ދޮޅު އަހަރު ކިޔެވުމަށްފަހު، ދަރިވަރުން ބޮޑު ޗުއްޓީއަށް

ދޮޅުއަހަރު ކިޔެވުމަށްފަހު، ދަރިވަރުންނަށް ބޮޑުޗުއްޓީ މިއަދު ދީފިއެވެ. މިއީ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

ސްކޫލްތައް ބަންދު ކުރުމުގެ ކުރިން މިއަދު ވަނީ ހުރިހާ ސްކޫލެގައި ވަނި އޮންލައިންކޮށް ދަރިވަރުންނަށް ރިޕޯޓް ފޯމް ދީފައެވެ. ބައެއް ސްކޫލްތަކުން ވަނީ މި ހަރަކާތް އޮންލައިންކޮށް ހުރިހާ ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
ކޮވިޑްއާ ގުޅިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި އާންމުގޮތެއްގައި ކިޔަވައިދެމުން ދިޔައީ އޮންލައިންކޮށެވެ. ކޮވިޑް ކޭސްތައް މަދުވި ދުވަސްތަކުގައި ސްކޫލްތަކަށް ގެންގޮސްގެން ކިޔަވައިދިނެވެ. އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައި ދިނީ ސްކޫލްތަކަށް ކުދިން ގެންގޮސްގެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިޑްޓާމް ބަންދެއް ލިބޭނީ އަންނަ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ސްކޫލްތައް ބަންދުވާނީ މިއަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. އެއަށްފަހު، މިޑްޓާމްއަށް ބަންދުވާނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައެވެ. ދެވަނަ ޓާމަށް ބަންދުވާނީ އަންނަ އަހަރުގެ ޖޫން 30 ގައެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަންނަ އަހަރު ފަށަން ކަލަންޑަރުގައި ބުނެފައި ވަނީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *