ބާރަ އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ތައްޔާރުވަނީ

ކޮވިޑް 19އިން ރައްކާތެރިވުމަށް 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިންދޭން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. ޝާހު މާހިރުއާ ހަވާލާދީ "ހުރިހާ" ނޫހުގައި ބުނެފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް ދެވޭނެ ވެކްސިނަކީ ފައިޒާ ކަމަށާއި، އާ ސްޓޮކެއް ލިބުނުހާ އަވަހަށް ވެކްސިން ދޭންފަށާނެ ކަމަށެވެ. ނަމަވެސް ވެކްސިން ލިބޭނެ ދުވަހެއް، އަދި ވެކްސިން ޖަހަންފަށާނެ ދުވަހެއް ވެސް ޝާހު މާހިރު ވިދާޅުވެފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން ބޭނުން ވަނީ ވެކްސިން ޖަހާ އާބާދީ އިތުރު ކުރާށެވެ. އެހެންވެ އެ މިނިސްޓްރީން ތައްޔާރުވަމުން އަންނަނީ 12 އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށެވެ.

ގުރޭޑް ދިހައެއްގައި ކިޔަވަމުންދާ، ސޯޅަ އަހަރުފުރި 18 އަހަރު ނުފުރޭ، ދަރިވަރުންނަށް ދާދިފަހުން ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ފައިޒާ ވެކްސިން މިހާރު ދެމުން ގެންދަނީ ހައި ރިސްކް މީހުންނަށެވެ.

ފައިޒާ ވެކްސިން 16 އަހަރުން މައްޗަށް ޖެހުމަށް ކުރިން ހުއްދަ ދިން ނަމަވެސް އެ ވެކްސިންގެ އިތުރު ދިރާސާތަކަށްފަހު، 12 އަހަރުން މައްޗަށް ދޭން މިހާރު ވަނީ ކަމާގުޅުން ހުރި ބައިނަލްއަގުވާމީ އިދާރާތަކުން ހުއްދަ ދީފައެވެ. އަދި ބައެއް ގައުމުތަކުގައި ދަނީ 12 އަހަރުން މައްޗަށް ވެކްސިން ދެމުންނެވެ. [

ބާރަ އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ތައްޔާރުވަމުންދާއިރު، ކޮވިޑް19އަށް ޕޮޒިޓިވް ވި ކުދިންގެ އަދަދު ވަނީ 381 އަށް އަރާފައެވެ. މިހާތަނަށް މަރުވެފައިވަނީ ދިހަ އަހަރުގެ ކުއްޖެކެވެ. ހާލުބޮޑުވެގެން ވެންޓިލޭޓަރަށް ލާފައި ވަނީ ހަތް އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ތިންލައްކައެންހާ މީހުންނަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ. ދެވަނަ ޑޯޒް ދިން މީހުންގެ އަދަދު 171،000 އަށްވުރެ މައްޗެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *