ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުގެ ގުރޭޑް 4 ގައި ކިޔަވަމުންދާ މުޙައްމަދު ކިޔާން އަންވަރު 10، އެ ރަށު މަސްޖިދުއްތަޤްވާ (ހުކުރު މިސްކިތު)ގައި އަޞްރު ނަމާދަށް ބަންގި ގޮވާތާ މަހެއް ވެއްޖެއެވެ.
ކިޔާންއަށް އެ ފުރުޞަތު ހޯދައި ދެއްވީ ވަކި މަންހަޖަކަށް ޤުރުއާން ކިޔަވަން ދަސްކޮށް ދިނުމަށް އިންސިޓިއުޓް އޮފް ފުނޫންގެ ފަރާތުން އޮންލައިންކޮށް ކުރިޔަށް ގެންދާ އައްތަރުންނަމް އަލް ގުރުއާން ޕްރޮގްރާމްގައި ބައިވެރިވި ފަހުން، އެ ތަނުގެ ވެރިޔާ ހުސައިން ރަޝީދެވެ. އެ ކުލާހުގައި ނަމާދުކުރާށާއި ބަންގިގޮވަން ވެސް ދަސްކޮށްދެއެވެ.
" ހުސައިންއަކީ މިރަށު ބޭފުޅެއް ވީމާ، މިރަށަށް ވަޑައިގެންނެވި ފަހަރެއްގައި ކިޔާން ގޮވައިގެން ހުކުރުމިސްކިތަށް ވަޑައިގެން މިސްކިތުގެ މުދިމާ ވާހަކަދައްކަވައިގެން ފުރުޞަތު ހޯދައި ދެއްވީ. އޭގެ ފަހުން މިސްކިތުގެ މުދިމު އެދުނީ ކިޔާން މިސްކިތަށް ފޮނުވައިދޭން." ކިޔާންގެ މަންމަ ޞަބީހާ މުޙައްމަދު ދަރިވަރު ނޫހަށް ކިޔައިދިނެވެ.
އަޞްރު ނަމާދަށް ދާން ކިޔާން، ދުރާލާ ތައްޔާރުވެއެވެ. އިމާމުން ލާ ކަހަލަ ޖުއްބާ ކައިގެން ބޮލުގައި ތާކިހާ އަޅައިގެން، ގެއިން ނުކިތުމުގެ ކުރިން ޕްރެކްޓިސް ސެޝަނެއް ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދެއެވެ. މިސްކިތަށް ގެންދިއުމާއި ބަލާދަނީ ވެސް މަންމައެވެ.
މަންމަ ޞަބީހާ ބުނީ ކިޔާން ބަންގި ގޮވަނީ ކުރާ ހިތުން ކުރާ ކަމެއްގެ ގޮތުގައެވެ.
" މި ފަހަކަށް އައިސް އިމާމުވެ ނަމާދު ކުރާ ކުދިން އިތުރުވުމާއި ތިން ކުއްޖަކު ޤުރުއާން ހިތުދަސްކުރީމާ ކިޔާންއަށް ވެސް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށްވީ. ބައެއް ދުވަސްދުވަހު އައިސް ބުނާނެ ނަމާދު ވެސް ކުރަން ބޭނުމޭ. އުމުރު އެހާ ހަގުވީމާ އަދި ނަމާދު ކުރަން ފުރުޞަތު ނުލިބިދާނެއޭ. އެއީ ތަމްރީނުތަކަކާއި ބައިވަރު އެއްޗެހިތަކެއް އުނގެނިގެން ކުރެވޭނެ ކަމެއްކަން ކިޔާން އަށް ކިޔައިދެން" ޞަބީހާ ބުންޏެވެ.
ޞަބީހާ ބުނީ، މަންމައެއްގެ ހައިސިއްޔަތުން ކިޔާންގެ ހުނަރަށާއި އެ ހުނަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތާއި ބަހައްޓާ ޝައުޤުވެރިކަމަށް ހައިރާންވާ ކަމަށެވެ. އަދި އެހާމެ އުފާވެސް ވާ ކަމަށެވެ.
ޞަބީހާ ބުނީ، އެންމެން ވެސް ކަޔާނަށް ހިތްވަރުދޭ ކަމަށާއި ޚާއްޞަ ސޫކޫލްގެ ޓީޗަރުން އެކަން ފާހަގަކުރާތީ ކަޔާން ހުންނަނީ ވަރަށް އުފަލުން ކަމަށެވެ.
ކަޔާން ގުރޭޑް 4ގައި ކިޔަވަމުންދާއިރު، ކިޔެވުމަށް ސަމަލޫކަން ދޭ ކަމަށް މަންމަ ބުންޏެވެ.
" މާޝާ ﷲ ކިޔެވުން ވެސް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ"
ކިޔާން ބޭނުންވަނީ ޒުވާން ހަޠީބު ޕްރޮގްރާމުގައި ބައިވެރިވެ ހުޠުބާވެސް ކިޔާށެވެ. ޖަމާއަތުގައި އިމާމުވެ ނަމާދުވެސް ކުރާށެވެ. އެއީ އޭނާ ކުރާ އުއްމީދެކެވެ.
ހިޔާލު