އޭލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ބަނީން އަށް، އޯލެވެލްއާއި އޭލެވެލްގެ މާބޮޑު ތަފާތެއް ނުފެނު

ބަނީން ހޯދީ، ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނަ، ހިސާބުން ދުނިޔެއިން ހަތަރުވަނަ، ފިޒިކްސްއިން ދުނިޔެއިން ހަވަނަ އަދި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ރާއްޖެއިން އެއްވަނަ

" ގުރޭޑް 10ގައި އުޅުނުއިރު، އޭލެވެލްއަށް ކިޔަވަމުންދިޔަ ބައެއް ކުދިން ބުނާނެ އޭލެވެލް ވަރަށް އުނދަގުލޭ. އެކަމަކު އަމިއްލައަށް، އޭލެވެލް ކިޔަވަން ފަށައި ތަޖުރިބާ ކުރަން ފެށީމާ އެނގުނީ އެބުނާހާ ތަފާތެއް ނެތްކަން" ސާނަވީއާއި މަތީ ސާނަވީން ވެސް އެއްވަނަ ހޯދި ހަސަން ބަނީން ސުރޫރު ބުންޏެވެ.

ސާނަވީގައި ބަނީން ކިޔެވީ ޖަމާލުއްދީން ސްކޫލުންނެވެ. އެ އަހަރު އެ ސްކޫލުގެ ކެޕްޓަނަކީ އޭނާއެވެ. މަތީ ސާނަވީ ނިންމީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ( ސީއެޗްއެސްއީ) ންނެވެ.

މަތީ ސާނަވީން އެއްވަނަ ހޯދުމުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ރައީސް ޑރ. މުޙައްމަދު ބަނީންއާ ހަވާލުކޮށް ދެއްވަނީ: ބަނީންގެ ޝައުޤުހުންނަނީ ޑޮކްޓަރީކަމާއި ކޮމްޕިއުޓަރ ސައިންސަށް- ފޮޓޯ: ރައީސް އޮފީސް

މަތީ ސާނަވީން ބަނީން ހޯދި ނަތީޖާއަކީ ފާއިތުވި އަހަރު އެ އިމްތިޙާނުގައި  ރާއްޖޭގެ ދަރިވަރަކު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އެޑެކްސެލް އޭލެވެލްއިން ހަތަރު މާއްދާއިން ބްރިލިއަންސް އަދި ތިން މާއްދާއިން ރާއްޖެއިން އެއްވަނަ ހޯދިއެވެ. އޭނާ ހޯދީ، ބައޮލޮޖީއާއި ކެމިސްޓްރީން ދުނިޔެއިން އެއްވަނައެވެ. ހިސާބުން ދުނިޔެއިން ހަތަރުވަނަ އާއި ފިޒިކްސްއިން ދުނިޔެއިން ހަވަނައެވެ. އަދި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ރާއްޖެއިން އެއްވަނައެވެ.

ކިޔެވުމުގައި ރޯލްމޮޑަލުންނަށް ބަނީން ބަލަނީ މަތީ ގުރޭޑް ތަކުން ވަނަތައް ހޯދާ ކުދިންނެވެ. އެ ކުދިންނާ ގާތް ގުޅުމެއްބާއްވައެވެ. ރަނގަޅު ނަތީޖާ ހޯދަން ކުރާ މަސައްކަތުގައި ލަފާ އެކުދިންގެ ގާތުން އަހައި އޮޅުން ފިލުވައެވެ. އެ ކުދިންގެ ކައިރިން އޭނައަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ކުލާހުގައި ކިޔަވައިދޭއިރު އަޑުއެހުމާއި މުދައްރިސުންނާ ގާތް ގުޅުމެއް ބޭއްވުމެވެ.

އޭލެވެލް ފެށިއިރު ފުރަތަމަ ދެތިން މަސް އުނދަގޫކޮށް ދިޔަ ނަމަވެސް ކޮންމެ ދުވަހަކު އެ ދުވަހެއްގެ ފިލާވަޅު ނިންމައި ދަސްކުރަން ފެށުމުން ކުރިއަށް ދާން ފަސޭހަވި ކަމަށް ބަނީން ބުންޏެވެ.

" ސީއެޗްއެސްއީގައި އޮންނާނެ ކޮންސަލްޓޭޝަންއޭ ކިޔާ ކުލާސްތަކެއް. އެ ކުލާސްތަކުން ޚާއްޞަ ޓީޗަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމުން ނޭނގޭ އެއްޗެއް، އޮޅުންއަރާ އެއްޗެއް އޮވެއްޖެނަމަ ސާފުކޮށްދޭނެ. އެހެން ހެދީމާ އުނދަގުލެއް ނެތި ކިޔެވުމައިގެން ކުރިއަށް ދާން ވަރަށް ފަސޭހަވި" ޕްރިފެކްޓެއްގެ ގޮތުގައި ސީއެޗްއެސްއީގައި މަސައްކަތް ކުރި ބަނީން ބުންޏެވެ.

ބަނީން ( ވ ތިންވަނަ) ސީއެޗްއެސްއީއިން އެންމެ މޮޅު ދަރިވަރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާއާއެކު- ފޮޓޯ: ރައީސް އޮފީސް

ބަނީން އެންމެ ކިޔަވާ ހިތްވީ ހިސާބެވެ. އެއީ ޗެލެންޖިންގ ސުވާލުތައް ހަދާ ހިތްވާތީއެވެ. ދުނިޔޭގެ ވަނައަކަށް ޓާގެޓްކޮށްގެން މެތްސްއާއި ފިޒިކްސްއިން ޓިއުޝަން ނެގި ނަމަވެސް ދުނިޔޭގެ ވަނަ ލިބުނީ އެންމެ މަދުން ޓިއުޝަން ނެގި ކެމިސްޓްރީއާއި ބައޮލޮޖީންނެވެ.

" ޔަގީން ކުރި ދެ މާއްދާއަކުން ނޫން އެއްވަނަ ލިބުނީކީ" ބަނީން ބުންޏެވެ.

ބަނީންއަށް ކިޔަވަން ފަސޭހައީ އެކަނިމާ އެކަންޏެވެ. ގުރޫޕް ސްޓަޑީއެއް ނަހަދައެވެ. ކިޔަވަން ވަކި ތާވަލެއް ވެސް ނުގެންގުޅެއެވެ. ކިޔަވަން ފަސޭހަ ކޮންމެ ގަޑިއެއް ކިޔެވުމަށް ހުސްކުރީއެވެ.

" ގުރޫޕް ސްޓަޑީގެ ފައިދާ ކުރާނީ އެއް ފެންވަރެއްގެ ކުދިން ކިޔަވާނަމަ. އެހެން ނޫނީ އެއިން ފައިދާއެއް ކުރާނެ ކަމަށް ޤަބޫލެއް ނުކުރަން"

ސާނަވީގައި ކިޔެވިއިރު، އިތުރު ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް އިސްމަގާމަށް ނުދާން ނިންމައިގެން ހުރި ބަނީން ސްކޫލްގެ ކެޕްޓަނަކަށް ވާން ބޭނުންވީ ވެސް ގުރޭޑް ނުވައެއްގެ ފަހު ޓާމުގައެވެ. އެއީ އޭރުގެ އެކުވެރިން ކިޔާވަރުންނެވެ.

" ކުދިން އައިސް އޭރު ބުނާނެ ކެޕްޓަނަކަށް ވެވޭނެއޭ، ވާށޭ. ތިމަންނަމެން ސަޕޯޓް ދޭނަމޭ" ކެޕްޓަންކަމަށް ކުރިމަތިލީ ބަނީނަށް ސައްތައިން ސައްތައިގެ ޔަޤީންކަން ލިބުމުންނެވެ. ސާނަވީގައި ކިޔެވިއިރު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް މަތީ ސާނަވީގައި ކިޔަވަން ފެށި ފަހުން ކުރިން ބައިވެރިވާހާ ގިނަ ހަރަކާތެއްގައި ބައިވެރި ނުވެއެވެ.

