ލީލާ އަޙްމަދު
މީހަކު ސުވާލުކުރިއެވެ. އޭލެވެލް ތިހާ މުހިންމޭ ތި ބުނީ ކީއްވެ؟
1- ކިޔެވުމުގެ އުމުރުފުރާ ބަހާފައި އޮންނަނީ ކުދިންގެ ހެދިބޮޑުވުމަށް ބަލާފައެވެ. ކިޔަވައިދޭ މަންހަޖު ވެސް އެކުލަވާފައި ވަނީ އުމުރުފުރާ ތަކަށް ބަލައިގެންނެވެ. ސާނަވި މަރުހަލާ ނިމި ޔުނިވަރސިޓީގެ ކިޔެވުން އާންމުކޮށް ފަށާ އުމުރަކީ 18 ނޫނީ 19 އަހަރެވެ. ޕްރައިމަރީ ގުރޭޑް ހަ އަހަރުގައި ނިންމާ ކުއްޖަކު ސާނަވި ގުރޭޑް 9ގައި، 12 އަހަރުގެ ކުއްޖަކު 15 އަހަރުގެ ކުދިންނާ އެކުގައި އުޅޭނެ ގޮތެއް ވިސްނޭ ހެއްޔެވެ؟
2- ގުރޭޑް 10 ނިމޭއިރު، 16 އަހަރުގައި އަދި ކުއްޖަކަށް އޭނާގެ މުޅި އުމުރުގައި އަދާކުރާނެ ވަޒީފާއާއި ކިޔަވާނެ ދާއިރާއެއް ނޭނގިދާނެއެވެ. 11 އަދި 12ގައި ކިޔެވުމަކީ މި ނިންމުމަށް މަގުފަހި ކުރުމަށް ކިޔަވާ ދެ އަހަރެވެ.
3- އެލެވެލްގެ ދޭއް ނޫނީ ތިން މާއްދާއިން ފާސްވުމުން ކިޔަވަން ވަންނާނެ ޔުނިވަރސިޓީގެ ލިސްޓް ދިގުވެ ކިޔަވާނެ ދާއިރާތަށް ގިނަވާނެއެވެ.
4- އާންމުކޮށް ޔުނިވަރސިޓީގެ ފައުންޑޭޝަންއަކީ ގުރޭޑް 12 ނިންމާ އޭލެވެލްގައި ބޭނުންވާ މާއްދާއިން ފާސް ނުވެއްޖެނަމަ ޔުނިވަރސިޓީއަށް ވަންނާނެ އިތުރު މަގެކެވެ. ޔުނިވަރސިޓީ ތަކުގެ ފައުންޑޭޝަން ޕްރޮގްރާމްގައި އާންމުކޮށް އުޅޭނީ 18 ނޫނީ 19 އަހަރުގެ ކުދިންނެވެ.
5- ފައުންޑޭޝަންގައި ކިޔަވައިދޭނީ ގުރޭޑް 11 އަދި 12 ގައި ކިޔަވައިދޭ އެއްޗެއް ކުރުކޮށްފައެވެ. ފައުންޑޭޝަންގައި ކިޔަވައި ދޭނީ ފައުންޑޭޝަން ޕްރޮގްރާމަކުން ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމަށް ކޮންމެހެން މުހިންމު ވާނެ ކަމަށް ބަލާ އެއްޗެއް އެކަންޏެވެ.
6- ސާނަވީ އަކީ ގުރޭޑް 11އަށް ދާން ދެވޭ ޕްރޮމޯޝަން ޓެސްޓެކެވެ. ރާޢްޖޭގައި އޯލެވެލް ނިންމާ ހުރިހާ ކުދިންނަށް ގުރޭޑް 11އަށް ދާނެ ފުރުޞަތު ހޯދާ ދެވިފައި ސްކޫލްތަކުގައި ނެތުމުން އޯލެވެލް ނިންމާ ގިނަ ކުދިން 16 އަހަރުގައި ޔުނިވަރސިޓީގެ ފައުންޑޭޝަންއަށް ވަންނަން މަޖުބޫރު ވަނީއެވެ. މީގެ މާނައަކީ ފައުންޑޭޝަންގެ ކިޔެވުމަށްފަހު އެކުއްޖާ ބޭނުންވިޔަސް ނުވިޔަސް ދެން ކިޔަވަން ޖެހެނީ ފައުންޑޭޝަންގައި ކިޔެވި ޔުނިވަރސިޓީގައެވެ. މިހެން ވުމުން ކިޔަވަން ޚިޔާރު ކުރާ ދާއިރާ އާއި ކިޔަވާނެ ތަން ހަނިވެގެން ދެއެވެ.
7- ޔުނިވަރސިޓީއަކީ ސެކަންޑްރީ ސްކޫލްގޮތަށް ކުދިން ބަލަހައްޓާ މާހައުލެއް ނޫން ކަމުން 16 އަހަރުގެ ކުއްޖާ ވަރަށް ގިނަ ވަގުތު 18 ނޫނީ19 ކުދިންނަށްވުރެ މަތީ އުމުރުގެ މީހުންނާއެކު އުޅެން ޖެހެއެވެ. 16 އަހަރުގެ ކުއްޖާ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން މި މާހައުލަށް ފިޓެއް ނުވެއެވެ.
8- 18އަހަރު ވަންދެން ކުދިން މަތީ ސާނަވީގައި ތިބެން ޖެހެނީ އެއީ ކުޑަކުދިން ކަމަށް ޤާނޫނު ވެސް ދެކޭތީއެވެ.
ހިޔާލު