މި އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގައި ހދ. ހިރިމަރަދޫ ސްކޫލުގެ މޫސާ ޤައިސް ދިނީ އެރަށާއި ސްކޫލަށް ވެސް ބޮޑު ސަޕްރައިޒެކެވެ. ސާނަވީ އިމްތިޙާނުގައި ހަތް މާއްދާއިން އޭ ސްޓަރ، އެއް މައްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ވަނީ ހޯދާފައެވެ. މިއީ އެ ސްކޫލުގެ ތާރީޚުގައި ވެސް މިހާތަނަށް ދަރިވަރަކު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
މޫސައަށް އޭ ލިބުނީ ދިވެހިންނެވެ. ދިވެހި މާއްދާ ރިޗެކް ކުރަން ހުށަހަޅަން އޭނާ ބޭނުމެވެ.
" ގަދަ ދިހައަކަށް ޓާގެޓް ކުރިން. އުއްމީދު ކުރީ ގަދަ ފަހަކާ ހިސާބަށް. ދެ ވަނަ ލިބުމަކީ އެއީ އަޅުގަނޑަށް ވެސް ސަޕްރައިޒެއް" ދަރިވަރު ނޫހަށް މޫސަ ބުންޏެވެ.
ގުރޭޑް 10ގެ ދަރިވަރުންނަށް ދިވެހި މާއްދާ ކިޔަވައިދިން ހިރިމަރަދޫ ސްކޫލުގެ ލީޑިންގ ޓީޗަރު އަދި ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އާމިނަތު މާޖިދާ ވިދާޅުވީ، މޫސަ ދިނީ ރަށާއި އެ ސްކޫލަށް ސަޕްރައިޒެއް ކަމަށެވެ. މޫސައަށް ދިވެހިން ލިބުނު ނަތީޖާ ބަދަލުވުމުގެ ފުރުޞަތު އޮތް ކަމަށާއި އެހެންވެ ދިވެހި މާއްދާ ރިޗެކް ކުރަން އެ ސްކޫލުން ވެސް ބޭނުންވާ ކަމަށް މާޖިދާ ވިދާޅުވިއެވެ.
މޫސަ ބުނީ، އުނދަގޫ ވަކި މާއްދާއެއް ނެތް ކަމަށާއި އެހެން މާއްދާތަކާ އަޅާބަލާއިރު ދިވެހި މާއްދާ އުނދަގުލަސް މޮކް އެގްޒާމުން އޭ ސްޓަރ ހޯދުނު ކަމަށެވެ.
މޫސައާއެކު ކިޔެވި ހަތަރު ކުދިންނަކީ ވެސް ކިޔަވަން ޚާއްޞަ ސަމާލުކަންދިން ކުދިންނެވެ. އޭނާއަށް ލިބުނު ނަތީޖާއަކީ ޓީޗަރުން ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާކަމަށް މޫސަ ގަބޫލުކުރެއެވެ.
" ސްކޫލަކީ އެހާ ބޮޑު ސްކޫލަކަށް ނުވާތީ ވަޞީލަތްތަކެއް ނުލިބޭ. އެކަމަކު ވެސް ޓީޗަރުން ކިޔަވައިދޭ ގޮތް ކަމުދޭ. އަހައި އޮޅުން ފިލުވައިދޭ، ސްކޫލާ މެދު ނެތް ބުނާނެ އެއްޗެއް. ވަރަށް ހިތްހަމަ ޖެހޭ" މޫސަ ބުންޏެވެ.
މޫސަ ކިޔަވަނީ އެކަންޏެވެ. އެގާރަ ޖަހަންދެން ބައެއް ރޭރޭ ކިޔަވަން އިނދެއެވެ. އާދަވެގެން ފަތިސްނަމާދަށް ތެދުވެ ފިލާވަޅު ދަސްކުރެއެވެ. ފިލާވަޅުތަކަށް ބޭނުންވާ އިތުރު އެހީ ހޯދަނީ ޔޫޓިއުބުންނެވެ.
މޫސަ ބުނީ އޭނާއަށް ލިބުނު ނަތީޖާއާމެދު މަންމައާއި ބައްޕައާއި އާއިލާގެ އެންމެން ތިބީ ވަރަށް އުފަލުން ކަމަށެވެ.
" ނަތީޖާއަށްފަހު، މަންމައާއި ބައްޕަ އަދި އާއިލާގެ މެމްބަރުންގެ މޫނުމަތިން އެ ފުނުނު އުފާވެރިކަމަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން" މޫސައަށް ލިބުނު ކާމިޔާބީގައި މަންމަގެ ހެޔޮ ދުއާއާއި އަބަދު ދެމުން ދިޔަ ނަޞޭހަތް ފުދެއެވެ.
" ވާނެއޭ ހިތްވަރުކުރާށޭ، މަސައްކަތް ކޮށްފިއްޔާ ވާނެއޭ އަބަދު ވެސް މަންމަ ބުނާނެ"
މޫސައަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ކިޔެވުމުގެ އިތުރުން ހުރިހާ ހަރަކާތެއްގައި އޭނާގެ ބައިވެރިވުން އޮވެއެވެ.
ހިޔާލު