" މަތީ ސާނަވީގައި ކިޔެވުމަށް ބޮޑަށް ފޯކަސްކުރީ. އެހެންވެ އިތުރު ހަރަކާތްތަކަށް ވަގުތު ނުދެވުނީ" ސަބަބު ބަނީން ކިޔައިދިނެވެ.

ބަނީން އާއިލާއާއެކު- ކިޔެވުމަށް އާއިލާއިން ލިބުނު ސަޕޯޓަކީ ރަނގަޅު ނަތީޖާއެއް ހޯދަން ލިބުނު ހިތްވަރު –

ސާނަވީއާއި މަތީ ސާނަވީ ގައިވެސް ބަނީން ހަނދާނުގައި ބަހައްޓަނީ މަންމައާއި ބައްޕަ ދޭ ހިތްވަރާއި ނަސޭހަތުގެ ބަސްތަކެވެ. މަންމަ އަބަދުވެސް ވިސްނައި ދެނީ އޭނާގެ ޤާބިލުކަމެވެ. ސާނަވިން ހޯދި ކާމިޔާބީއެވެ. އެ ކާމިޔާބީ މަތީ ސާނަވީގައި ވެސް ދެމެހެއްޓޭނެ ކަމަށް މަންމަ އޭނާއަށް އަބަދުމެ ހަނދާންކޮށްދެއެވެ.

އޯލެވެލްގައިވެސް ގާބިލުވީމައޭ ނަތީޖާ ނެރެވުނީ، މަސައްކަތް ކުރާށޭ ވާނެއޭ. ނޭނގެންޏާ މުދައްރިސުންގެ ކައިރިން އޮޅުން ފިލުވަން ބާރުއަޅާނެ" މަންމަ ދޭ ހިތްވަރުގެ ބަސްތައް އަބަދުމެ ހަނދާނުގައި ބަހައްޓައެވެ.

ބަނީން ބުނީ، ސާނަގައި ކިޔެވިއިރު، އޭނާގެ މަދު ރައްޓެއްސެއްގެ ފަރާތުން ނޫނީ ކިޔެވުމަށް މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. އެއީ ބައެއް ފަހަރު ކިޔެވުމައިގެން ކުރިއަށް ދާން އެޅޭ ހުރަހެކެވެ. އެކަމަކު މަތީ ސާނަވީން ދިމާވި އެކުވެރިންގެ ފަރާތުން އޭނާއަށް ލިބުނީ އެހީތެރިކަމެވެ. ކުރިއަށް ދާނެ އުއްމީދު ތަކެވެ. ހިތްވަރެވެ.

" ސީއެޗްއެސްއީގައި ރައްޓެހިންގެ ފަރާތުން އެ ސަޕޯޓް ލިބުނީ ކިޔެވުމުގެ ވާދަވެރިކަމުގެ ތެރެއިން"

މިހާރު ކިޔަވަމުންދާ ކުދިންނަށް ބަނީން ދޭ ނަސޭހަތަކީ، ދުރާލާ ތައްޔާރު ވުމެވެ. ދޭ ފިލާވަޅުތައް ދުވަހަށް ދުވަހަށް ނިންމައި މުޠާލިޔާ ކުރުމެވެ. ކިޔެވެން ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފުމެވެ. މުދައްރިސުންނާ ސުވާލު ކުރުމެވެ. ކިޔަވަން ފަސޭހަ ގަޑިއެއްގައި ކިޔެވުމުގެ އާދަ އަށަގެންނެވުމެވެ.

" ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް. އެ ކުއްޖެއްގެ ދުވަހީ ތާވަލު އެކުލަވާލާނީ އެކުއްޖަކަށް ފަސޭހަ ގޮތަކަށް. މިވެނި ކުއްޖަކު ކިޔެވި ގޮތް ކޮޕީ ކުރުމުގެ ބަދަލުގައި ބަލަންވީ ތިމާއަށް އެންމެ ރަނގަޅީ ކޮންގޮތެއްތޯ" ބަނީން އެ ދިން ނަޞޭހަތުގެ ބޭނުން ހިފައިފިނަމަ އޭނާ ދެކޭ ގޮތުގައި އޯލެވެލްއާއި އޭލެވެލްގެ މާ ބޮޑު ތަފާތެއް ނުފެންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *