ސްކޫލްތަކުގައި ކިޔަވައިދޭނީ އާންމު ހާލަތާ އެއްގޮތަށް: އެޑިއުކޭޝަން

ދިރާސީ އާ އަހަރު އަންނަ ހަފުތާގައި ފަށާއިރު، ސްކޫލްތަކުގައި ކިޔަވައިދޭނީ އާންމު ހާލަތާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރު އާއިޝަތު އަލީ ސޮއިކުރައްވާ ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. ފުރަތަމަ ދެ ހަފުތާގައި މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވިހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމު ކުރަން ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ސްކޫލުތަކަށް ކަނޑައަޅާފައިވާއިރު، އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. އެކަމަކު ރާއްޖޭގައި އަދި ކޮވިޑް ވެކްސިން ޖަހަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ވާތީ، ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ އިތުރު ފިޔަވަޅުތަކެއްގެ ގޮތުން މި ހިނގާ މަހުގެ ތެރޭގައި، ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުމާއި މިހާރުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5-7 ދުވަހުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްތޯ ކަށަވަރުކުރުން ވަނީ ކަނޑައަޅާފައެވެ. އަދި ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުމާއި، އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުންމަށް ވެސް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ކުދިން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިން ވެސް ކުރަމުން އައި ގޮތަށް ކުރުމަށް އެ ސާކިއުލާގައި ވަނީ ބާރުއަޅާފައެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން ފަށާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *