" އެއީ އަޅުގަނޑަށް މަގުދައްކައިދޭ އާރުކާޓީ. ދަރިފުޅަކަސް އެއީ އެންމެ ގާތް އެކުވެރިޔާ" ތ. އަތޮޅު މަދަރުސާގެ ގުރޭޑް ތިނެއްގައި ކިޔަވަމުން އަންނަ ބިލާލް ބިން ނަޝީދުއާ ބެހޭ ގޮތުން އުފެދުމުގައި ވެސް ލޯފަން އަޙްމަދު ނަޝީދު ދަރިވަރު ނޫހަށް ބުންޏެވެ.
މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އާންމު ވި ވީޑިއޯގައި ބިލާލް އޭނާގެ ބައްޕަ ގޮވައިގެން މިސްކިތުން ނުކުމެގެން ގެއަށް ދާ ތަންފެނެއެވެ. ވާރޭވެހި ވަޅުގަނޑު ހެދިފައި އޮތް މަގުން ކުރިއަށް ދާއިރު ބައްޕަ އަތުގައި ހިފައިގެން އާރުކާޓީއެއްގެ ގޮތުގައި މަގުދައްކަމުން ދިޔައީ އޭނާއެވެ. އެ ވީޑިއޯ ބެލި އެތައް ބަޔަކު ވަނީ ބިލާލްގެ އެ މަސައްކަތަށް، ބައްޕައާއެކު އޮތް ގުޅުމަށް ތައުރީފު ކޮށްފައެވެ.
ނަޝީދުގެ ރަށަކީ ށ. ބިލެތްފައްސެވެ. އަންހެނުންގެ ރަށް ތ. ގުރައިދޫއަށް ބަދަލުވީ ދާދި ފަހުންނެވެ. އެހެންވެ އެރަށަށް އޭނާ އަލެވެ. އަސާގެ އެހީގައި އެކަނި ހިނގައި އުޅެން އުނދަގުލެވެ. އެހެންވެ ބައްޕަ ގޮވައިގެން ތަންތަނަށް ގެންގޮސް ހެދުމުގެ ޒިންމާއާ ހަވާލުވީ އަށް އަހަރުގެ ބިލާލެވެ. އެއީ އޭނާ ކުރާ ހިތުން ބައްޕައަށްޓަކައި ކުރާ ކޮށްދޭ ކަމެކެވެ.
ބިލާލުގެ އިތުރުން ދެ ކުދިން ނަޝީދުގެ ތިބެއެވެ.
ފެނަކައިގެ ވަޒީފާއެއްގައި މިހާރު ހުރި ނަޝީދު ބުނީ، ދެބަފައިންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ވީހާވެސް ގިނައިން ދަރިންނާއެކު ވަގުތު ހޭދަކުރާ ކަމަށެވެ. ބިލާލް، މޫދަށާއި ކުޅެން ދާއިރު ވެސް ނަޝީދު ގެންދެއެވެ.
މެންދުރު ނަމާދު ފިޔަވައި އެހެން ހުރިހާ ނަމާދަކަށް ދަނީ ދެ ބަފައިން އެކީގައެވެ. މެންދުރު ނަމާދަށް މިސްކިތަށް ޖަމާއަތަށް ނުދެވެނީ ދަރިފުޅު ސްކޫލުން ނިމިގެން ގެއަށް އައުން ލަސްވާތީއެވެ. އެނޫން ހުރިހާ ނަމާދެއް ކުރަނީ ދެބަފައިން އެކީގައެވެ. މިސްކިތަށް ގޮހެވެ.
ނަޝީދު ބުނި ގޮތުގައި، ބިލާލް އާ އެކީގައި ދާއިރު، މަގުތައް އޮންނަ ގޮތާއި އަޑިގުޑަންތައް ހުންނަ ގޮތް ކިޔައިދީ އިރުޝާދު ވެސް ދޭ ކަމަށެވެ. އެހެންވެ ބިލާލްއާ އެކީގައި ތަންތަނަށް ދާން އޭނާއަށް ވަރަށް ފަސޭހައެވެ.
" ބައެއް ފަހަރު ޖަންގްޝަން ހުރެދާނެ ހަމަބިމަށް ވުރެ މައްޗަށް އަރާފައި. އެފަދަ ތަނެއްގެ ކައިރިން ދާއިރުވެސް ކިޔައިދޭނެ އެތަނުގެ މަތިން ދާން ވެސް"
ނަޝީދު ބުނީ، އޭނާގެ ލޮލަށް ނުފެންނަނީ ކީއްވެގެން ހޭ އެ އުމުރު ފުރައިގެ އެހެން ކުދިން ސުވާލު ކުރި ނަމަވެސް ބިލާލު ދުވަހަކުވެސް އެފަދަ ސުވާލެއް ނުކުރާ ކަމަށެވެ. އަދި ޝަކުވާއެއް ވެސް ނުކުރާ ކަމަށެވެ.
" ކިޔަމަންތެރި ވަރަށް ދުރު ވިސްނޭ ކުއްޖެއް އެއީ" ނަޝީދު ބިލާލަށް ތައުރީފު ކުރިއެވެ.
ނިދާ ގަޑިއަކީ ދެ ބަފައިންނަށް ވަރަށް މުހިންމު ވަގުތު ކޮޅެވެ. ދަރިފުޅަށް ވާހަކަ ކިޔައިދޭއިރު ބިލާން އޮންނަނީ އަޑުއަހާށެވެ. ހަމަ އެގޮތަށް ބިލާލް ވެސް ބައްޕައަށް ވާހަކަ ކިޔައިދެއެވެ.
" ނިދާ ގަޑިއަކީ އެއީ ވަރަށް ތަފާތު އިހުސާސެއް ކުރެވޭ ވަގުތު ކޮޅެއް. ވާހަކަ އަޑުއަހަން ސަމާލުކަން ދީގެން އޮންނާނީ. އަދި އެ އުމުރުގެ ކުދިން ކިޔައިދޭ ރީތި ވާހަކަތައް ވެސް ބިލާލް ކިޔައިދޭނެ. ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަ ވެސް ބައެއް ފަހަރު ކިޔައިދޭނެ" ނަޝީދު ބުންޏެވެ.
ނަޝީދު ބުނީ ކިޔެވުމަށް ބިލާ އިސްކަންދޭތީ އެއީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
އެ ދިރިއުޅުމުގައި، ބިލާލެކޭ އެއްގޮތަށް އެހެން ކުދިންނާ ނަޝީދުއާ އޮތީ ގާތް ގުޅުމެކެވެ. ނަޝީދުގެ ލޮލަށް ނުފެނުނަސް އެ އާއިލާއެއް ބިނާކުރުމުގައި ގުޅިގެން މަސައްކަތް ކުރެވޭނަމަ އޭގެ ނަތީޖާ ފެންނާނީ މާ އުފާވެރިކޮށް ކަމަށް ނަޝީދު ބުންޏެވެ.
ހިޔާލު