ޤުރުއާނާއި އަރަބިބަސް ކިޔަވައިދޭން މުދައްރިސުން އިންޑިޔާއިން ގެނައީ ދިވެހި މުދައްރިސުން ނުލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކެރެލާއިން ގެނެވިފައިވާ 5 ޢަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެއްވަމުން ގެންދާ ކަމަށެވެ. މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ މުދައްރިސުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މުދައްރިސުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
" ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައި" އެޑިއުކޭޝަން މިނިސްޓްރީން މި ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ބިދޭސީން ހޯދި މަގާމްތަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަޤާމްތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށެވެ.
މުދައްރިސުންގެ ދަތިކަން ރާއްޖެއަށް ދަތިވެފައިވާއިރު، އެންމެ ގިނަ އަދަދެއްގެ މުދައްރިސުން ގެންނަނީވެސް އަވަށްޓެރި އިންޑީޔާއިންނެވެ.
advertisment
ހިޔާލު