ނިއުމާ މުހައްމަދު (ނިއުމާ މިސް)
ލޯބިވާ މަންމައާއި ބައްޕައަށް،
ވެދުން ސަލަާމް.
އަޅުގަނޑު މިސިޓީ މިލިޔަނީ އަޅުގަނޑުގެ ޓެސްޓުގެ ނަތީޖާގެ ސަބަބުން މަންމައާއި ބައްޕަގެ އަބަދު ހިނިތުންވެފައި ހުންނަ މޫނުމަތިން މާޔޫސްކަން މިއަދު ފެނުނީމައެވެ. މި ޓެސްޓަށް ތައްޔާރުވުމަށް އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތް ކުރީމެވެ. އަދި މަންމައާއި ބައްޕަގެ ފުރިހަމަ އެހީތެރިކަމާއި ލޯބި ލިބުނެވެ. އަޅުގަނޑާއި އެކު ރޭގަނޑު ދަންވަރުހޭލައި ވެސް މަންމަ/ބައްޕަ ހުރެއެވެ. އަޅުގަނޑު ރޭގަނޑުވެސް ކިޔަވައި ބައެއް ދުވަސްދުވަހު ދުވާލު އެއްވެސް އަރާމެއް ނެތި ވަރަށް ގިނައިރު ފޮތްކިޔައި ޕާސްޓް ޕޭޕަރު ވެސް ހެދީމެވެ. އަދި އަމިއްލައަށް އިސްނަގައިގެން މުދައްރިސުންކައިރިން އަޅުގަނޑަށް ނޭގޭ/ނުވިސްނޭ ބައިތައް ހޯދައި އޮޅުންފިލުވީމެވެ. ޓެސްޓަށް ދިއުމުގެ ކުރިން އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭ ވަރަށް ފޮތްތަކާއި މައުލޫމާތު ކިޔައި ފަރިތަ ކުރީމެވެ. މިގޮތުން ޓެސްޓް ޕޭޕަރުގައިވާ ހުރިހާ ސުވާލެއް އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ.
މިއަދު މިއޮތީ އަޅުގަނޑުގެ ހެދި އިމްތިހާނު/ ޓެސްޓުގެ ނަތީޖާ ލިބިފައެވެ. މިއަދު މިލިބުނު ނަތީޖާ އަކީ އަޅުގަނޑުގެ ކުރިއެރުން ވަޒަންކުރާ އެއް ގޮތް ކަމުގައި ވިއަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަތީޖާއަކުން ނުފެންނާނެ އެތައް ކަމެއް މި 12/10 އަހަރު ތެރޭ އަޅުގަނޑަށް އެނގި ދަސްވެއްޖެއެވެ. ވީމާ އަޅުގަނޑާއި ދޭތެރޭ ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑަށް ލިބިފައިވާ ރީތި އުޅުމާއި، އަޚުލާޤާއި ދަސްވެފައިވާ އަމަލީ ތަޖުރިބާތަކުގެ އަގު ވަޒަން ކުރުން ވެސް މުހިންމެވެ.

މި ދިގު އިލްމީ ދަތުރުގައި އަޅުގަނޑަށް މިވަނީ ވަރަށް ގިނަ ކަންތައްތަކެއް މުދައްރިސުންގެ ފަރާތުން ވެސް އެނގި ދަސްވެފައެވެ. މިއީ 2 ގަޑިއިރުގެ ޓެސްޓް ޕޭޕަރެއްގައި އަޅުގަނޑަށް ލިޔެ ދެއްކޭނެ އެއްޗަކަށް ވުރެ ގިނަ ބައިތަކެކެވެ. މިގޮތުން އަޅުގަނޑުގެ ހަޔާތުގައި ދާއިމަށް އަބަދަށްޓަކައި ހަރުލާފައި ހުންނާނެ ހުނަރުތަކެއް މުދައްރިސުން ދަސްކޮށްދެއްވައިފިއެވެ. މިހުނަރުތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ކުރިމަތިލައި އެމަސައްލަ ހައްލުކުރާނެ ގާބިލްކަން ހޯދައި ދެއްވިއެވެ. ބިނާކުރަނިގޮތަށް ވިސްނުން ކުރިއަށް ގެންދާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގެ މިސާލުތައް/ ނަމޫނާތައް މެދުވެރި ކުރުވައި ކުލާހުގައި އެތައް ގޮތަކަށް އަޅުގަނޑުމެން ލައްވައި ފަރިތަކޮށް، އަޅުގަނޑުމެންގެ ވިސްނުން ތަނަވަސް ކޮށްދެއްވަން މަސައްކަތްކޮށްދެއްވިއެވެ. ކުލާހުގެ ކޮންމެ މަސައްކަތެއްވެސް ތައްޔާރުކޮށް ފަރުމާކޮށް ކުރިއަށް ގެންދަވާފައިވަނީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށެވެ.
