ޝަދާ: ކެޕްޓަން ކަމަށް ކުރިމަތިލީ ޔަގީންކަމާއެކު

ތ. ގުރައިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވީ އައިޝަތު ޝަދާއެވެ. ވައިސް ކެޕްޓަނުންނަށް ހޮވީ ފާތިމަތު ޙަޔާއާއި މުޙައްމަދު ފާލިހުއެވެ.

އޮނަރަރީ ވައިސް ކެޕްޓަނަކަށް ހޮވީ މަރިޔަމް ހަސްނާއެވެ. ގޭމްސް ކެޕްޓަނަކީ ހުސައިން ނާއިޝް އަޙްމަދެވެ. ގޭމްސް ވައިސް ކެޕްޓަނުންނަކީ އައިޝާ ސާރާ ޒައީމް އާއި އަޙްމަދު އަމްހަލް އަމްޖަދެވެ.

ކެޕްޓަނަކަށް ހޮވި ޝަދާ ދަރިވަރު ނޫހަށް ބުނީ، ގުރޭޑް 1ން ފެށިގެން  ކެޕްޓަނަކަށް ވުމުގެ ހުވަފެން ދެކެން ފެށި ކަމަށެވެ. ކެޕްޓަނަކަށް ވާން ކުރަން ޖެހޭ މަސައްކަތްތައް ދުރާލާ ކުރަމުން އައި ކަމަށާއި އެހެންވެ ގުރޭޑް 10އަށް އައިއިރު އެ މަޤާމް ލިބޭނެ ކަމުގެ ސައްތައިން ސައްތައިގެ ޔަޤީންކަމެއް އޮތް ކަމަށް ޝަދާ ބުންޏެވެ.

" ޔަގީންކަމާއެކު މަސައްކަތް ކުރީ ވެސް، ސައްތައިން ސައްތައިގެ ޔަގީންކަން އޮތް ލިބޭނެ ކަމުގެ" ޝަދާ ބުންޏެވެ.

ކެޕްޓަން ކަމަށް ވާދަ ކުރީ ޝަދާއާއެކު އެންމެ ގާތް ދެ އެކުވެރިންނާއެވެ. އެކުވެރިންނާ ވާދަކޮށް ސްކޫލުގެ ކެޕްޓަންގެ ކަމުގެ ޒިންމާއާ ހަވާލުވުމަކީ އެއީ ޝަދާއަށް ފަސޭހަވި ކަމެއް ނޫނެވެ.

" އެންމެ ގާތްކޮށް އުޅޭ ދެ އެކުވެރިންނާ ވާދަކުރަން ޖެހުނީމާ އުނދަގޫވި. އިންތިޚާބެއްގައި އޮންނާނީ މޮޅުވުމާއި ބަލިވުން. އަޅުގަނޑަށް އިތުބާރު އޮތީމާ ވާދަކުރީ" ކެޕްޓަންކަން ލިބުމުން ޝަދާ ހުރީ އުފަލުންނެވެ.

ކެޕްޓަން ކަމުގެ ކޯޓްލާން ޝަދާއައީ ދުރާލާ ތައްޔާރު ވަމުންނެވެ. ގުރޭޑް ދިހައަކާ ހަމައަށް އައިރު ތަފާތު ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ކުލަބުތަކާއި ހައުސްގައި ޒިންމާދާރު މަޤާމްތަކެއް ވަނީ އަދާކޮށްފައެވެ. ސައިންސް ކުލަބުގެ ރައީސް ކަމުގެ އިތުރުން ފާއިތުވި އަހަރު، ޝަހީދީ ހައުސްގެ ވައިސް ކެޕްޓަނަކީ ވެސް އޭނާއެވެ. ޤުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކަކީ ޝަދާ ގަވާއިދުން ބައިވެރިވި މުބާރާތްތަކެވެ.

" ސްކޫލުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ބައިވެރިވެވެން ހުރި ހުރިހާ މުބާރާތެއްގައި ބައިވެރިވަން. އަބަދުވެސް ކަންތައްތަކުގައި ހަރަކާތްތެރިކޮށް އުޅޭ ހިތްވަނީ"

ޝަދާ ބުނީ، ސްކޫލް ކެޕްޓަނަކަށް ވުމަށް އޭނާ އެންމެ މުހިންމު ކަމެއް ދިނީ، ވާހަކަދެއްކުމުގެ ފަންނަށެވެ. ދަރިވަރުންނާ މުޙާޠަބުކޮށް، ގިނަބަޔަކާ ވާހަކަދައްކަން ޖެހޭ ފަހަރު އެ ކުދިންނަށް ނުވަތަ އެބަޔަކަށް ފަހުމްވާ ގޮތަށް އެއްޗެއް ބުނެލެވޭތޯ އޭނާބަލައެވެ. އެކަން ކުރަން ދަސްކުރީ ގޭގައި މަންމަގެ އެހީތެރިކަމާއެކުއެވެ. މަންމަގެ ކޯޗް ކަމުގެ ދަށުންނެވެ. އޭގެ ނަތީޖާ އިންތިޚާބުން ފެނުނު ކަމަށް ޝަދާ ބުންޏެވެ.

ސައިންސް ސްޓްރީމްގައި ކިޔަވާ ޝަދާއަކީ އެކަނި ކިޔަވަން ބޭނުންވާ ދަރިވަރެކެވެ. ސްކޫލްގައި ކިޔަވައިދޭ އެއްޗެއްގެ އިތުރުން ޓިއުޝަން ބޭނުން ކުރަނީ ފިލާވަޅުތައް ރިވައިސް ކުރާށެވެ. އިރާކޮޅުގެ ބޭނުން ކިޔެވުމުގައި ހޭދަކޮށްފައި، ޤަވާއިދުން ނިދަން އިސްކަންދެއެވެ. ފަތިހު ތެދުވެ ކިޔެވުމަކީ ވެސް އޭނާގެ ދުވަސްވީ އާދައެކެވެ.

ކިޔުމުގެ ބަދަލުގައި ލިޔެގެން ފިލާވަޅު ދަސްކުރާ ޝަދާ އެންމެ ކިޔަވާހިތްވާ މާއްދާއަކީ ހިސާބެވެ. އުނދަގޫ ނަމްބަރުތައް ހެދުމަކީ އެއީ އޭނާ ގަޔާވާކަމެކެވެ. ޝަދާއަށް އެންމެ އުނދަގުލީ ކެމިސްޓްރީއެވެ. ގުރޫޕް ސްޓަޑީ ނުހެދިޔަސް ކުލާސް ކުދިންނާއެކު ބައެއް ޓޮޕިކް ތަކަށް ޑިސްކަޝަންތައް ކުރިއަށް ގެންދެއެވެ. ކިޔެވުމުގައި އެ ފަދަ ޑިސްކަޝަންތަކުގެ ފައިދާ ކުރާ ކަމަށް ޝަދާ ބުންޏެވެ.

ޝަދާ ބުނީ، އޯލެވެލްއިން ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރެވޭ ކަމަށާއި އޭލެވެލްއަށް ދާން ބޭނުން ވަނީ ގަދަ ތިނެއްގައި ހިމެނިގެންނެވެ.

" މިހާރުއްސުރެ ވަރަށް ބޮޑަށް މަސައްކަތް އެބަކުރަން. ރަނގަޅު ނަތީޖާއަކަށް. އުއްމީދާއެކު މަސައްކަތް ވެސް އެބަކުރަން ގަދަ ތިންވަނައިގެ ތެރޭގައި ހިފަހައްޓާލެވޭތޯ" ޝަދާގެ މިހާރުގެ މިސްރާބު ބުނެދިނެވެ.

ޝަދާ ބޭނުންވަނީ އޭލެވެލްއަށްފަހު ޑޮކްޓަރީކަން ކިޔަވާށެވެ. އެއީ ޝަދާގެ ކުޑައިރު ދެކެން ފެށި ހުވަފެނެކެވެ. އޭނާ އަދިވެސް ހުރީ އޭރު ނިންމި ނިންމުމުގެ މަތީގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *