ހާފިޒް އަހުމަދު ސްކޫލްގެ ދަރިވަރުންނަށް ޒަމާނީ ސެންސަރީ ރޫމެއް

ފުވައްމުލަކުގައި ހުންނަ ހާފިޒު އަހުމަދު ސްކޫލުގައި ހުޅުވި ޒަމާނީ ސެންސަރީ ރޫމާއެކު އެ ސްކޫލުގައި ކިޔަވަމުންދާ ތަފާތު އެހީ ބޭނުންވާ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމުގައި އާ އުސްމިންތަކަށް ދެވޭނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ހާފިޒު އަހުމަދު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސިރާޖު ވިދާޅުވީ ސެންސަރީ ރޫމްގެ ބޭނުން އެ ސްކޫލްގެ އިތުރުން ފުވައްމުލަކުގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލާނެ ކަމަށެވެ.

" މިއީ މި ސިޓީއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް. އެކި ސްކޫލްގައި ކިޔަވާ ތަފާތު އެހީ ބޭނުންވާ ދަރިވަރުންނަށް ސެޑިއުލް ކޮށްގެން އެތަން ބޭނުން ކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ހޯދައިދޭނަން" ސިރާޖު ވިދާޅުވިއެވެ.

ޒަމާނީ ވަޞީލަތްތަކާއެކު، އިންޑިޔާގެ އެހީގައި ގާއިމް ކުރި ސެންސަރީ ރޫމުގައި ޒަމާނީ ގިނަ ވަޞީލަތްތައް ވަނީ ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ސެންސަރީ އާލާތްތައް ހިމެނެއެވެ. މި ޕްރޮޖެކްޓަށް އިންޑިޔާއިން ބައިމިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ސެންސަރީ ރޫމެއް ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގައިވެސް ވަނީ ގާއިމްކޮށްފައެވެ.

ސިރާޖު ވިދާޅުވީ ސެންސަރީ ރޫމްގެ މަސައްކަތް ނިމުނުތާ ދުވަސްތަކެއް ވި ނަމަވެސް އެ ތަނުގެ ބޭނުން މިއަހަރު ކުރެވޭ ގޮތް ނުވީ ކުދިން ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ފެށިފައި ނުވާތީއެވެ. އެހެންވެ އެ ސްކޫލުން ތައްޔާރުވަމުން އަންނަނީ މިހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އެތަނުގެ މަސައްކަތް ވެސް ކުރިއަށް ގެންދާށެވެ.

ހާފިޒު އަހުމަދު ސްކޫލްގައި، މެއިންސްޓްރީމްއާއި އިންކުލޫސިވް އެޑިއުކޭޝަންގެ ދަށުން ތަފާތު އެހީއަށް ބޭނުންވާ 76 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އޭގެ ތެރޭގައި ސެން ކުލާހުގައި ވަކިން ކިޔަވައިދެމުން ގެންދާ ތޭރަ ދަރިވަރަކު ހިމެނެއެވެ.

ހާފިޒު އަހުމަދު ސްކޫލްގައި ގުރޭޑް އެކަކުން ދިހައަކަށް 680 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *