ޒުވާން ހަޠީބު މަޢާދް: ހުޠުބާ ކިޔަން މިމްބަރަށް އަރައި، ދެ އަހަރާއި ބައިގައި ދެކުނު ހުވަފެން ހަގީގަތަކަށް

ކާފަ އަތުގައި ހިފައިގެން މިސްކިތަށް ދާން ފެށުމަކީ ތ. އަތޮޅު މަދަރުސާގެ ގުރޭޑް 11ގައި މި އަހަރު ކިޔަވަން ފަށާ މަޢާދް ނަޝީދު ހިތުގައި ދީނީ ކަންކަމަށް ލޯ ހުޅުވިގެން ދިޔަ އެއް ސަބަބެވެ. އުމުރުން އެންމެ ދެ އަހަރާއި ބައިގައި އޭނާ ދެކުނު ހުވަފެނަކީ އިމާމެއްގެ ގޮތުގައި މިމްބަރަށް އަރައި ހުތުބާ ކިޔުމެވެ. އިއްޔެއަކީ މަޢާދްގެ އެ ހުވަފެނުގައި ހަގީގި ކުލަ ޖެހުނު ދުވަހެވެ.

" ވަރަށް އުފާވި ވަގުތުކޮޅެއް އެއީ. މީގެ އެތައް އަހަރެއް ކުރިން. ދެ އަހަރާއި ބައިގައި ދެކުނު ހުވަފެނުގައި ކުލަޖެހުމަކީ އެއީ ބުނަދޭން ވެސް ނޭނގޭ އިހުސާސް ކުރެވުނު ކަމެއް" ދަރިވަރު ނޫހަށް މަޢާދް ކިޔައިދިނެވެ.

ހުޠުބާ ކިޔުމުގެ ހުއްދަ މަޢާދްއަށް ލިބުނީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޒުވާން ހަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިދިޔަ މަހު ފުރިހަމަ ކުރުމަށްފަހުއެވެ.

ހުޠުބާ ކިޔުމުގެ އިތުރުން، ތ. ގުރައިދޫގައި ހުންނަ މަސްޖިދުއް ތަޢާވުންގެ އިމާމް ޗުއްޓީއަށް ދާން ޖެހުމުން އެ މިސްކިތާ ވަގުތީ ގޮތުން ހަވާލެ އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު މަޢާދަށް ލިބުނެވެ. އެ މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާތާ މިހާރު ހަފްތާއެއް ވީއެވެ.

" މިސްކިތާ ހަވާލުވެ އިމާމެއްގެ ޒިންމާ ހަވާލުވުމަކީ ކުޑަ ކަމެއް ނޫން. ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރާހިތުން މި ކުރަނީ" މަޢާދް ބުންޏެވެ.

މަޢާދްއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކާފަގެ ފަރާތުންނެވެ. އަދި މާމައާއި މަންމަ އަދި އާއިލާގެ މީހުންގެ ފަރާތުން އޭނާއަށް އެކަމުގައި އަންނަނީ ބޮޑު އެހީތެރިކަމެއް ލިބެމުންނެވެ. އަދި ޓީޗަރުންނާއި ސްކޫލުން ވެސް ލިބުނީ އެހީތެރިކަމެވެ.

"ކާފައަކީ އަކީ މިކަމުގެ ހަގީގީ މޭސްތިރިޔާ" ޝުކުރުގެ ލިސްޓް މަޢާދް ފެށީ ކާފައާ ހިސާބުންނެވެ.

މަޢާދް އަކީ ކުޑައިރުއްސުރެ ވެސް ޤުރުއާނަށް ޝައުޤު ހުންނަ ދަރިވަރެކެވެ. ސްކޫލާއި އަތޮޅު ފެންވަރުގައި ބޭއްވި އެތަކެއް މުބާރާތެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ.

ނިމިގެން ދިޔަ ސާނަވީ އިމްތިޙާނުގައި ވެސް މަޢާދް ވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ހަ މާއްދާއިން އޭ ސްޓަރ އަދި ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ މަޢާދް ވަނީ ހޯދާފައެވެ. އޭނާ ބުނާ ގޮތުން ނަމަ އެއީ އުއްމީދު ކުރި ވަރުގެ ނަތީޖާއެކެވެ.

" އުއްމީދު ކުރި ވަރުގެ ނަތީޖާއެއް އޯލެވެލްއިން މި ލިބުނީ. ދެން އޮތީ އޭލެވެލްއިން އެއް ވަނަގައި ހިމަނަން މަސައްކަތް ކުރުން" އަންނަ މަހު އޭލެވެލް ފަށަން ތައްޔާރު ވަމުންދާ މަޢާދް ބުންޏެވެ.

ކުޑައިރު ދެކުނު ހުވަފެން ހަގީގަތަކަށް މަޢާދް ހެދީ ސޯޅަ އަހަރުގައެވެ. އެއީ ތ. ގުރައިދޫގައި ވެސް ހުރި އެންމެ ހަގު ހަޠީބެވެ. އެ އުއްމީދު ޙާޞިލްވީ މަސައްކަތްތަކެއް ކޮށްގެންނެވެ. އިމާމެއްގެ ގޮތުގައި މިމްބަރަށް އަރަން ބޭނުންވާ ދަރިވަރުންނަށް އޭނާ ކުރި ދަތުރުގެ ކާމިޔާބީން މަޢާދް ބުނީ، ކުރިއަށް ދެވޭނީ ޝަޢުޤު ހުރެގެން ކަމަށާއި ފުރަތަމަ ކަމަކަށް އެ ޝަޢުޤު އުފައްދަން ކޮންމެ ނަމާދަކަށް ޖަމާއަތަށް މިސްކަތަށް ދިއުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *