ރަޔާން: ދިހަ އަހަރުގައި އޯލެވެލްގައި ކެމިސްޓްރީން އޭ ސްޓަރ

މިއަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލާއިރު، އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދީ ހުރަވީ ސްކޫލްގެ ގުރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ރަޔާން ރިޔާޒު އަބްދުލް ވާހިދެވެ. ދިހަ އަހަރުގެ ރަޔާން ވަނީ އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓަރ ހޯދާފައެވެ. އޯލެވެލް ހެދިއިރު، ރަޔާން ކިޔަވަމުން ދިޔައީ ގުރޭޑް ހަތަރެއްގައެވެ. މިއީ މިހާ ހަގު ކުއްޖެއް ރާއްޖެއިން އޯލެވެލްގައި ބައިވެރިވެ ކެމިސްޓްރީން މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.

އޯޓިޒަމް ހުންނަ ރަޔާން ހުރަވީ ސްކޫލްގެ އިތުރުން އޯޓިޒަމް ސެންޓަރަށް ތެރަޕީއަށް ދެއެވެ. ގުރޭޑް އެކެއްގައި ކިޔަވަމުން ދިޔައިރު ވެސް ރަޔާންގެ ކިބައިން ފެންނަމުން ދިޔައީ ފޮތް ކިޔުމަށާއި، ކެމިސްޓްރީ މާއްދާއަށް އޮތް ޝަޢުޤުވެރިކަމާއި ލޯތްބެވެ. މަންމައަކީ ކެމިސްޓްރީ މުދައްރިސަކަށް ވުމަކީ ކެމިސްޓްރީއަށް ރަޔާންގެ ޝަޢުޤު އަނބުރާލަދިން އެއް ސަބަބެވެ.

" އަބަދުވެސް ފޮތަށް ޝަޢުޤު ހުންނާނެ. ކިޔާނީ ވެސް ސައިންސާ ގުޅުން ހުންނަ ފޮތްތައް" ހުރަވީ ސްކޫލްގެ ކެމިސްޓްރީއާއި ސައިންސް މާއްދާ ކިޔަވައިދެއްވަމުން ގެންދަވާ، ރަޔާންގެ މަންމަ އައިޝަތު ޔުމްނާ ބުނުއްވިއެވެ. " ގުރޭޑް ތިނަކުން ފެށިގެން ކެމިސްޓްރީއަށް ޝަޢުޤު އުފެދި އެކަމަށް ސަމާލުކަން ދޭން ފެށީ. އަމިއްލައަށް އިންޓަރނެޓުން ކެމިސްޓްރީއާ ގުޅުން ހުންނަ ލިޔުންތައް ސާރޗްކޮށްގެން ހޯދާނެ. ލިބޭ ހުސްވަގުތު ތަކުގައި ވެސް ފޯކަސް ކުރަމުން އައީ އެކަމަށް"

އިހަވަންދޫ ސްކޫލްގައި ކިޔަވަމުން އައި ރަޔާނަށް ރަނގަޅު މުސްގުބަލެއް ހޯދައިދިނުމުގެ ބޭނުމުގައި އެ އާއިލާއިން މާލެއަށް ބަދަލުވީ ރަށުގެ އެ މާހައުލުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށް ދިމާވާނެ އެތަކެއް ހުރަސްތައެއް ކުރިމަތި ލުމަށްފަހުއެވެ.
ރަޔާން ފުރަތަމަ ވެއްދީ އިމާދުއްދީން ސްކޫލަށެވެ. ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭތީއާއި މަންމައާއި ބައްޕަ ވެސް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި މަސައްކަތް ކުރާތީ އަހަރުގެ ވަކި ހިސާބަކުން ރަޔާން ބޭނުންވީ ހުރަވީ ސްކޫލަށް ބަދަލުވާށެވެ. ރަޔާންގެ ބައްޕައަކީ ހުރަވީ ސްކޫލްގެ އައިޓީ ޓެކްނީޝަނެކެވެ.

