވިއާމަށް އަދި އެހެން ދަރިވަރުންނަށް ވެސް އެދެނީ ކުރިއެރުމާއި ކާމިޔާބު. ދުޅަހެޔޮ ޞިއްޙަތަކާއި ޢާފިޔަތު "އިނާޔަތު ސަރ ވިދާޅުވިއެވެ.
އުތީމު ދޫނިތުނޑި ޕްރީސްކޫލުން، އެލްކޭޖީ އަދި ޔޫކޭޖީ ނިންމުމަށްފަހު ރަސްމީ ތަޢުލީމު 2014 ވަނަ އަހަރު ފެށީ މަދަރުސަތުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (މިހާރުގެ ޣާޒީ ބަންޑާރައިން ސްކޫލު) އިންނެވެ. ގުރޭޑް 1 ން ފެށިގެން 10އަކާއި ހަމަޔަށްވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ވިއާމް 2022 ވަނަ އަހަރުން ފެށިގެން އަމާޒުގެ ދުރުމި މުޅިން އެހެން މިސްރާބަކަށް ބަދަލުކޮށްލިއެވެ. ޘާނަވީ އިމްތިހާނަށްޓަކައި ގުރޭޑް 9ން ފެށިގެން ޕާސްޓްޕޭޕަރުތައް ހެދުމާއި ފިލާވަޅުތައް އިތުރަށް މުޠާލިއާ ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. ވަރުގަދަ ޢަޒުމަކާއި ނުގުޑާ ހިއްވަރުގެ ނަތީޖާ ލިބުނީ ވިއާމް އުންމީދުކުރި ގޮތަށެވެ. މަންމައާއި ބައްޕަގެ އުންމީދުގެ ހުޅުކޮޅު ނިވުނަ ނުދީ ރޯޝަންކޮށްދިނެވެ. ސްކޫލުގެ ނަން ފަނޑުވިޔަ ނުދީ ކުލަގަދަކޮށްދީފިއެވެ.
ދަރިވަރުންނަށް ވިއާމް ދޭން ބޭނުންވާ މެސެޖަކީ ގަދައަޅާ މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.
"ކިޔަވާ ކުދިން އަބަދުވެސް ދަންނަން ޖެހޭނެ ކިޔެވުމަކީ އުނދަގޫ ކަމެއްކަން، ރަނގަޅަށް ކިޔެވޭނީ އަމިއްލަ ކޮމްފޮރޓް ޒޯނުން ނުކުމެގެންކަން." މީގެ އިތުރުންވެސް އަމިއްލަޔަށް ކިޔަވަން މަސައްކަތް ކުރުމުގެ މުހިންމުކަމާއި، ދީނީ ކަންކަމަށް ފަރުވާތެރިވުމާ، މުދައްރިސުން ދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުމުގެ މުހިންމުކަން ވިއާމް ފާހަގަކުރިއެވެ.
ޘާނަވީ އިމްތިހާނު ނިމުމަށްފަހު ރަނގަޅު ނަތީޖާއަކަށް ކުރި އުންމީދު ވަރަށް ބޮޑަށް ޔަޤީންކޮށްގެން ހުރި ވިއާމް ވަނީ އެ އިމްތިހާނުން 6 މާއްދާއިން އޭ ސްޓަރ އަދި ދެ މާއްދާއިން އޭ ހޯދާ ރާއްޖޭގެ ގަދަ 3 ން ޖާގަ ހޯދާފާއެވެ. މި އީ ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރަކު ޘާނަވީ އިމްތިހާނުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
މި ކާމިޔާބަށްޓަކައި ވިއާމް އޭނާގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާ އަދި ޚާއްޞަކޮށް އޭނާއަށް ކިޔަވައި ދެއްވި ހުރިހާ މުދައްރިސުންނާއި އޭނަގެ ތަޢުލީމުގެ "ހަރުގެ" ޣާޒީ ބަންޑާރައިން ސްކޫލަށް ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އަދި ހަމަ އެހެންމެ ވިއާމްގެ އެކުވެރިންނަކީވެސް މުހިންމު ބައެއްކަން ފާހަގަކޮށް އެ އެކުވެރިންނަށްވެސް ޝުކުރުވެރިވެއެވެ.
ހިޔާލު