އަޤްޞާ މިނިވަން ވާނީ، ހުކުރު ނަމާދަށް ދާ އަދަދަށް ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުން

 

ފަލަސްޠީނުގެ މައްސަލައަކީ މުސްލިމުންގެ ޢަޤީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެކެވެ. ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެއެވެ. ފަލަސްޠީނަށް ވެރިވެގެންފައިވާ އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ، އެތައް ހާސް ބަޔަކު ޝަހީދުވެއްޖެއެވެ. އެތައް މިލިއަން މުސްލިމުންގެ ގެދޮރު ނެތި ގޮސް ބޯހިޔާވަހިކަމެއް ނެތި، ޙާލުގައި ޖެހިއްޖެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދެއެވެ. މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައެވެ.

މާތް ﷲއަށް އަޅުކަން ކުރުމަށް މި ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނީ މައްކާގައިވާ އަލްމަސްޖިދުލްޙަރާމެވެ. އެއަށް ފަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާއެވެ. އިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ވާ ގޮތުގައި އަލްމަސްޖިދުލްޙަރާމު ބިނާކުރުމާ އަލްމަސްޖިދުލްއަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ ސާޅީސް އަހަރެވެ. މިބަސްފުޅުން اللهގެ ރިސާލަތާއި މި ދެ ރަށާ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް އެނގެއެވެ. އެއަށް ފަހު އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ކޮއްކޯފުޅު ލޫޠުގެފާނު ފަލަސްޠީނުގައި اللهގެ ރިސާލަތަށް ގޮވައިލައްވައި، ތައުޙީދުގެ ދިދަ އުފުއްލެވިއެވެ. އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ރައްކައުވެވަޑައިގަތީ ހަމަ މި ބިމުގައެވެ. ޔަޢުޤޫބުގެފާނާއި ޔޫސުފުގެފާނު ދިރިއުޅުއްވީ ވެސް ހަމަ މި ބިމުގައެވެ. އެއަށް ފަހު ދާއޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ނަބީކަމުގެ މަންހަޖުގެ މަތީގައި ތައުޙީދުގެ ރަސްކަމެއް ޤާއިމު ކުރެއްވީ ވެސް ފަލަސްޠީނުގެ މާތް ބިމުގައެވެ. މާތް الله ޒަކަރިއްޔާގެފާނުގެ ދުޢާފުޅު އިޖާބަކުރައްވައި ޔަޙްޔާގެފާނު ދެއްވީ ވެސް ހަމަ މި ބިމުގައެވެ. މަރްޔަމުގެފާނަށް ހޫނު މޫސުމުގައި ފިނި މޫސުމުގެ  މޭވާތައް،  އަދި ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާތައް ދެއްވާފައިވަނީ ވެސް ހަމަ މި ބިމުގައެވެ. ޢީސާގެފާނު ރައްކައުވެ ތުއްޕުޅުކަމުގެ ދާންމަތިކޮޅުގައި މީސްތަކުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވީ މި މާތް ބިމުގައެވެ. އަހަރުމެންގެ މާތް ރަސޫލާ މުޙައްމަދު zގެ އިސްރާ ދަތުރުފުޅު ކުރެއްވީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށެވެ. އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ނަމާދުފުޅުކުރެއްވީ މި މާތް މިސްކިތްކޮޅުގެ ތެރޭގައެވެ. އެއަށް ފަހު އެ މިސްކިތްކޮޅުން ހަތްވަނަ އުޑަށް މިޢުރާޖުގެ މާތް ދަތުރުފުޅު ފެށްޓެވިއެވެ.

މި ބަރަކާތްތެރި މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ އެންމެ މުހިންމު ޤަޟިއްޔާއަށް ނުވާންވީ ކީއްވެގެންހެއްޔެވެ؟ އަލްމަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ  އެންމެ ޙުރުމަތްތެރި ތިން މިސްކިތްކޮޅުގެ ތެރެއިން އެއް މިސްކިތްކޮޅެވެ. އަޅުކަމެއްގެ ގޮތުގައި ދަތުރުކޮށް ބުރަ އުފުއްލައިގެން ދިޔުން ޝަރުޢުކުރައްވައިފައިވާ ތިން މިސްކިތްކޮޅުގެ ތެރެއިން  އެއް މިސްކިތްކޮޅެވެ.

މާތް اللهގެ މަދަދާ އެކު، މުސްލިމުންގެ ހިތްވަރާއި ޖިހާދުގެ ސަބަބުން ޢުމަރުގެފާނުގެ ޚިލާފަތުގައި ޤުދުސް މިނިވަން ކުރެވުނީ، ރޯމަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ދަށުގައި ހަތް ސަތޭކަ އަހަރު އޮތުމަށް ފަހުގައެވެ. އިސްލާމީ އުންމަތުގެ ޚަލީފާއަކަށް ހުންނަވައި، ފުރަތަމަ ފަހަރަށް މަދީނާގެ މާތް ބިމުން ޢުމަރުގެފާނު ނުކުމެވަޑައިގެން، ބައިތުލްމަޤްދިސަށް ދަތުރުފުޅު ކުރައްވައި ޤުދުސްގެ ތަޅުދަނޑިއާ ހަވާލުވެ ވަޑައިގަތުމުން، އެ ރަށުގެ މާތްކަމާއި މުހިންމުކަން އިތުރަށް ހާމަވެއެވެ.

ރަސޫލާ z ވަނީ މުސްލިމުން ބައިތުލްމަޤްދިސް ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޤިޔާމަތް ވުމުގެ ކުރިން ހަ ކަމެއް ހިނގާނެތެވެ. އޭގެތެރޭގައި ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި، ބައިތުލްމަޤްދިސް ފަތަހަކުރުންވެއެވެ.

