ޑރ. އާސިޔަތު މުޙައްމަދު ދީދީ
އެންމެ ފުރަތަމަ، ހިތަދޫ ސްކޫލުން ގުރޭޑު 10 އެއް ނިންމި މިސްގެ ލޯބިވާ ދަރިވަރުންނަށާއި ރާއްޖޭގެ ހުރިހާ ސްކޫލަކުން އޯލެވެލް ނިންމައި ނަތީޖާ ލިބުނު ހުރިހާ ދަރިވަރުންނަށް އިހުލާތެރި މަރުޙަބާއެއް ދަންނަވަމެވެ. ތިޔަ ދަރިވަރުންގެ ހިތަވަރާއި މަސައްކަތަށް ތަޢުރީފާއި ސާބަހުގެ ބަސްތައް ރައްދުކުރަމެވެ. މިސް އެދެނީ ތިޔަ ހުރިހާ ދަރިވަރުންވެސް، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު، އިތުރު ހިތަވަރަކާއެކު މުސްތަޤުބަލަށް ކުރާ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ފެށުމެވެ. ހަނދާންކުރަންވީ ހަޤީޤަތަކީ، ކާމިޔާބީއަކީ ހިތަވަރާއެކު ބުރަ މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ އެއްޗެއްކަމެވެ.
2024 ވަނަ އަހަރުގެ އޯގަސްޓް 13 ވަނަ ދުވަހަކީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އޯލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނު ދުވަހެވެ. މި ދުވަހު މީސްމީޑިއާގައި އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ދަރިވަރުންގެ ނަތީޖާތަކާއި، ސްކޫލްތަކުން ޝާއިޢުކުރި ޕޯސްޓްތަކާއި، އަދި އެންމެ މޮޅު ދިހަ ދަރިވަރުންގެ ވާހަކަތަކެވެ. މިފަދަ ޕޯސްޓްތަކުން ފާހަގަކުރެވެނީ ހަމައެކަނި އެންމެ މަތީ ނަތީޖާ ހޯދި މަދު އަދަދެއްގެ ދަރިވަރުންގެ ކާމިޔާބީއެވެ. ނަމަވެސް، މިއީ ސްކޫލް ނިންމި އެންމެހައި ދަރިވަރުންގެ މަސައްކަތާއި ކާމިޔާބީގެ ފުރިހަމަ ތަޞައްވުރެއް ނޫނެވެ. މި ޙާލަތުގައި، ސްކޫލް ނިންމި ގިނަ އަދަދެއްގެ ދަރިވަރުންގެ މަސައްކަތާއި ޙާޞިލުކުރެވުނު ނަތީޖާތަކުގެ އަގު ވަޒަންނުކުރެވޭކަމުގެ އިޙްސާސް އުފެދެއެވެ. ހަނދުމަކުރަންޖެހޭ މުހިންމު ޙަޤީޤަތަކީ، މި ހުރިހާ ދަރިވަރުންނަކީވެސް 10 އަހަރު ވަންދެން އެއް މުދައްރިސުންތަކެއްގެ އިރުޝާދާއި ތަރުބިއްޔަތުގެ ދަށުން ތަޢުލީމު ޙާޞިލުކޮށްފައިވާ ދަރިވަރުންކަމެވެ. ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރެއްގެ ޤާބިލިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން ވަނީ ކާމިޔާބީ ހޯދާފައެވެ.