އެހެން މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމުގައި އުނދަގޫތަކެއް ހުއްޓަސް ތެރެޕީގެ އެހީއާއެކު އެކަމަށް އެކަށީގެންވާ ކުރިއެރުންތަކެއް ރަޔާންއަށް ދިޔައީ ލިބެމުންނެވެ.
" އިންޓަރނެޓުން ހޯދާ ލިޔުންތަކާއި ވީޑިއޯތައް ބަލާފައި ވަރަށް ގިނައިން ސުވާލުކުރާނެ. ޖަވާބު ލިބެންދެން ހުއްޓާނުލާ މަސައްކަތް ކުރާނެ. އެހާ ފަސޭހައިން ކަންތައްތައް ދޫކޮށްލާ ކުއްޖެއް ނޫން އެއީ" ޔުމްނާ ބުނުއްވިއެވެ.
ކޮވިޑާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއެކު ޔުމްނާއަށް ވެސް ގިނަ ވަގުތު ހޭދަކުރެއްވީ ގޭގައެވެ. އެހެންވެ ރަޔާނަށްދޭ ސަމާލުކަން އިތުރު ކުރިއެވެ. ކެމިސްޓްރީ މާއްދާއަށް ފޯކަސްކުރައްވައިގެން އޭނާއަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އޭރުވެސް އޯލެވެލްގައި ބައިވެރިކުރާ ވިސްނުމެއް ޔުމްނާ ނުގެންގުޅުއްވައެވެ. އެހެން ނަމަވެސް ކެމިސްޓްރީ މާއްދާއިން ރަޔާންގެ މައުލޫމާތު، ޔުމްނާ ކިޔަވައިދެއްވާ ކުދިންނާ އަޅާބަލާއިރު މާ މުއްސަންޖެވެ. އެހެންވެ ޓެސްޓެއް ކޮށްލުމުގެ ބޭނުމުގައި އޭނާ ލައްވާ ޔުންނާ ހެއްދެވީ ކެމިސްޓްރީ ޕާސްޓް ޕޭޕަރެކެވެ.
" އެ ޕޭޕަރު ހަދާލާކަށް އުނދަގުލެއް ނުވި. އެހާވެސް ބޮޑަށް އޭގެ ތެރެއަށް ވަދެވިފައި ވަނީ" ޔުމްނާ ބުނުއްވިއެވެ.
އެ ހިސާބުން އޯލެވެލްއަށް ޓާގެޓްކޮށްގެން ރަޔާން ތައްޔާރު ކުރުމުގެ މަސައްކަތް ޔުމްނާ ފެއްޓެވިއެވެ. ގިނަ ގޮންޖެހުންތަކާ ވެސް އެކުގައެވެ.

އޯލެވެލް އިމްތިޙާނަށް ތައްޔާރު ވަމުން ދިޔައިރު ޔުމްނާގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ.
" އެއްތަނެއްގައި އިށީނދެގެން ގިނައިރު އިންނަންޖެހުމަކީ ރަޔާން ކަހަލަ އޯޓިޒަމް ހުންނަ ކުދިންނަށް ވަރަށް އުނދަގޫކަމެއް. ކޮންމެ ދުވަހަކު ވެސް ގަޑިއެއްހާއިރު، މަސައްކަތް ކޮށްދެވެނީ. އެހެންވެ އެކަމަށް ހޭނުމަށް ވަރަށް މަސައްކަތް ކުރިން. އޯޓިމް ސެންޓަރުގައިވެސް އެދިގެން އެމީހުން ވެސް އެކަމަށް ފޯކަސްކޮށްގެން މަސައްކަތް ކޮށްދިން" ޔުމްނާ ބުނުއްވިއެވެ.

ކިތަންމެ އުނދަގުލުން ނަމަވެސް ރަޔާންއަކީ ކަންތައްތައް ރާވާލައިގެން މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. ހުސްވަގުތު ހޭދަކުރަނީ ކެމިސްޓްރީގެ ކުދިކުދި އެކްސްޕެރިމަންޓްތައް ހެދުމުގައެވެ. ހަފްތާގެ ބަންދުގައި ނޫނީ ގޭމެއް ވެސް ކުޅެން ނޫޅޭނެއެވެ.

ރަޔާން އޯލެވެލްއަށް ތައްޔާރު ކުރުމަށް ޔުމްނާއަށް ލިބުނީ މަދު ދުވަސްކޮޅެކެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ވީހާވެސް ގިނަ ޕާސްޓް ޕޭޕަރުތައް ރަޔާން ލައްވައި ހެއްދިއެވެ. ލިޔުމަކީ ރަޔާނަށް ފަސޭހަކަމެއް ނޫނެވެ. އިނގިލިތައް ކޯޑިނޭޓް ކުރުމުގައި މައްސަލަ ހުންނާތީ އެކަމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހުނެވެ. އޯޓިޒަމް ސެންޓަރުން އެކަމަށް ވެސް މަސައްކަތް ކޮށްދިނެވެ.

" ޓެސްޓަށް ދިޔައީ އޭ ސްޓާރއެއް ހޯދަން އަޒުމް ކަނޑައަޅައިގެން. އުއްމީދު ކުރަނީ ކޮންކަމަކަށްހޭ ބުނާއިރަށް ބުނާނެ އޭ ސްޓޭއެއް ލިބޭނެއޭ. " ޔުމްނާ ބުނުއްވިއެވެ.

ޔުމްނާ ބުނުއްވި ގޮތުގައި ޓެސްޓް ހަދަމުން ދިޔައިރު، ދެތިން ފަހަރަކު ގޮނޑިން ތެދުވި ނަމަވެސް ދުވެ ނުހަދާ ކަަމަށެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވާތީ އާންމުކޮށް އޮންނަ ވަގުތަށްވުރެ އިތުރު ވަގުތު ދިން ނަމަވެސް ކަނޑައަޅާފައިވާ ވަގުތަށްވުރެ އަވަހަށް ޕޭޕަރު ނިންމާލުމަކީ އެ އާއިލާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެ ހުރިހާ ކަމެއް ދިޔައީ އުއްމީދު ކުރިވަރަށްވުރެ ވެސް ފަސޭހަ ކޮށެވެ. އެކަމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ އެހީތެރިކަން ލިބުނެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެމީހުންގެ އިހުސާސްތައް ކިޔައެއް ނުދެވެއެވެ. އަމަލުން އެކަމެއް ނުދެއްކެއެވެ. ރަޔާނަށް ވީ ވެސް އެހެންނެވެ. ނަތީޖާ ލިބުމުން ވާންވީ އުފަލެއް ރަޔާންގެ ފަރާތުން ނުފެނުނެވެ. އޭނާ ބޭނުންވަނީ އޯލެވެލްގައި ހޯދި ފަދަ ކާމިޔާބީއެއް އޭލެވެލްގައި ވެސް ހޯދާށެވެ.
" ނަތީޖާ ލިބުމުން ރަޔާން ބޭނުންވީ އޭލެވެލްގައި ބައިވެރިވާން. ކެމިސްޓްރީން އޭ ސްޓަރއެއް ހޯދަން" ޔުމްނާ ބުންޏެވެ.
ގޭގައި ކެމިސްޓްރީއަށް ޚާއްޞަ ލެބެއް ހަދަން މާކުރިން ރަޔާން އޮތީ ނިންމާފައެވެ. އޭނާ ބޭނުން ވަނީ އެކި ވައްތަރުގެ މައުދަންތައް އެ ލެބުން ފެންނަން ހުންނާށެވެ. ކެމިސްޓްރީން އޭ ސްޓަރ ހޯދި ނަމަވެސް އޭނައަށް އެކަން އަދި ކާމިޔާބެއް ނުވެއެވެ. އެ ލެބަށް ބޭނުންވާ ބައެއް އާލާތްތައް ހުރީ ހޯދާފައެވެ. ކޮވިޑްއާ ގުޅިގެން ފުރަބަންދަކަށް ދާންޖެހުމުން އެ މަސައްކަތް އޮތީ ނިންމާ ނުލެވިއެވެ. ރަޔާން ބޭނުން ވަނީ އެ ލެބުގެ އެހީގައި ރާއްޖޭގެ އެންމެ ހަގު ސައިންސްވެރިޔާއަށް ވާށެވެ. އުމުރުން ހަގަސް އޭނާގެ އަޒުމް ވަރުގަދައެވެ.

ރަޔާންގެ ކާމިޔާބީއާއެކު އޭނާގެ މައިންބަފައިން ކުރައްވާ އުއްމީދު ތަކެއްވެއެވެ.
އެއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކޭ ބުނެ އެކަހެރި ނުކުރުމެވެ. ނުކުރެވޭނެއޭ ބުނެ ތަފާތު ނުކުރުމެވެ.
އެކުދިންގެ ހުރި ތަފާތު ތަކާއިއެކު މުޖުތަމަޢުން އެކުދިން ބަލައިގަނެ، ލޯތްބާއި އަޅާލުމާއި އެހީތެރިކަން ދީފިނަމަ، މިއިން ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ބޭނުންވާ މުހިއްމު ބަޔަކަށް ހެދިދާނެކަން ޔުމްނާގެ އާއިލާއިން ވަނީ ސާބިތުކޮށްދެއްވާފައެވެ. ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށް އެންމެންގެ ފަރާތުން ވެސް މި ކުދިން ބޭނުންވަނީ ތަފާތު ތަކާއިއެކު ވެސް އެކުދިން ބަލައިގަތުމެވެ.

ހިޔާލު

3 Responses

  1. އޭރު އިހަވަންދޫ ސުކޫލުގަ ތިބިވެރިން މިކުއްޖާ ވަނީ އެކަހެރިކޮށްލާފަ އަދި ސެންކުލާހަށް ބަދަލުކޮށްފަ. އެކަމާ ހިންހަމަ ނުޖެހިގެން އެ ފެމެލީން ބަދަލުވީ.

  2. ކުރެވުނީ ވަރަށް ފޮނި އަދި ވަރަށް އަސަރު ކުރުވި އިހުސާސެއް. އޭގައި ފުދޭވަރެއްގެ ހިތިކަން ވެސް ހުރި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *