އުއްމީދު ކުރަނީ ދިވެހިން ލިބުނު އޭ، އޭ ސްޓަރއަކަށް ބަދަލުވެ ސާނަވީން އެއްވަނަ ލިބުމަށް
ނިމިދިޔަ ސާނަވި އިމްތިޙާނުގައި ބ. ކިހާދޫ ސްކޫލުން 12 ދަރިވަރުން ބައިވެރިވިއެވެ. ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި، އޭގެ ތެރެއިން ޝައިޙާ މުޙައްމަދު ނާފިޒު ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދުމަކީ އެއީ އެ ސްކޫލުގެ ދަރިވަރަކު މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އެ ސްކޫލުގެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި މީގެ ކުރިން ވެސް ހިމެނުނެވެ.
12 ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި މި ފަހަރު ހިމެނުމަކީ ބޮޑު ކާމިޔާބެއް ކަމަށް ކިހާދޫ ސްކޫލުން ފާހަގަކުރެއެވެ. އެ ސްކޫލުން ބުނީ، ސާނަވީ އިމްތިޙާނުގައި ބައިވެރިވި 92 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށެވެ. ދިވެއްސާއި އިސްލާމާއި ބައޮލޮޖީއާއި ކެމިސްޓްރީން ހުރިހާ ކުދިން ފާސްވިއިރު، އިނގިރޭސި މާއްދާއިން 83 އިންސައްތަ، އެކައުންޓިންއިން 88 އިންސައްތަ ދަރިވަރުން ފާސްވި ކަމަށެވެ.
ޝައިޙާއަށް އެއްވަނަ އަށް ނޭރުނީ ދިވެހި މާއްދާއިން އޭ ސްޓަރއެއް ލިބުމުންނެވެ. އޭނާ ކިޔެވި ކޮންބައިން ސްޓްރީމްގެ އެހެން ހުރިހާ މާއްދާތަކުން އޭ ސްޓަރ ލިބުނެވެ.
ގަދަ ދިހައެއްގައި ހިމެނުނު ކިހާދޫ ސްކޫލުގެ ދަރިވަރުން:
- ޝައިޙާ މުޙައްމަދު ނާފިޒު ( 2ވަނަ)
- އަމާން ހުސައިން ރަޝީދު (8ވަނަ)
- ފާތިމަތު ޝައިފާ މުޙައްމަދު ސިޔާމް (8ވަނަ)
- ފާތިމަތު މައިޝާ ( 10ވަނަ)
ދެވަނަ ލިބުނު ޝައިޙާ ދަރިވަރު ނޫހަށް ރޭ ކިޔައިދިން ގޮތުގައި، ސާނަވީން ދެވަނަ ލިބުމަކީ އެއީ ސަޕްރައިޒް ނަތީޖާއެއް ކަމަށާއި އެ ހިސާބަށް ދެވޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
" އެއީ އުއްމީދު ކުރި ނަތީޖާއެއް ނޫން. ދެވަނައަށް ދެވުމަކީ އެއީ ބޮޑު ސަޕްރައިޒެއް" ނަތީޖާއާ މެދު ހިތްގަމަޖެހިފައި ހުރި ޝައިޙާ ބުންޏެވެ.
ޝައިޙާ ބުނީ، ގުރޭޑް 10ގެ ދެ ޓާމުގައި ނެގި ޓެސްޓްތަކުން ވެސް ދިވެހިން ލިބުނީ އޭ އެއް ކަމަށާއި ސާނަވީ އިމްތިޙާނުގައި ދިވެހިން ލިބުނު އޭ، އަށް ސްޓާއެއް އިތުރުކުރެވޭތޯ ރިޗެކްކުރަން ލާނެ ކަމަށެވެ. ކިހާދޫ ސްކޫލުން ބުނެފައި ވަނީ ރިޗެކް ކުރުމުން ނަތީޖާއަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.
ޝައިޙާ ބުނީ އޭނާގެ ނަތީޖާ އެ ހިސާބަށް ގެންގޮސް ދިނުމުގައި ސްކޫލުގެ މުދައްރިސުންގެ ހިއްސާ ބޮޑު ކަމަށާއި ޓިއުޝަނަކާ ނުލައި ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އޭނާގެ އާއިލާއާއި މަންމައާއި ބައްޕަ ކޮށްދިން މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.
ޝައިޙާ ބުނީ، ކުރިން ފިލާވަޅު ދަސްކުރަމުން އައީ ފޮތެއްގައި ލިޔެގެންކަމަށާއި މި ފަހަކަށް އައިސް ފިލާވަޅު ދަސްކުރަނީ ފޮތެއްގައި ޑޫޑުލް ކުރަމުން ކަމަށެވެ.
" ލިޔެގެން ނޫނީ ޑޫޑްލް ކުރަމުން ބާރަށް ފިލާވަޅު ކިޔައިގެން ނޫން ގޮތަކަށް ފިލާވަޅުތައް ދަސްކުރަން އުނދަގޫ" ޝައިހާ ބުންޏެވެ.
ފިލާވަޅު ދަސްކުރަން އޭނާއަށް ފަސޭހައީ ދެ ނަމާދު ދޭތެރޭގައެވެ. ޓެސްޓް ކައިރިވެއްޖިއްޔާ އެހެން ގަޑިތަކުގައި ވެސް ކިޔެވުމަށް ހުސްކުރެއެވެ. ޝައިހާއަށް އެންމެ ބޮޑު ސަޕްރައިޒިން ނަތީޖާއަކީ އިނގިރޭސި މާއްދާއިން އޭ ސްޓަރއެއް ލިބުމެވެ.
ޝައިޙާ ބުނީ ރަނގަޅު ނަތީޖާއަށް ލިބޭތޯ ނަމާދުކޮށް ދުޢާކުރި ކަމަށެވެ. ކިޔަވާ ކޮންމެ ކުއްޖެއްގެ ކިބައިން އޭނާ އެދުނީ ވެސް ރަނގަޅު ނަތީޖާއެއް ހޯދަން، ދުވަހުން ދުވަހަށް މަސައްކަތް ނިންމާފައި ނަމާދާއި ދުޢާއިން ވާގި ހޯދުމަށެވެ.
ޝައިޙާއަކީ ޕްރިފެކްޓެއްގެ އިތުރުން ވޮކޭޝަނަލް ކުލަބުގެ ޕްރެޒިޑެންޓެވެ.
ހިޔާލު