އަޅުގަނޑު މިވާހަކަ ދައްކާއިރު ކުރެވޭނެ ސުވާލަކީ އަޅުގަނޑަކީވެސް ޕުރިންސިޕަލަކަށް ވެހުރެ އަޅުގަނޑު މަސައްކަތް ކުރާ ސްކޫލުން ވެސް މިކަންކުރަނީ ކީއްވެތޯއެވެ. ޖަވާބަކީ މިއަދުގެ މުޖުތަމަޢްގައި ކަންތައް ހުރި ގޮތުން ކިތަންމެ ޤަބޫލު ނުކުރިޔަސް މިއަދު މިވާހަކައާއި މިފަދަ ކިތަންމެ ވާހަކަ ލިޔަން އަޅުގަނޑަށްވެސް މިވަނީ މަޖްބޫރުވެފައެވެ. އަޅުގަނޑު މަސައްކަތްކުރާ ސްކޫލްގެ ނަތީޖާ ވަރަށްވެސް ރަނގަޅެވެ. މި ފަޚުރުވެރި ނަތީޖާއަށްޓަކައި ޝުކުރު ޙައްޤުވަނީ ރެޔާއި ދުވާލު މަސައްކަތްކުރި ހުރިހާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ހީވާގި މުދައްރިސުންނަށާއި، އެހީތެރިވި އެންމެހައި ބެލެނިވެރިންނަށެވެ. ޚާއްޞަކޮށް، އެއްވެސް ދަރިވަރަކު ބާކީނުކޮށް، ކޮންމެ ކުއްޖަކަށްވެސް އޭނާއަށް ޙާޞިލުކުރެވޭނެ އެންމެ މަތީ ނަތީޖާ ހޯދައިދިނުމަށް ގުޅިގެން ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބުވެފައި ފުރިހަމައެވެ. ނަމަވެސް، ކޮންމެ ސްކޫލަކުންވެސް ކުރަނީ އެއް މަސައްކަތެއް ކަމަށްވާއިރު، އެއްބަޔަކު އަނެއްބަޔަކަށްވުރެ މޮޅުކަން ދެއްކުމަށް މިފަދަ ވާހަކަތައް އިޝްތިހާރުކުރަން ޖެހޭތޯ ސުވާލު އުފެދެއެވެ. މަދު ކުދިންތަކެއްގެ ވާހަކައިން ކާމިޔާބީ މިނެކިރާއިރު، ދެން .ތިބި ގިނަ ކުދިންނަށް ވާގޮތް ވިސްނާލަން ޖެހެއެވެ.

އެއްވެސް ޝައްކެތް ނެތް ގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ތެރެއަށް މިވަނީ ވަރަށްވެސް ގޯސް ސަގާފަތްތަކެއް ވަދެފައެވެ. އޯލެވެލް ނަތީޖާއަށް ބަލައި ސްކޫލްތައް ކޮންޕެއަރކުރުމުގެ ސަގާފަތާއި، ގަދަދިހައަކަށް އިންތިހާއަށް ސަމާލުކަންދިނުމުގެ ސަގާފަތާއި، ދަރިވަރުން ފާސްވާ އިންސައްތައަށް ބެލުމުގެ ބަދަލުގައި ގަދަދިހައެއް ގެ އަދަދަށް ބަލާ ސަގާފަތާއި، ފެއިލްވާ ނިސްބަތް ހަނދާން ނައްތާލާ ސަގާފަތާއި، އެއް ސްކޫލަށްވުރެ އަނެއް ސްކޫލް މޮޅުކަމަށް ދައުވާކުރުމުގެ ސަގާފާތާއި، ދަރިވަރުންގެ ނަތީޖާތަކަކީ ގްރޭޑް 10 އަށް ކިޔަވައިދެއްވާ ޓީޗަރުންގެ އެކަނި މަސައްކަތްކަމަށް ދޭހަވާ ސަގާފަތާއި، މިވަނީ ސްކޫލްތަކުގެ ތެރޭގައި ވަރަށް ވަރުގަދައަށް ވަކިހިއްޕާފައެވެ.

ހަގީގަތަކީ މިހުރިހާ ކަންކަމަކީވެސް ސްކޫލްތަކުގެ ތެރެއިން ނައްތާލަންޖެހޭ ސަގާފަތްތަކެކެވެ. އަޅުގަނޑުމެން މަސައްކަތްކުރަނީ ސަރުކާރުގެ ސްކޫލްތަކުގައެވެ. ސަރުކާރުގެ ސްކޫލްތަކަކީ ހުރިހާ ދަރިވަރުންނަށް އަޅާލާ ނިޒާމެއް ދިރުވަންޖެހޭ ތަންތަނެވެ. ހަގީގަތުގައި ކޮންމެ ކުއްޖަކީވެސް ކާމިޔާބު ކުއްޖަކަށް ވުމުގެ ފުރުސަތު އޮތް ކުއްޖެކެވެ. ވަކި ނަސަބަކަށް ނިސްބަތްވާ ކުއްޖަކަށްވީމާ ކުއްޖާ މޮޅުވާކަމަށް ދެކެވޭ ވާހަކައަކީ ބިލާހެކެވެ.
ސްކޫލެއްގެ ގުރޭޑޫ 10އެއް ނިންމާ ކުއްޖާ މުޅި ސްކޫލްދައުރު ކިޔެވީ އެ ސްކޫލްގައި ތޯއެވެ؟ އެކުއްޖާއަށް ކިޔަވައި ދެއްވީ ގުރޭޑު 10އެއްގެ މުދައްރިސުން އެކަނިތޯއެވެ؟ ކުއްޖަކު އެއް އަހަރުދުވަހުގެ ތެރޭގައި ކާމިޔާބު ކުއްޖަކަށް ހެދިދާނެތޯއެވެ؟ އެއް ސްކޫލްގައި ކިޔަވަކިޔަވާހުރި ކުއްޖާ އަނެއް ސްކޫލަށް ގެންދިއުމަށް މާރކެޓުކުރަން ޖެހޭތޯއެވެ؟ ސްކޫލްގައި ކިޔެވި ހުރިހާ ދަރިވަރުން އިމްތިހާނުގައި އިށީންތީ ޔަގީންކުރެވޭ ތޯއެވެ؟ އެދަރިވަރުންގެ ތެރެއިން ފެއިލްވި ދަރިވަރުންނަށްވީ ކިހިނަކުންތޯއެވެ؟ މިއީހައްތާހާވެސް ކަންބޮޑުވުންތަކެވެ

ކުއްޖަކު މޮޅުވާނީ އެކުއްޖެއްގެ ޝައުގުވެރިކަން ހުންނަ ރޮނގަކުން އެކުއްޖަކަށް ފުރުސަތުލިބި އެކަމަށް އެކުއްޖާއަށް އެކަށޭނެ އެހީތެރިކަމެއް ލިބިގެންނެވެ. މަންމަގެ އުނގުންފެށިގެން އެކުއްޖާ ތަޖުރިބާކުރާ ކަންތައްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. ގިނަ ތަންތަން ފެންނަ ކުއްޖާއާއި، ގިނަ މީހުންނާ ބައްދަލުވާ ކުއްޖާއާއި، ގިނަ ވަގުތު މަސައްކަތްކުރާ ކުއްޖާފަދަ ކުދިންނަކީ އެ ކުދިންގެ ހަޔާތުގައި ކާމިޔާބީއާ ބައްދަލުކުރާނެކުދިންނެވެ. މީގެ އަނެއްކޮޅަށް ބަލާއިރު، ގިނަ މާއްދާއިން ފާސްވުމާއި، ގަދަދިހައެއްގައި ހިމެނުމާއި، އެވްރެޖަށްވުރެ މަތީ ނަތީޖާ ހޯދުމަކީ، ދިރިއުޅުމުގައި ކާމިޔާބުވާނޭކަމުގެ ހެއްކެއްނޫނެވެ. ނަމަވެސް، ގިނަ މާއްދާތަކުން ފާސްވުމަށް މަސައްކަތްކުރުމަކީ ދަރިވަރުން ހިއްވަރާއެކު ކުރަންނުޖެހޭކަމޭ ބުނުމަކީ އެންމެ އިންސާފުވެރި ބުނުމަކަށް ނުވެދާނެއެވެ. ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަންޖެހޭނީ އެކުއްޖަކަށް ހޯދުނު އެންމެ މަތީ ނަތީޖާއެއް ހޯދާށެވެ. އެހެނަސް އެއްވެސް މީހަކަށް ދައްކާކަށް ނުވަތަ އެއްވެސް މީހަކު އެވާކަ ތަނެއްގައި ލިޔާނެ ކަމަކަށް ނޫނެވެ. އަމިއްލަ ނަފުސުގެ ކުރި އެރުމަށް ޓަކައެވެ.

މިއަދު ވިސްނާލަންޖެހިފައިވާ ހަގީގަތަކީ ސްކޫލްތައް ގަދަދިހައަކުން ނެއްޓި، ހުރިހާ ދަރިވަރުންނާ މެދު ފަޚުރުވެރިވެ، ދަރިވަރުން ފެއިލްވާ ނިސްބަތް ސުމަކަށް ހެދޭތޯ މަސައްކަތްކުރާ ސަގާފަތެއް ދިރުވޭތޯ މަސައްކަތްކުރަންމިވަނީ ޖެހިފައެވެ. މިފަދަ ހެޔޮ ބަދަލުތަކެއް ފެންނާނެ ދުވަހެއް އަވަސްވުމަކީ އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއެވެ. މި މަސައްކަތުގައި، ކޮންމެ ދަރިވަރެއްގެ ވަކި ހުނަރުތަކާއި ޤާބިލިއްޔަތުތައް ފާހަގަކޮށް، އެ ކުދިންގެ ފުރިހަމަ ޤާބިލިއްޔަތު ތަރައްޤީކުރުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެންގެ އަމާޒު ކަމުގައި ހަދަންވާނެއެވެ. މިގޮތުން، ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
advertisment
ހިޔާލު