އަފީފުއްދީން ސްކޫލްގައި ރީޖަނަލް ދަނާލެއް އިމާރާތް ކުރާނެ ބިން ހަމަޖައްސައިފި

ރާއްޖެގެ ދެ ސަރަހައްދެއްގައި ޒަމާނީ ސްކޫލެއް ޤާއިމް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާ ޚާއްޞަ ޕްރޮކެޖްޓެއްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގައި ރީޖަނަލް ދަނާލެއް އިމާރާތް ކުރަން ބޭނުންވާ ބިން ސިޓީކައުންސިލުން ހަމަޖައްސައިދީފިއެވެ. ދަނާލެއް އެޅުމަށް ހަމަޖައްސާދީފައި ވަނީ ކުޅުދުއްފުށީ އަތޮޅު ކައުންސިލް އިދާރާގެ ފުރަގަހުން އޮތް ހުސްބިމެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ޢަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޞިޙާ އިދުރީސް ދަރިވަރުނޫހަށް މި ދިޔަމަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި، އެ ސްކޫލާ ހިއްސާކުރި ޕްލޭނަކީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި އަދި މިހާތަނަށް ގާއިމްކޮށްފައި ނުވާފަދަ ފުރިހަމަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދެވިގެންދާނެ ސްކޫލެއްގެ މޮޑެލްއެއް ކަމަށެވެ.އަފީފުދީން ސްކޫލުން ދަނާލެއްގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ދަރިވަރުންނަށް މިހާރަށްވުރެ ލުއިފަސޭހަގޮތެއްގައި ތަޢުލީމް އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ނާސިޙާ ދެކެވަޑައިގަންނަވައެވެ.

ޢަފީފުއްދީން ސްކޫލް ތަރައްގީކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންސާނީ ވަޞީލަތާއި އުމްރާނީ ވަޞީލަތެވެ. އުމްރާނީ ގޮތުން ބަލާނަމަ ޕްރޮޖެކްޓް ނިމިގެންދާއިރު، އެ ސްކޫލްގައި ޖިމްނާސްޓިކަށް ޚާއްޞަ ރޫމަކާއި، އެކިއެކި ސްކިލްތައް ދަސްކޮށްދޭ ސްކިލް ލެބަކާއި، ސްޕޯޓްސްއަށް ޚާއްޞަ ހޯލަކާއި، މިއުޒިކް ރޫމަކާއި، އާރޓަށް ޚާއްޞަ އެސްތެޓިކް ރޫމެއްގެ އިތުރުން ސްޓެމް ލެބެއް ވެސް ހުންނާނެއެވެ. ދަރިވަރުންނާއި ސްޓާފުންނަށް ޚާއްޞަ ޑައިނިންގ ހޯލެއް ވެސް ގާއިމް ކުރާނެއެވެ.މި ގެންނަ ބަދަލާއެކު ސާނަވީއަށް ކިޔަވައިދެމުން ގެންދާ އެ ސްކޫލަށް މަތީ ސާނަވީބައިވެސް އިތުރުކުރެވިގެން ދާނެއެވެ. ދަނާލެއް ގާއިމް ކުރަނީ މަތީ ސާނަވީގެ ދަރިވަރުންނަށް އަމާޒުކޮށެވެ. އުތުރުގައި އޮތް އެންމެ ބޮޑު އަބާދީއޮތް ކުޅުދުއްފުއްޓަކީ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަންދާ އެއް ސިޓީއެވެ. އެ ސްކޫލަށް ގެންނަ ވަށައިޖެހޭ ތަރައްގީއާވެސް ގުޅިފައި ވަނީ ކިޔަވަން އެރަށަށް އަންނަ ދަރިވަރުންނަށް ވީހާވެސް ފަސޭހައިން ތައުލީމް ފޯރުކޮށްދޭނެ ގޮތަށް ބައްޓަން ކުރެވިގެންނެވެ. ދަނާލެއްގެ ޚިދުމަތް ގާއިމް ކުރަނީވެސް އެ ސަބަބައްޓަކައެވެ. މިހާރުވެސް ޢަފީފުއްދީން ސްކޫލްގައި އެކި ރަށްރަށުގެ ކުދިން ކިޔަވަމުން ގެންދެއެވެ.

" މިހާރުވެސް 59 ރަށެއްގެ ކުދިން ކިޔަވަމުން ގެންދޭ. މަތީ ސާނަވީއަށް ޚާއްޞަކޮށް ދަނާލެއް ގާއިމް ކުރުމުން ވީހާވެސް ކުޑަޚަރަދަކުން ރަށުން ބޭރުގެ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެ" ނާޞިޙާ ވިދާޅުވިއެވެ.

އިންސާނީ ވަޞީލަތުގެ ގޮތުގައި އެ ސްކޫލަށް އިތުރުކުރެވޭ ބައިތަކާއި މާއްދާތަކަށް ޚާއްޞަ މުދައްރިސުން ތަމްރީނު ކުރުން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ޖިންމާސްޓިކް އިންސްޓްރަކްޓަރުން، ވޮކޭޝަނަލް އިންސްޓްރަކްޓަރުން، ސްޕޯޓްސް އިންސްޓްރަކްޓަރުން، ސްޓެމް އެޑިއުކޭޓަރުން، މިއުޒިކް ޓީޗަރުން، މިހާރު ތިބި މުދައްރިސުންގެ ތެރެއަށް އިތުރުވެގެން ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *