ޤުރުއާން މާއްދާ ކިޔަވައިދޭން ބިދޭސީ މުދައްރިސުން ނުގެންނަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ ޤުރުއާނާއި އަރަބިބަސް ކިޔަވައި ދިނުމަށް ދިވެހިން ނުލިބުނު ހާލަތުގައި ބިދޭސީން ގެނައުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، ދިވެހި މުދައްރިސަކު ލިބެން އޮތް ވަޒީފާއަކަށް ބިދޭސީއަކު ނުގެންނާނެ ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ ޤުރުއާން މުދައްރިސުންނާއި އަރަބި ބަސް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދަން އެތައް ފަހަރަކު އިއުލާންކޮށްގެން ނުލިބިގެން އިންޑިޔާއިން ގެނައީ ޤުރުއާން ކިޔަވައިދޭނެ ފަސް މުދައްރިސުންނާއި އަރަބި ބަސް ކިޔަވައިދޭނެ ފަސް މުދައްރިސުން ކަމަށެވެ.
" ދިރާސީ އާ އަހަރު ފެށޭއިރު، ބޭނުންވާ ބިދޭސީން ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ ޤުރުއާން މާއްދާ ކިޔަވައިދޭން އިތުރަށް ބިދޭސީ މުދައްރިސުން ނުގެންނަން" އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ޤުރުއާން ކިޔަވައިދޭން ގެނައި ބިދޭސީ މުދައްރިސުންގެ މަސައްކަތް ވަރަށް ކައިރިން އެ މުދައްރިސުން މަސައްކަތް ކުރައްވާ ސްކޫލްތަކުން ކުރިއަށް ގެންދާކަމަށެވެ. މިހާތަނަށް އެ މުދައްރިސުންނާ ގުޅޭ ގޮތުން ލިބިފައިވާ ކޮމެންޓް ތަކަށް ބަލާއިރު ރަނގަޅު ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
" ޤުރުއާން ކިޔަވައިދިނުމުގެ ބައި އެ މުދައްރިސުން ކުރިއަށް ގެންދިޔައީ، ތަޖުވީދާއި އެއާ ގުޅުން ހުރިބައިތައް ސްކޫލްތަކުން ކުރިއަށް ގެންދިޔައީ އިސްލާމް މުދައްރިސްގެ ބެލުމުގެ ދަށުން. މީގެ ސަބަބުން ޓެކްސްޓް ފޮތްތައް ދިވެހި ބަހުން އެކުލަވާލައި އޮތް ނަމަވެސް ދައްޗެއް ނެތި ދަރިވަރުންނަށް ފިލާވޅުތައް ބަރާބަރަށް ކުރިއަށް ގެންދެވުނު" އަހުމަދު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބިދޭސީ ޤުރުއާން މުދައްރިސުން ފޮނުވި ސްކޫލްތަކުގެ ތެރޭގައި މިހާތަނަށް ޤުރުއާން މުދައްރިސަކު ނެތް ސްކޫލްތައް ހިމެނޭ ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި ނޫނީ ބިދޭސީ މުދައްރިސުން ނުގެންނަ ކަމަށާއި، އަދި ބިދޭސީ މުދައްރިސުންވެސް ނުލިބޭ ހާލަތުގައި އެކަށީގެންވާ ފެންވަރު ހުރި ފަރާތްތަކަށް ޚާއްޞަ ތަމްރީނެއް ދީގެން ވަގުތީ މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ދިރާސީ އާ އަހަރު އަންނަ މަހުގެ ދިހަ ވަނަ ދުވަހު ފަށާއިރު، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމަށް ބައެއް ސްކޫލްތަކުން ވަނީ އިއުލާން ވެސް ކޮށްފައެވެ. އަދި މިހާރު ތިބި ބިދޭސީންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަންވެސް ބައެއް ސްކޫލްތަކުން ވަނީ އިއުލާންކޮށްފައެވެ.
advertisment
ހިޔާލު