ދަރިވަރުންނަށް މަރުޙަބާ ކިޔަން ސްކޫލްތަކުން ތައްޔާރުވެއްޖެ

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާނެއެވެ. ކޮވީޑްއާ ގުޅިގެން ފާއިތުވި ދޮޅުއަހަރެންހާ ދުވަހުގެ ތެރޭގައި ސްކޫލަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދީފައި ވަނީ މަދު ދުވަހެއްގައެވެ. ކޮވިޑްގެ އާލަމީ ވަބާގެ އަސަރު ނުކުރާ އެއްވެސް ކުއްޖެއް ނެތެވެ. އެ ހުރިހާ ކަމަކުން ސަލާމަތްވެ ސްކޫލްގެ މާހައުލުގެ ތެރެއަށް މާދަމާ ހުރިހާ ކުދިން ވަންނާނެއެވެ. ހިނިތުންވުމާއި އުއްމީދާއެކުގައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، ހުރިހާ ސްކޫލެއް އޮތީ ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށެވެ. އެލްކޭޖީން ފެށިގެން ގުރޭޑް 12އާ ހަމައަށް ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްކޫލްތަކުގެ ހަތަރު ފާރުން އެތެރެ ހުޅުވާލާނެއެވެ. ސިއްޙީގޮތުން ކުދިންނަށް ރަކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކާ އެކުގައެވެ.
މާލެ އަތޮޅު ހުރާ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަރީޝާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ ދުވަސްތަކަށްފަހު، އެ ސްކޫލްގެ ހުރިހާ ދަރިވަރުންނާ ސްކޫލްގެ މާހައުލުން މާދަމާ ބައްދަލުވާތީއެވެ. މިއީ އަރީޝާއަށް އެކަނި ލިބޭ ހިތްހަމަޖެހުމެއް ނޫނެވެ. ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ވެސް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
" އަޅުގަނޑުމެން ހުރިހާ ސްޓާފުން މި ތިބީ ކެތްމަދުވެފައި ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ކިޔަން" އަރީޝާ ވިދާޅުވިއެވެ.

ޕްރީ ސްކޫލް އުމުރުފުރައިން ފެށިގެން ގުރޭޑް 10އާ ހަމައަށް ހުރާ ސްކޫލްގައި 270 ދަރިވަރުން ކިޔަވަމުންދާނެ އެވެ. އެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުންނާއި، އަދި ދަރިވަރުންނަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހުރީ ހަމަޖައްސާފައެވެ. ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ.

"ދިރާސީ އާ އަހަރަށް ބޭނުންވާ މުދައްރިސުންގެ 99 އިންސައްތަ ވަނީ ހަމަވެފައި. ބިދޭސީ މުދައްރިސުން ވެސް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު މާދަމާ ކިޔަވައިދޭން ނުކުންނާނެ. ބައެއް މާއްދާތަކުގެ ޓެކްސްޓް ފޮތްތައް ނުލިބުނަސް، އެ ފޮތްތަކުގެ ޑިޖިޓަލް ކޮޕީތައް ވަނީ ލިބިފައި. ސްކޫލް އޮތީ ޒީނަތްތެރި ކުރެވި ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރުވެފައި" ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ހިތްހަމަޖެހި ވަޑައިގެން ހުންނަވައި އަރީޝާ ވިދާޅުވިއެވެ.

ލިބުނު ބޮޑު ޗުއްޓީއަކީ ސްކޫލްތަކުގެ މަރާމާތަށް ވެސް ލިބިގެން ދިޔަ ފަހި ފުރުޞަތެކެވެ. އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމަށް ލިބޭ ވަގުތުކޮޅެކެވެ. ކުލަތައް އާކޮށް ހިތްހަމަޖެހޭ މާހައުލެއް ހޯދައިދޭން ލިބޭ ވަގުތެއްމެއެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީގައި ސްކޫލްތަކުން ފެނިގެން ދަނީ މި މަންޒަރެވެ.

ސްކޫލްތަކަށް ދަރިވަރުން މާދަމާ ނުކުންނައިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުދައްރިސުންނާއި ސްޓާފުން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވުމެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގެ ސްކޫލްތަކުގެ 96 އިންސައްތަ އަދި އަތޮޅުތެރޭގެ ސްކޫލްތަކުގެ 95 އިންސައްތަ މުދައްރިސުން ހިމެނޭހެން ސްޓާފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅަން ފަށާފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްލޫލްތަކަށް ވަދެވޭނީ ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބާރަ އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.

ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ސްކޫލެއް އޮތީ ތައްޔާރީ ހާލަތުގައެވެ. ގިނަ ދުވަސްތަކަށްފަހު، ހުރިހާ ކުދިންނަށް މަރުޙަބާ ކިޔަން ތައްޔާރުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *