އާނީ: ކެޕްޓަނަކަށްވާން އިސްނެގީ ކުލާސްތެރެއިން

އައްޑޫ ސިޓީގައި ހުންނަ ހިތަދޫ ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކީ އައިޝަތު އާނީ އަބްދުﷲ ނަސީމެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ އަމަލް އަޙްމަދު ޝިފާއު އާއި ފާތިމަތު އައިކާ ޝަފާޒެވެ.

ކެޕްޓަނަކަށް ހޮވުނު އާނީ ބުނި ގޮތުގައި، ޒިންމާދާރު ކުއްޖެއްގެ ގޮތުގައި އެންމެ އިސްކޮށް މަސައްކަތް ކުރަން އަބަދުވެސް އޭނާ ބޭނުންވެއެވެ. ތިންވަނަ ގުރޭޑްގައި ކިޔަވަން ފެށިއިރު ވެސް އެ ހުވަފެން އޭނާ ދެކުނެވެ. ފުރަތަމަ އެ މަސައްކަތް ފެށީ ކުލާސްތެރެއިންނެވެ. އިސްނަގައިގެން ކުލާސްތެރޭގައި މަސައްކަތް ކުރުމުން، ކުދިންނާއި މުދައްރިސުންނާ ރަނގަޅު ގުޅުމެއް އުފެއްދުނެވެ.

" މީހުންނާ ގުޅިގެން އަބަދުވެސް އިސްނަގައި މަސައްކަތް ކުރަން ބޭނުންވީ. އެހެންވެ ސްކޫލުގެ އެންމެ އިސް ދަރިވަރުގެ މަޤާމް ހޯދުމަކީ އެއީ އަޅުގަނޑުގެ ހުވަފެނެއް. އެ ހުވަފެނުގައި ކުލަޖައްސަން ކުލާސްތެރެއިން މަސައްކަތް ފެށީ. ކުދިންނާ ވާހަކަ ދެއްކުމާއި ކުދިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ކުދިންނަށް އެހީވާން ފެށީ" އާނީގެ ދަތުރު ކުރުކޮށް ހިއްސާ ކުރިއެވެ.

އާނީ ބުނީ، ގުރޭޑް ނުވައެއްގައި، ޑެޕިއުޓީ ކެޕްޓަންގެ އިންތިޚާބުގެ ކެމްޕެއިންގައި ކުދިންނާ ގުޅިގެން ރަނގަޅު މަސައްކަތެއް ކުރުމުގެ ނަތީޖާއަކީ މި އަހަރު ކެޕްޓަން ކަމުގެ ޝަރަފު އޭނާއަށް ލިބެނު އެންމެ ބޮޑު ސަބަބު ކަމަށެވެ.

" ކުދިންނާއެކު އެ އޮންނަ ގުޅުމަކީ ވަރަށް މުހިންމު ކަމެއް. އަބަދުވެސް އެ ގުޅުން ދަމަހައްޓަން ޖެހޭ. އެ ގުޅުމުގެ ތެރެއިން ގިނަ ކުދިންގެ ތާއީދު ހޯދީ ވެސް " އާނީ ބުންޏެވެ.

ކެޕްޓަން ހޯދުމުގެ ރޭހުގައި ވާދަކުރަން ޖެހުނީ އެންމެ ގާތް އެކުވެރިޔާއާއެވެ. އޭނާ އުފާވަނީ އެ ވާދަވެރިކަމުގެ ތެރެއިން އެ އޮތް  ގާތްކަމާއި އެކުވެރިކަން އެ ގޮތުގައި މިއަދުވެސް އޮތީމައެވެ.

ކުޅިވަރުގައި ވިދުން ގަދަ ނުވިޔަސް އަދަބީ މުބާރާތްތަކުގައި އާނާގެ ނަން ވިދައެވެ. ވާހަކަ ދެއްކުމާއި ލިޔުންތެރިކަމަކީ އާނާގެ ޚާއްޞަ ފަންނެކެވެ. އިނގިރޭސި ބަހުން ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތްތަކުން އަބަދުވެސް އެއްވަނަ ލިބެއެވެ. އިންޓަރ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތުން އާނީއަށް ފުރުޞަތު ލިބުނީ ޓީމު ހަމަކުރަން އެއް ކުއްޖަކު މަދުވެގެންނެވެ. ދިވެއްސަށް އެހާ މޮޅު ނޫނަސް ހިތަދޫ ސްކޫލުގެ ދިވެހި މުއްދައްރިސުންނާއި ޕްރިންސިޕަލް ޑރ. އާސިޔަތު މިސް ދިން ހިތްވަރާއެކު މުބާރާތުގައި އަލަށް ބައިވެރިވެ ފަސް ސުވާސާ ތަރި އާނީ ހޯދިއެވެ. އާނީ ބުނީ އެއީ އޭނާއަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ލިޔުންތެރިކަމުގައި ވެސް އާނީގެ ގަލަން ހިނގައެވެ. ކޮމަންވެލްތް ކުއީން އެސޭ ރައިޓިން ކޮމްޕެޓިޝަންގައި އަމިއްލައަށް ބައިވެރިވެ، ޖެހިޖެހިގެން ހަތަރު އަހަރު ގޯލްޑް މެޑަލް އާނީ ވަނީ ހޯދާފައެވެ. އިކޮނޮމިސްގެ ދާއިރާއިން ކުރިއަށް ދާން ބޭނުން ވިޔަސް ލިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުންވެއެވެ. ލިޔުންތެރިކަމުގެ ފަންނު ކުރިއެރިވުމަށް އަމިއްލައަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރެއެވެ. އެކަމަށް ވަގުތު ކޮޅެއް ހުސްކުރެއެވެ.

" ލިޔުންތެރިކަމަކީ ކުރާ ހިތުން ކުރާ ވަރަށް ޚާއްޞަ ކަމެއް" އާނީ ބުންޏެވެ.

ސާނަވީން ރަނގަޅު ނަތީޖާއެއް ހޯދަން އާނީ ބޭނުންވެއެވެ. އެއްވަނައަށް ޓާގެޓްކޮށްގެން އެނާއަށް ކުރެވޭ އެންމެ ރަނގަޅަކަށް މިހާރު ވެސް މަސައްކަތް ކުރާ ކަމަށް އާނާ ބުންޏެވެ. އާނާ ދެކޭގޮތުގައި ސްކޫލުގައި ކިޔަވައިދޭ އެއްޗެއްގެ އިތުރަށް ޓިއުޝަން ނަގަނީ ރިވައިސް ކުރުމުގެ ބޭނުމުގައެވެ.

" ޓިއުޝަނަކީ ރިވިޝަނުގެ ގޮތުގައި ޕްރެކްޓިސްކުރަން ބޭނުން ކުރާ އެއްޗެއް"

އާނީ، އެންމެ ފަސޭހަ އަދި އެންމެ ކިޔަވާހިތް ވަނީ އިކޮނޮމިކްސްއެވެ. އުދަނގުލީ ދިވެއްސެވެ. ދިވެހި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

އާނާ ދެކޭގޮތުގައި އަމިއްލަ ކުރިއެރުމަށް އެކަނި މަސައްކަތް ކުރުމަށްވުރެ އެހެން ކުދިންނާއެކު އެކުދިން ގޮވައިގެން ކުރިއަރައިދާން މަސްކަތް ކުރުން މާ މުހިންމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *