މުދައްރިސުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރަން ސަރުކާރުން ނިންމައިފި

މުދައްރިސުންގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމައި އެކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެންމެ އިއުލާން ކުރައްވައިފިއެވެ.

ދިރާސި އާ އަހަރު ފެށުމަށް ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ތެރޭގައާއި އޭގެ ކުރިންވެސް އެންމެ ބޮޑު މަސައްކަތެއް ކުރަމުން އައީ މުދައްރިސުން ކަމަށާއި، މުދައްރިސުން ކުރާ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރައެއް ދިނުމުގެ ގޮތުން މުސާރައާއި އިނާއަތަށް ބަދަލު ގެންނަން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުއްވާނެ ކަމަށެވެ.

މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަމަށް އަމަލީ ސިފައެއް ގެނެވިފައި ނުވަނީ ކޮވިޑްގެ ސަބަބުން އިގްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ.

މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އެންމެ ބޮޑު ބުރައެއް އުފުއްލެވި އެއް ބަޔަކަށް، ހަމަގައިމުވެސް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ޓީޗަރުންވާނެ ކަމަށާއި، ކޯވިޑުގެ ދަތިކަން ކުރިމަތިވުމުގެ ކުރިންވެސް، ޓީޗަރުން ކުރައްވަމުން ގެންދެވީ، އަޅުގަނޑުމެންނަށް ވަޒަން ނުކުރެވޭވަރުގެ ބުރަ މަސައްކަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

" އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި، ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. މީގެ އިތުރުން، ޓީޗަރުން ލިބުންދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޙަޤީޤަތުގައި ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުން ކަމަށާއި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައިވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
" މުޖުތަމަޢަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން" ރައީސް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *