ސްކޫލުގެ ކެޕްޓަނަކަށް ވުމުގެ ހުވަފެން އަޝާ މުޙައްމަދު ދެކެން ފެށީ ވަރަށް ކުޑައިރުއެވެ. އެ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އިސްކަންދަރު ސްކޫލުގެ ގުރޭޑް 8 ގައި ކިޔަވަން ފެށި ހިސާބުންނެވެ. އެކަމުގައި އޭނާއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނީ މައިންބަފައިންނާއި އާއިލާ މީހުންނާއި މުދައްރިސުންނާއި އެކުގައި ކިޔަވަމުން ދިޔަ ގާތް އެކުވެރިންނެވެ.
ކެޕްޓަނަކާ ހަމައަށް ދާން ކުރަންޖެހޭ މަސައްކަތުގެ ޕްލޭނެއް ދުރާލާ އަޝާ އެކުލަވާލިއެވެ. އެ ޕްލޭނުގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި އޮތީ ކެޕްޓަނެއްގެ ކިބައިގައި ހުންނަން އޭނާ ބޭނުންވާ ސިފަތަކެވެ. އަޝާ އެކުލަވާލި ލިސްޓްގައި ހިމެނެނީ، ކިޔެވުމުން ރަނގަޅު ނަތީޖާއެއް ހޯދުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި އަޚްލާޤަށާއި ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ.
ގުރޭޑް 10ގައި މިހާރު ކިޔަވަމުން އަންނަ އަޝާ، ސްކޫލް ކެޕްޓަން ކަމަށް ކުރިމަތި ލީ މި ހުރިހާ ސިފަތަކާ އެކުގައެވެ. ނަތީޖާއަކީ އެކުގައި އުޅުނު ހަތަރު ކުދިންނާ ވާދަކޮށް އިސްކަންދަރު ސްކޫލުގެ ފަޚުރުވެރި ކެޕްޓަންކަން އޭނާ އަށް ލިބުމެވެ.
އަޝާ ބުނީ، ކެޕްޓަން ކަމަށް ކުރިމަތިލި ދުވަސްވަރު، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުގެ ބިރު ހިތުގައި އޮތް ކަމަށާއި އެ މަޤާމް ނުލިބިދާނެއޭ އޭރު ވަރަށް ގިނައިން ހިތަށް އަރާ ކަމަށެވެ.
" ޔަގީންކަން އޮތް ނަމަވެސް އެ ދުވަސްވަރު ހިތްނުތަނަވަސް ވެފައި ހުރެވެނީ. އެ ދަތިކަމުން އަރައި ގަނެވުނީ، މައިންބަފައިންނާއި އާއިލާއާއި މުދައްރިސުންނާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ކެނޑިނޭޅި ލިބުނު ހިތްވަރުން " އަޝާ ބުންޏެވެ.
އަޝާގެ އަޒުމަކީ، ސްކޫލްގެ ކެޕްޓަން ކަމުގެ ޒިންމާއަކީ ފަސޭހާ ޒިންމާއެއްގެ ގޮތުގައި ނުދެކި ދަރިވަރުންނާ ގާތް ގުޅުމެއް ބާއްވައި ހުރިހާ ގޮތަކުން ނަމޫނާ ދަރިވަރަކަށް ވުމެވެ. އަދި ސްކޫލަށް ރީތި ނަން ހޯދައިދިނުމެވެ.
" ކޮންމެ ކުއްޖަކީ ވެސް މުހިންމު ކުއްޖެއް. ކުދިންނާ ވާހަކަ ދައްކާ ގާތް ގުޅުމެއް އުފެއްދޭތޯ ބަލަނީ. އެކި ކަންކަމުގައި ކުދިން ދެކޭގޮތް ވެސް ވަރަށް މުހިންމު. އެހެންވެ އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދަން"
ކެޕްޓަނެއްގެ ޒިންމާ އަދާކުރަމުން ކިޔެވުމަށް ވަގުތު ހޯދަން އަޝާ ކުރާކަމަކީ ވަގުތުތައް ބަހާލައި ވަގުތަށް ފަރުވާތެރިވުމެވެ. ކިޔަވަން ތަވާލުކޮށްފައި އޮންނަ ވަގުތުގައި ކިޔަވާނީއެވެ. އިތުރު ހަރަކާތަށް ކަނޑައަޅާފައި އޮންނަ ވަގުތުގައި އެކަން ކުރަނީއެވެ.
" ވަގުތަށް ފަރުވާތެރިވެވޭތޯ ބަލަނީ. އޭރުން ބުރައަކަށް ނުވެ ހުރިހާ ކަމެއް ވެސް ކޮށްލެވޭ" ސްކޫލަށް ދިއުމުގެ ކުރިންނާއި ސްކޫލް ނިމިގެން ގެއަށް އައިސް ފިލާވަޅުތައް މުޠާލިޔާ ކުރަން އިސްކަންދޭ އަޝާ ބުންޏެވެ.
ސައިންސް ސްޓްރީމުގައި ކިޔަވަމުންދާ އަޝާއަށް އުނަދަގޫ މާއްދާއެއް ނެތެވެ. މިހާރު ކިޔަވަމުންދާ ނުވަ މައްދާގެ ތެރެއިން އެންމެ ކިޔަވާހިތްވަނީ ހިސާބެވެ. އެންމެ ކުޑައިރުއްސުރެ ހިސާބަށް ޚާއްޞަ ޝައުޤުވެރުކަމެއް ދެމުން އަންނައިރު އެންމެ މަތިން މާކްސް ހޯދެނީ ވެސް އެ މާއްދާއިންނެވެ.
ފިލާވަޅު ކިޔައިގެން ދަސްކުރުމަކީ އަޝާ އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. ފިލާވަޅުތައް ދަސްކުރަން ފަސޭހައީ ލިޔެގެންނެވެ. ނޯޓްސް ލިޔުމާއި ޕާސްޓް ޕޭޕަރު ހެދުމަކީ އެއީ އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން މިހާރު ވެސް އޭނާ ކުރަމުންދާ ކަމެކެވެ. އޭގެ އިތުރަށް ހުރިހާ މާއްދާތަކާ ގުޅުން ހުރި މައުލޫމާތު ރިސަރޗް ކޮށްގެން ހޯދުމަކީ ވެސް އޭނާ ކުރާހިތުން ކުރާކަމެކެވެ. އޭގެ ސަބަބުން މައުލޫމާތު މުއްސަނދިވެ ރަނގަޅު ނަތީޖާއެއް ހޯދަން ކުރާ މަސައްކަތަށް ދިރުން ލިބެއެވެ.
ސާނަވީ ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދައިގެން މަތީ ސާނަވިއަށްފަހު، މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ ދަތުރު ފެށުމަކީ އެއީ އަޝާގެ މިއަދުގެ އެންމެ ބޮޑު އަމާޒެވެ.
އަޝާގެ ފޭވަރިޓް ކުޅިވަރަކީ ބާސްކެޓެވެ. ގުރޭޑް 6 އާ ހަމައަށް ބިލަބޮންގ ހައި ސްކޫލުގައި ކިޔެވިއިރު އެ ސްކޫލުގެ ބާސްކެޓް ޓީމުގައި ހިމެނުނެވެ. އޭގެ ފަހުން އިސްކަންދަރު ސްކޫލުގެ ބާސްކެޓް ޓީމުގައި ވެސް އަޝާ ހިމެނުނެވެ. އަދަބީ ދަނޑުގައި، މަޒުމޫނު ލިޔުމާއި ވާހަކަ ދެއްކުމުގެ ފަންނަކީ ވެސް އަޝާގެ ހުނަރު ދައްކުގައިދޭ ޚާއްޞަ ފަންނެކެވެ. އަދި މިއުޒިކަކީ ވެސް ހޮބީއެއްގެ ގޮތުގައި ކުރަމުންދާ، އެތައް ވަނަތައް ހޯދާފައިވާ އަޝާގެ ޚާއްޞަ ފަންނެކެވެ.
އަޝާގެ މުހިންމު ކާމިޔާބީތައް:
- ޓީވީއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން 2021 ވަނަ އަހަރު ބޭއްވި ފުރަތަމަ "ސްޕެލިން ބީ" ގައި ބައިވެރިވެ، 1 އަށް ވުރެ ގިނަ ކުދިންނާއި ވާދަކޮށް މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ އަޝާ ވަނީ ހާސިލުކޮށްފައި.
- އެމެރިކާގައި 2019ވަނަ އަހަރު ބޭއްވުނު ވޯލްޑް ސްކޮލާސް ކަޕުގެ ޓޯނަމެންޓް އޮފް ޗެމްޕިއަންސްގައި މުޅިން އަލަށް ބައިވެރިވެ ގޯލްޑް ދެ މެޑަލް އާއި ތިން ސިލްވަރ މެޑަލް ހޯދުން.
- އަދި މި މުބާރާތުގައި ބައިވެރިވި އުމުރުފުރާގައި ހިމެނުނު 100 އަށް ވުރެ ގިނަ ދަރިވަރުންނާ ވާދަކޮށް އެ ގިންތިން 9 ވަނަ ހޯދުން.
- 2018 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި "ޓްރިނިޓީ ކޮލެޖް ލަންޑަން" ގެ ޕިޔާނޯ އިމްތިހާނެއްގައި ބައިވެރިވެ، އެ އިމްތިހާނުގައި ބައިވެރިވި ކުދީން ތެރެއިން އަޝާ ވަނީ އެއްވަނަ ހޯދުން.
- 2022 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީ އުމުރުފުރައިން އަޝާ ވަނީ 3 ވަނަ ހޯދުން.
- 2023 ވަނަ އަހަރު ބޭއްވި އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން 3 ތިން ވަނަ ހޯދުން.
- 2022 ވަނަހަރު މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ ( އެމްއެމްމްއޭސީ)ގެ ބެސްޓްއޯލް ރައުންޑް 2 ވަނަ ހޯދުން.
- 2023 ވަނަހަރު މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ ( އެމްއެމްމްއޭސީ)ގެ ބެސްޓްއޯލް ރައުންޑް އެއް ވަނަ ހޯދުން.
- 2023-2024 ވަނަ އަހަރު ގުރޭޑު 9 ގެ ދަރިވަރުންގެ މެދުގައި ބޭއްވުނު އިސްލާމް ސުވާލު މުބާރާތުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލުކުރުން.
- އިސްކަންދަރު ސްކޫލްގެ މި ދިރާސީ އަހަރުގެ ޑެޕިޔުޓީ ބޭންޑް ލީޑަރު
އަޝާގެ ކާމިޔާބީން އެހެން ދަރިވަރުންނަށް ދިން މެސެޖަކީ، ދަތިކަމަކަށް ހީވާކަހަލަ ކަމަކަށް ކުރިމަތިލާއިރު ހިތްވަރު އެލުވާނުލުމެވެ. ކާމިޔާބީއަކީ ކޮންމެ ހިތްމަތްތެރިއެއްގެ ހައްޤަކަށްވާއިރު ހިތްމަތާއި ސާބިތުކަމާއެކީ އުނދަގޫތަކާއި ގޮންޖެހުންތަކާ ކުރިމަތިލައިގެން ނޫނި ކާމިޔާބެއް ނުލިބޭނެކަން ހަނދާނުގައި ބެހެއްޓުމެވެ.
އޭނާ ގަބޫލު ކުރާ ގޮތުގައި ކާމިޔާބު ލިބޭނީ ޕްލޭން ކޮށްގެންނެވެ. ދުރަށް ވިސްނައިގެންނެވެ. އޭނާގެ ފްރަތަމަ ޕްލޭން އޮތީ ކާމިޔާބު ވެފައެވެ. ދެން އޮތީ އެއަށް ވުރެ ދުރަށް ކުރި ޕްލޭންތައް ކާމިޔާބު ކުރުމެވެ.
ހިޔާލު