ފިލާވަަޅުތަކުގެ ތެރެއިން އެތައް ގޮތަކަށް މީހުންނާ ރީތިކޮށް މުއާމަލާތްކުރަން (މުއާސަލާތީ ހުނަރުތައް- ވާހަކަދެއްކުން، މަޝްވަރާކުރުން، ހުަށަހެޅުން، ބަހުސްކުރުން، ސިޓީ، އީމެއިލް ފަދަ)ދަސްކޮށް ދެއްވިއެވެ. ގުރޫޕު މަސައްކަތްތަކުގެ ތެރެއިން އެހެން މީހުންނާއި ގުޅިގެން އުޅޭނީ ކިހިނެއްކަން ބުނެދެއްވިއެވެ. ރީތި ނަމޫނާތައް މުދައްރިސުން ދެއްކެވިއެވެ. ފިލާވަޅުތަކުގެ ތެރެއިން ބައިވެރިންނަށް އޯގާތެރިވެ ހަމްދަރުދީވެ އެއްބާރުލުން ދިނުން (ޓީމްވޯރކް)މީ ވަރަށް މުހިންމު ކަމެއްކަން އެނގި ދަސްވެއްޖެއެވެ. ކަންކަން ޕުލޭންކޮށް ރޭވިފައިވާ ގޮތަށް ނުދާ ވަގުތުތަކުގައި ވެސް އެކަމުގެ ހައްލުހޯދައި އެހާލަތަކަށް އުޅެން ދަސްވެއްޖެއެވެ. މިސާލަކަށް ކިތަންމެ ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވެ ދިރިއުޅުމުގެ އެކި ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ދަސްވެއްޖެއެވެ. ހާއްސަކޮށް ދީނީ ނަސޭހަތްތައް ދެއްވާ ދީނުގެ ކަންތައްތައް އަޅުގަނޑުމެން ލައްވައި ތަޖުރިބާކޮށް އަމަލީގޮތުން ދަސްކޮށްދެއްވިއެވެ. މިއީ ފޮތެއް ކިޔައިގެން ޕޭޕަރެއް ހަދައިގެން އަޅުގަނޑަށް ދަސްވި އެއްޗެއް ނޫނެވެ. މިއީ އަޅުގަނޑުގެ މި 12/10އަހަރު ތެރޭ ކިޔަވާ ދެއްވި ހުރިހާ މުދައްރިސުންގެ ހިކުމަތާއި މިންނަތް މަސައްކަތެވެ.

ހާއްސަކޮށް ސުކޫލުން ދަސްކޮށްދެއްވި، 21 ވަނަ ގަރުނުގެ ހުނަރުތައް މިއީ ޓެސްޓް ޕޭޕަރެއްގެ ނަތީޖާއަށް ވުރެ މިދުނިޔޭގައި އަޅުގަނޑުގެ ދިރިއުޅުން ކާމިޔާބީއަށް ވާސިލްވާން މާބޮޑަށް ބޭނުންވާ ހުނަރުތަކެކެވެ. ސަބަބަކަީ މީހުންނަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް ލިޓްރޭސީއާއި، ފާޑުކިޔައި ވިސްނުމުގެ ޤާބިލުކަން ފަދަ ކަންކަމަކީ ޓެސްޓް ނަތަީޖާއަކުން މިންކުރެވޭ ކަންކަމެއް ނޫނެވެ.
ކުރިމަގުގައި ކިތަންމެ ގޮންޖެހުންތަކާ އަޅުގަނޑަށް ކުރިމަތިލާން ޖެހުނަސް މިހުނަރުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އަޅުގަނޑަށް ކާމިޔާބު ހޯދޭނެއެވެ. އަޅުގަނޑަށް މިއަދު A ސްޓާރތައް ނުލިބުނަސް، މި ލިބުނު ނަތީޖާގެ އަގުވަޒަން ކޮށް، އަޅުގަނޑު ކުރި ބުރަ މަސައްކަތާއި ކުރި ހިތްވަރުބަލައި ގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. މި އުނގެނުން މިހިސާބަށް މިގެނައީ ހަމައެކަނި ގުރޭޑް 10/9ގެ މުދައްރިސުންގެ އެކަނި މަސައްކަތުން އެކައްޱެއްނޫނެވެ. މި 12/10 އަހަރު ތެރޭ އަޅުގަނޑުގެ ހުރިހާ މުދައްރިސުންގެ ފަރާތުން ލިބުނު އަގުހުރި ފިލާވަޅުތަކާއި، ލޯތްބާއި، އެކުވެރިކަމާއި، ލިބުނު އެއްބާރުލުންތަކާއި، ތަޖުރިބާތަކާއި، އަޅުގަނޑު އެކި ރޮގުރޮގުން ކުރި އަރުވަން ލޯބިވާ މުދައްރިސުން ކުރެއްވި އެކިއެކި މަސައްކަތްތަކުގެ އަގުވަޒަން ކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
ލޯބިވާ ދަރިފުޅު
advertisment
ހިޔާލު