މީލާދީން އެއްހާސް ނުވަދިހަ ނުވަވަނަ އަހަރުގެ ޖުލައި މަހުގެ ތޭރަވަނަ ދުވަހު ޞަލީބީން ޤުދުސަށް އަރައި، އަމާން ދީފައިވާ މުސްލިމުންގެ ތެރެއިން، ހަތްދިހަ ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ކަތިލިއެވެ. މި ޤަތުލުޢާއްމުގެ ސަބަބުން ޤުދުސްގެ ސަރަޙައްދުގައި ވަނީ ލޭގެ ކޯރުތައް ހެދިފައެވެ. ޖުލައި ސާދަވަނަ ދުވަހު ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑް، އަލްމަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނީ މަރައިލައިފައިވާ މުސްލިމުންގެ ހަށިތައް މަތީގައެވެ. އެމީހުން ޤުދުސްގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރިއެވެ. ނަމަވެސް މުސްލިމުންގެ ހިތްވަރުގަދަ ބަޠަލު  ޞަލާހުއްދީނުލް އައްޔޫބީ رحمه الله އެގާރަ ސަތޭކަ އައްޑިހަ ހަތްވަނަ އަހަރު ޤުދުސް ފަތަޙަކުރެއްވުމަށް ފަހު ޢަމަލުކުރެއްވީ އިސްލާމްދީނުގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށެވެ. އޯގާވެރި ވެރިއަކު ޢަމަލުކުރައްވާނެ ގޮތަށެވެ.

ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫނެވެ. އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫނެވެ. އެކަމަކު އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެކެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެއެވެ. އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެއެވެ.

ޤުދުސަކީ ޔަހޫދީންގެ ރަށެއް ނޫނެވެ. އެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންނެވެ. އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ތިން ހާސް ފަސް ސަތޭކަ އަހަރު ކުރީންނެވެ. ޢަރަބީން މި ބިމުގައި ދިރިއުޅެމުން ދަނިކޮށް ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޛާ ދަރިކޮޅުގެ މީހުން މި ބިމަށް އައިސް ބަނޑަހަޖެހީއެވެ. މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެކެވެ. އެއީ ބައިނަލްއަޤްވާމީ ހުރިހައި ޤާނޫނުތަކާއި ޤަރާރުތަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ ޢުދުވާނެކެވެ.

ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ޙީލަތްތެރި ރޭވުމުގެ ދަށުން، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އިސްލާމީ ޚިލާފަތު ވައްޓައިލައި، ފަލަސްޠީނު އިނގިރޭސި ވެރިކަމުގެ  ދަށަށް ގެންދިޔައެވެ. ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދިއެވެ. މި ވަޢުދާ ވިދިގެން ދުނިޔޭގެ އެތަން މިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވިއެވެ. އިނގިރޭސީންނާއި

ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ޔަހޫދީން ހަތިޔާރާއި ތަމްރީނުހޯދައި، ފަލަސްޠީނުގެ ބިމަށް ވެރިވެގަތީއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ފަލަސްޠީނުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ވަޒަނެއް ޤާއިމުކުރީއެވެ.

ޔަހޫދީން ނަވާރަސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ޤުދުސް ހިފައި އަލްމަސްޖިދުލްއަޤްޞާ އަންދައިލުމުން ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާ މުޚާޠަބުކޮށް ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެތެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ހާސް ނުވާށެވެ! މިޖީލުގެ މީހުން ނުވަންނާނެތެވެ. އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ.

ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެކެވެ. އެއީ މުސްލިމުންގެ ބިމެކެވެ. މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނެނގޭ ކަހަލައެވެ. ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ.

އިސްލާމީ އުންމަތުގެ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ސިފަކުރައްވައި ރަސޫލާ ޙަދީޘްކުރައްވައިފައި ހަދީޘެއްގެ މާނައިގައި ވެއެވެ. "އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، އަޅައިލުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާވެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅައިފި ނަމަ، އެހެން ގުނަވަންތައް ހޭލައި ހުރުމާއި ހުން އައުމުގައި އެ ގުނަވަނަކާ ބައިވެރިވާނެއެވެ."

ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު މިއަދު މިވަނީ، ދެ ބިލިޔަނަށް އަރައިފައެވެ. ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިޔަނެވެ. ސުވާލަކީ، މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުން ހެއްޔެވެ؟ މީގެ ޖަވާބު ކީރިތި ރަސޫލާ ވަނީ، ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވާ ހަދީޘެއްގެ މާނައިގައިވެއެވެ. "ބަޔަކަށް ޖާފަތަކަށް އަންނާން ގޮވުމުން، އެބައިމީހުން އައިސް ކާތަކެތީގެ މަށްޗަށް އަރައިގަންނަ ފަދައިން، އުންމަތްތައް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެއްޖެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އެކަން އެ ދުވަހަކުން ވާނީ ތިމަންމެންގެ ބައި މަދުވެގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އަދި ކިއެއްހެއްޔެވެ؟ އެ ދުވަހަކުން، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވާހުށީ، އޮއިކުނިތަކެއް ފަދަ އެއްވެސް އަގެންނެތް ބަޔަކަށެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން، الله سُبْحَانَهُ وَتَعَالَى، އެ ހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާނެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭ، اللهގެ ރަސޫލާއެވެ! ވަހުނަކީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ، ދުނިޔެއަށް ދަހިވެތިވުމާއި، މަރަށް ނުރުހުންތެރި ވުމެވެ."

ނޯޓް: މިއީ އޮގަސްޓް 16 ވަނަ ދުވަހުގެ ހުކުރު ހުޠުބާއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *