އިމްޝާ: ރައީސްގެ ސްކޮލަރޝިޕުގައި މުދައްރިސަކަށްވާން ބޭނުންވި ހަމައެކަނި ދަރިވަރު

ބޭނުން ޔުނިވަރސިޓީއަކުން ކިޔަވަން ލިބުނު ފުރުޞަތުގައި އިމްޝާ ޚިޔާރު ކުރީ އެމްއެންޔޫ

މަތީ ސާނަވީން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް މިދިޔަ އަހަރު ލިބުނު ދަރިވަރުންގެ ތެރެއިން އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޝަހާދާ ސާނަވިއްޔާއިން އެއްވަނަ ހޯދި ފާޠިމަތު އިމްޝާ އިބްރާހިމްގެ ވިސްނުމާއި ފިކުރު މުޅިން ތަފާތެވެ. އޭނާއަކީ ރައީސްގެ ސްކޮލަރޝިޕް ލިބުނު 19 ދަރިވަރުންގެ ތެރެއިން މުދައްރިސަކަށް ވާން ބޭނުންވި ހަމައެކަނި ދަރިވަރެވެ. އަދި ބޭނުން ޤައުމެއްގެ ބޭނުން ޔުނިވަރސިޓީއަކުން ކިޔަވަން ލިބުނު ފުރުޞަތުގައި، ރާއްޖޭގައި ހުރެގެން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކިޔަވަން ބޭނުންވި ހަމައެކަނި ދަރިވަރެވެ.

އިމްޝާ ބުނީ، ކުޑައިރުއްސުރެ މުދައްރިސަކަށް ވުމަކީ އެއީ އޭނާ ދެކުނު ހުވަފެނެއް ކަމަށާއި މުދައްރިސެއްގެ ގޮތުގައި ތަމްރީނުވާން އެންމެ ރަނގަޅު ތަނަކަށް ފެނުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކަމަށެވެ.

" މުދައްރިސެއްގެ ގޮތުގައި ކުދިންނަށް ކިޔަވައިދިނުމަކީ ކުޑައިރުއްސުރެ އަޅުގަނޑު ކުރަމުން އައި އުއްމީދެއް. އެ އުއްމީދުގައި ކުލަޖައްސަން އެންމެ ރަނގަޅު ތަނަކަށް ފެނުނީ އެމްއެންޔޫ. އަޅުގަނޑު ދެކޭގޮތުގައި މުދައްރިސްކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިއުމަށްވުރެ ރާއްޖޭގައި ހުރެގެން ކިޔެވުން މާ ރަނގަޅު" ޕްރައިމަރީ ޓީޗިން ބެޗްލާސް ޑިގްރީ ހަދަމުންދާ އިމްޝާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ޝަޢުޤު އެހެން ދިމާލަކަށް އަނބުރައެއް ނުލެވުނު

އިމްޝާ ބުނީ، ރައީސްގެ ސްކޮލަރޝިޕް ލިބުމުން، ތަޢުލީމީ ދާއިރާ ނޫން އެހެން ދާއިރާއަކުން ކުރިއަށް ދާން އިންޓްރެސްޓް އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް، މުދައްރިސްކަމަށް އޮތް ލޯތްބާއި ކިޔަވައި ދިނުމަށް އޮތް ޝަޢުޤުވެރިކަމަށް ބަދަލެއް ނައި ކަމަށެވެ. އެހެންވެ މުދައްރިސަކަށް ވުމުގެ ތަމްރީނު އަވަހަށް އެނާ ފެށީއެވެ.

" ރައީސްގެ ސްކޮލަރޝިޕް ލިބުނީމާ ބެލިން އިތުރު ދާއިރާއަކުން ކުރިއަށްދާން. އިންޓްރެސްޓް ވޭތޯ ވެސް ބެލިން. އެކަމަކު ކިޔަވައިދިނުން ނޫން ދާއިރާއަކަށް އިންޓްރެސްޓެއް ނުވި" އިމްޝާ ބުންޏެވެ.
" ޕްރައިމަރީގައި ވަކި ސަބްޖެކްޓަކަށް ފޯކަސް ނުކުރާނެ. އެއީ ވެސް ޕްރައިމަރީ މުދައްރިސަކަށް ޝަޢުޤު އުފެދުނު އެއް ސަބަބު"

އިމްޝާ ބުނީ، ޕްރައިމަރީ ޓީޗަރަކަށް ވާން ބޭނުންވީ، ކަންތައްތައް ދަސްކުރާ އުމުރުގައި އެ ކުދިން ގޮވައިގެން، އެކުދިންނަށް އާ ކަންތައްތައް ދަސްކޮށްދޭން ނަމުނާ މުދައްރިސަކަށް ވުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ އެކަމަށް އޮތް ޝައުޤުވެރިކަމުގައި ކުދިންނަށް ޓިއުޝަން ދީވެސް ހެދި ކަމަށެވެ.

" ކުދިންނަށް ރަނގަޅު ނަމޫނާ ޓީޗަރަކަށް ވުން ބޭނުމަކީ" އިމްޝާ ބުންޏެވެ.

އިމްޝާ ބުނީ، މުދައްރިސުންނަށް ވާން ބޭނުންވާ ދަރިވަރުން މަދުވަނީ، ބިޒީކޮށް ޓީޗަރުން އުޅޭތަން ފެންނާތީ ކަމަށް ބެލެވޭ ކަމަށާއި ބައެއްފަހަރު ޓީޗަރުން ކިޔަވައިދޭ ގޮތުން ވެސް ޓީޗަރަކަށްވާން ކުދިން ފޫހިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ކެޕްޓަނަކަށް ނުހޮވުނީމާ ދެން ބެލީ ސްކޫލުން އެއްވަނަ ހޯދަން

މަތީ ސާނަވީއާ ހަމަ އަށް ސްކޫލުގައި ހޭދަކުރި 12 އަހަރުގެ ތެރެއިން އިމްޝާ އެންމެ ދެރަވީ ސްކޫލުގެ ކެޕްޓަންކަން ނުލިބުމުންނެވެ. ކުދިންގެ ވޯޓާއެކު ހޮވާ އެ މަޤާމަށް ނުހޮވުނީ ކުދިންގެ ވޯޓް ބޭނުންވާ ވަރަށް ނުލިބުމުންނެވެ. އެކަންވީ ހިތްދަތި ކަމަކަށް ނަމަވެސް އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އަޒުމެއް ކަނޑައެޅީ އެ ސަބަބު މެދުވެރި ވީމައެވެ.

" އުއްމީދު ކޮށްގެން ހުއްޓައި ކެޕްޓަންކަން ނުލިބުނީމާ ވަރަށް ދެރަވި "

ކެޕްޓަނެއްގެ ހުވަފެން ހަޤީޤަތަކަށް ނުވުމުން އިމްޝާ ދެން މަސައްކަތް ކުރީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަށް ވާށެވެ. އެކަމަށް އަޒުމް ކަނޑައަޅައި އޭނާ މަސައްކަތް ފަށައި އެކަން ކާމިޔާބު ކުރީއެވެ. ފާއިތުވި އަހަރު އަރަބިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި އިމްޝާ، މަތީ ސާނަވި އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ވެސް ހޯދިއެވެ.

އިމްޝާ އަށް ކިޔަވަން ފަސޭހައީ ހަވީރާއި ދަންވަރުއެވެ. ދަންވަރު ތެދުވާ ގަޑި ކަނޑައަޅަނީ ފިލާވަޅު ދަސްކުރަން އެރެއަކު ކިޔަވަން ކަނޑައަޅާ މާއްދާގެ ގޮތުންނެވެ. ދަސްވެފައި ހުންނަ މާއްދާއެއް ނަމަ ހޭލަނީ ލަހުންނެވެ. ޓެސްޓް އައުމުގެ ކުރިން ގުރޫޕް ސްޓަޑީ ހެދިޔަސް، ޓެސްޓް ކައިރިވިމާ އިސްކަންދެނީ އަމިއްލައަށް އެކަނި އިނދެ ކިޔަވާށެވެ.

ކިޔެވުމުގައި އޭނާ ގެންގުޅުނު ހަމައަކީ އެހެން ކުދިން ކިޔަވާގޮތާއި ނަތީޖާއަށް ނުވިސްނުމެވެ.

" އެހެން ކުދިންގެ ނަތީޖާއަށް ނުބަލައި އަމިއްލަ ނަތީޖާ ރަނގަޅު ކުރަން އަބަދުވެސް ވިސްނަނީ"

އިމްޝާ ބުނީ އެހެން ސްކޫލްތަކާ ޚިލާފަށް އަރަބިއްޔާގައި އިނގިރޭސިއާއި ދިވެހި ފިޔަވާ އެހެން ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔެވިއިރު، ޖުމްލަ 16 މާއްދާ ކިޔަވަން ޖެހެއެވެ. އެ ހުރިހާ މާއްދާތަކެއްގެ ތެރެއިން އޭނާ ޓިއުޝަން ނެގީ އެންމެ މާއްދާއަކުންނެވެ. އެއީ އިނގިރޭސިއެވެ. ގިނަ މާއްދާ ތަކެއް ކިޔަވަން ޖެހުމުން ވަގުތު މެނޭޖް ކުރުމުގައި އުނދަގޫވާ ކަމަށް އިމްޝާ ބުންޏެވެ.

މަތީ ސާނަވީ އިމްތިޙާނުގައި އިނގިރޭސި އާއި ފިޒިކްސް ފިޔަވައި އެހެން ހުރިހާ މާއްދާތަކުން އޭ ސްޓަރ އިމްޝާ ހޯދިއެވެ. ފިޒިކްސްއިން ލިބުނީ އޭ އެކެވެ. އިނގިރޭސި މާއްދާއިން ލިބުނީ ސީ އެކެވެ.

އިމްޝާ ބުނީ އޭނާއަށް ލިބުނު ކާމިޔާބީގައި އެންމެ ކައިރިން އެހީތެރިކަން ފޯރުކޮށް ދިނީ މަންމަ އާއި ބައްޕަ ކަމަށެވެ. މިއަދު ވެސް އޭނާ ހިނގަނީ އެ ދެމީހުން ދިން ނަޞޭހަތުގެ މަތީގައެވެ. އެއާއެކު އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން އިމްޝާ ފާހަގަކުރިއެވެ.

އިމްޝާ ކިޔަވަމުން ދަނީ ޤައުމަށް މިއަދު އެންމެ ބޭނުން ޖެހިފައި އޮތް ދާއިރާއިންނެވެ. މުދައްރިސަކަށް ވާން ބޭނުންވާ ދަރިވަރުން މަދުވަމުންދާއިރު، މަތީ ސާނަވީ މަރުހަލާ ނިންމާ މޮޅު ދަރިވަރުންގެ ތެރެއިން އިމްޝާއަކީ ތަޢުލީމީ ޖީލެއް ބިނާކުރުމަށް މަގު ދައްކައިދޭން ނުކުތް މަދު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *