ކޮވިޑްއިން ސްކޫލްތައް ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބެލެނިވެރިން ވެކްސިން ޖެހިކަން ކަށަވަރު ކުރުމަށް " ގްރީން ކާޑެއް" ސްކޫލްތަކުން ދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްގެން ނޫނީ ސްކޫލްތަކަށް ކިޔަވައިދޭން މުދައްރިސުންނަށް ނުނުކުމެވޭނެކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް މިހާރުވެސް އަންގާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވިގޮތުގައި، އެ މިނިސްޓްރީގެ އަމާޒަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެންދާއިރު، ސްކޫލްގެ ތެރެއިން ކުދިންނާ ދިމާވާނެ ހުރިހާ ސްޓާފުން މަދުވެގެން އެއް ޑޯޒް ފުރިހަމަ ކުރުމެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެވޭނީ ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
" އަޅުގަނޑުމެން މި ބަލަނީ މި މަހުގެ ނިޔަލަށް ގްރީން ކާޑް ތަޢާރަފު ކުރެވޭތޯ" އައްޒަ ވިދާޅުވިއެވެ. " ކާޑް ތަޢާރަފު ކުރާއިރު ބަލާނީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަކަށް"
ކޮވިޑްން ރައްކާތެރި ވުމުގެ ގޮތުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު