ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ ދިހަ ވަނަ ދުވަހު ފަށާއިރު، ސްކޫލްތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކޮށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ވަނީ ބުނެފައެވެ.
އެސިޓީގައި ބުނެފައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުންނަށް ފަސޭހައިން ވެކްސިންގެ ކަންތައް ނިންމާލެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްުސުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ސްކޫލްތަކުގެ މުވައްޒަފުންނަށް ވެސް ތަފާތެއް ނުކުރާނެ ކަމަށް ވެސް ވަނީ އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ވެކްސިން ޖަހާ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ މަސައްކަތްތަކެއް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ހުރިހާ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ މުވައްޒަފަކީ ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ވާންޖެހެނޭ ކަމަށާއި، އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖަހާފައި ނުވާނަމަ، ނުޖެހިވާ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮވިޑްއާ ގުޅިގެން ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސް ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާއިރު، ދިރާސީ އާ އަހަރާއެކު ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ކުރަންޖެހޭ އިންތިޒާމްތައް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން ދަނީ ހަމަޖައްސަމުންނެވެ.
advertisment
ހިޔާލު